ފަލަސްޠީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ޢަދާލަތު ޕާޓީއަށް ކުރެވެންހުރިކަންކަން ދެނެގަނެ އެކަންކަން ކުރުމަށް ހުށަހެޅި ގަރާރު ފާސްކޮށްފިއެވެ.
އެ ޤަރާރު ފާސްކޮށްފައި ވަނީ ޢަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ހޮނިހިރު ދުވަހުގެރޭ ބޭއްވި ކުއްލި ބައްދަލުވުމުގެ ބައިވެރިންގެ އިއްތިފާގުންނެވެ. މި ޤަރާރު ހުށަހެޅުއްވީ ޕާޓީގެ ޢިލްމްވެރިންގެ މަޖްލިސްގެ ނައިބްރައީސް ޑރ މުހައްމަދު އިޔާޒް ޢަބްދުއްލަތީފްއެވެ.
މި ޤަރާރުގައި ހުށަހަޅާފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި 7 މެންބަރުންގެ ކޮމިޓީއެއްވެސް ހޮނިހިރު ދުވަހުގެރޭގެ ބައްދަލުވުމުގައި ވަނީ ނަގާފައެވެ.
އެ ގަރާރުގައި ބުނެފައި ވަނީ އަލްމަސްޖިދުލް އަޤްޞާ އަކީ މުސްލިމުންގެ ފުރަތަމަ ޤިބުލަކަމަށްވެފައި އެތަނުގެ ވަށައިގެންވާ ބިމަކީ މުސްލިމުންގެ މުޤައްދަޞް ބިންތަކަށް ވާއިރު، ފަލަސްތީނުގެ ޤަޟިއްޔާއަކީ ދުނިޔޭގެ ދެ ބިލިޔަނެއްހާ މުސްލިމުންގެ ހިތުގެ ވިންދާ ގުޅިފައިވާ މައްސަލައެއް ކަމަށެވެ. އަދި ޢަދާލަތު ޕާޓީ އުފެދުނީއްސުރެ އަޕާޓީއިން އެންމެ ބޮޑު އަހަންމިއްޔަތުކަމެއްދީގެން މަސައްކަތް ކޮށްފައިވާ އެއްކަމަކީ އަލްމަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ ޤަޟިއްޔާ ކަމަށްވެސް ވަނީ ބުނެފައެވެ. މި މައްސަލައަކީ އެއްވެސް ތަފާތެއްނެތި މުޅި ދިވެހި އުންމަތުގެ އެންމެހައި އަފްރާދުންގެ ހިތުގެ އެންމެ ފުނުގައި ބިންވަޅުނެގައިފައިވާ މައްސަލަ އެއް ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ.
ފަލަސްތީނުގެ ޣައްޒާއަށް ދާއިމީ ޙައްލެއް ހޯދައިފުމަށްދާންދެން މެދުއިރުމަތީގައި ސުލްޙަ ޤާއިމުވުމަކީ މުސްތަޙީލު ކަމަކަށް ވެފައި، މެދު އިރުމަތީގެ މަޞްރަޙު ހަލަބޮލިވުމަކީ ބައިނަލްއަޤުވާމީ ޞުލަޙަޔަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އެ ގަރާރުގައި ބަޔާންކޮށްފައިވެއެވެ. އަދި ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގެ ޣައިރު ޤާނޫނީ ވަޒަންވެރިންނާއި ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަލަސްތީނުގެ ރައްޔިތުންނާ ދެމެދު ހަނގުރާމަ ހިނގަމުންދާ އިރު ރައްޔިތުންގެ މައްޗަށް ޤަތުލުޢާންމެއް ހިންގައި، ބޯފެނާއި ކާނާއި ބޭސްފަރުވާއިން މަޙުރޫމުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ. އަދި ބައިނަލްއަޤުވާމީ ޤާނޫނުތައް މުގުރާލުމަށްފަހު ފަލަސްޠީނުގެ ބިމުގެ އަސްލު ވަޒަންވެރިން ކަމަށްވާ ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ބިމުން ގަދަބާރުން ބޭރުކޮށްލުމުގެ ނުރައްކާތެރި ޢުދުވާނީ ޖަރީމާ ހިންގަމުންދާ ކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ.
އެެހެންކަމުން ޢަދާލަތު ޕާޓީގެ ލަޔާޤަތާއި ޤާބިލުކަން ތަންދިން އެންމެ މަތީ މިންވަރަކަށް އަލްމަސްޖިދުލް އަޤްޞާ އާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި މަސައްކަތްކުރުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމަށް އެ ގަރާރުގައި ބުނެފައިވެއެވެ. އަދި ޞަޙްޔޫނީ ބާރުތަކުން ހިފާފައިވާ ފަލަސްޠީނުގެ ބިންތައް މިނިވަންކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ވިއްސިވިހާލިވެފައިވާ ފަލަސްޠީނުގެ ރައްޔިތުން އަނބުރާއެމީހުންގެ ވަޒަނަށް ރުޖޫޢަވެ، ފަލަސްޠީނު ރައްޔިތުންނަށް ޙައްޤުވާ އެމީހުންގެ އަމިއްލަ ވަޒަނުގައި އެމީހުން އެދޭގޮތަށް ދައުލަތެއް ޤާއިމުކޮށް އެދައުލަތުގެ ހިޔާވަހިކަން ލިބުމުގެ ޙައްޤު ހޯދައިދިނުމަށް މަސައްކަތްކުރުމަށް ގަރާރުގައި ގޮވާލާފައިވެއެވެ. ވަކިން ޚައްޞަކޮށް މިވަގުތު ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންގެންދާަ އިންސާނީ ޙައްޤުތަކާ ޚިލާފު ޣައިރު ޤާނޫނީ ޢުދުވާންތަކުގައި ޙާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ޤަރާރުގައި ވަނީ ހިމަނާފައެވެ. އަދި މިމައްސަލައާމެދު ދިވެހިން ހޭލުންތެރިކުރުމަށާއި ފަލަސްޠީނާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް ޢަދާލަތު ޕާޓީއަށް ކުރެވެންހުރިކަން ދެނެގަނެ އެކަންކަން ކުރުމަށަށް ގަރާރުގައި ވަނީ ގޮވާލާފައެވެ.