އަންނަ އަހަރު ނިމޭއިރު، ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފިއެވެ.
އެ މިނިސްޓްރީން މިގޮތަށް ލަފާކޮށްފައިވަނީ 2024ން 2026 ވަނަ އަހަރަށް ލަފާކުރާ ފިސްކަލް ސްޓްރެޓަޖީ ރިޕޯޓުގައެވެ. އެގޮތުން، ތިން ހާލަތެއްގައި ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ އަދަދުތައް އެ ރިޕޯޓުގައި ވަނީ ހިމަނާފައެވެ.
އެ ރިޕޯޓުގައި ބަޔާންކޮށްފައި ވާގޮތުގައި، މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ވަނީ އަންދާޒާކުރި ވަރަށްވުރެ ބާރަށް ކުރިއަރާފައެވެ. މި ކުރިއެރުމުގެ މައިގަނޑު ސަބަބުތަކެއްގެ ގޮތުގައި ބުނެފައިވަނީ؛ ކޮވިޑުގެ ހާލަތުން އަރައިގަނެވުމާއި، އިތުރު ގައުމުތަކުން ބޯޑަރު ހުޅުވުމާއި، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ ހުޅުވުމެވެ.
ރާއްޖެއަށް އެންމެ މުހިންމު އެއް މާކެޓް ކަމަށްވާ ޗައިނާގެ ބޯޑަރު ހުޅުވާލުމާ ގުޅިގެން މިއަހަރުގެ ޖެނުއަރީ މަހު އެ ގައުމުގެ ފަތުރުވެރިން ރާއްޖެއަށް އަލުން ޒިޔާރަތްކުރަން ފެށުމާއެކު، 2023 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ހަރަކާތްތައް އިތުރުވިކަން ފިނޭންސްގެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2019 ވަނަ އަހަރާއި 2022 ވަނަ އަހަރާ އަޅާބަލާއިރު މި އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދާއި ރާއްޖޭގައި ފަތުރުވެރިން ހޭދަ ކުރާ މުއްދަތު ނުވަތަ ބެޑް ނައިޓްވެސް ވަނީ އިތުރުވެފައެވެ.
ފަތުރުވެރިކަމުގެ ދާއިރާއަކީ ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުންތަކުގެ އަސަރު އެންމެ ބޮޑަށްކުރާ އެއް ދާއިރާއަށްވާތީ، ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ އަދަދާއި ބެޑްނައިޓުގެ އަންދާޒާތައް ފިނޭންސުން ތައްޔާރުކުރަނީ ތިން ހާލަތަކަށް ބިނާކޮށްގެންނެވެ. އެއީ ބޭސްލައިން ނުވަތަ މޮޑަރޭޓް ކޭސް ސިނާރިއޯއާއ،ި މި ސިނާރިއޯއާ އަޅާބަލާއިރު ހާލަތު ރަނގަޅުވެދާނެކަމަށް ބަލައި ލަފާކޮށްފައިވާ ބެސްޓް ކޭސް ސިނާރިއޯ، އަދި ހާލަތު ގޯސްވެއްޖެނަމަ ކުރިމަތިވެދާނެ ވޯރސްޓް ކޭސް ސިނާރިއޯއެވެ.
މި އަހަރަށް ސަރުކާރުން އަންދާޒާ ކޮށްފައިވާ އަދަދުތަކަށް ބަލާއިރު، ބޭސްލައިން ސިނާރިއޯގައި 1.9 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާއިރު ބެޑް ނައިޓް 14 މިލިއަނަށް އަރާނެއެވެ. އަދި ބެސްޓް ކޭސް ސިނާރިއޯގައި 2 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ބެލެވޭއިރު، އެންމެ ގޯސް ހާލަތުގައި 1.8 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މިއަހަރުގެ އިތުރުން 2024އާއި 2025 އަދި 2026ގެ ފަތުވެރިކަމުގެ ދާއިރާގެ ހިސާބުތައްވެސް ފިނޭންސުން ވަނީ ލަފާކޮށްފައެވެ. އެގޮތުން ބޭސްލައިން ސިނާރިއޯގައި އަންނަ އަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ބެސްޓް ކޭސް ސިނާރިއޯގައި 2.1 މިލިއަން ފަތުުވެރިން، އަދި ވޯރސްޓް ކޭސް ސިނާރިއޯގައި 1.9 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބެޑްނައިޓް 15 މިލިއަނަށް އަންނަ އަހަރު އަރާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.