ކ. މާލެ
|
11 އޮކްޓޯބަރ 2023 | ބުދަ 09:40
ބެކަމް އާއި އަންހެނުން ވިކްޓޯރިއާ
ބެކަމް އާއި އަންހެނުން ވިކްޓޯރިއާ
ހެލޯ މެގަޒިން
ޑޭވިޑް ބެކަމްގެ ދެމަފިރިން
ބެކަމްގެ ދެމަފިރިންގެތެރެއިން މުއްސަނދީ ކާކު؟
ދެމަރިފިންގެ މިލްކިއްޔާތުގައި 514 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ވަނީ އަންދާޒާކޮށްފައި

އިނގިރޭސިވިލާތުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އާއި އޭނާގެ އަންހެނުން އަދި ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ވިކްޓޯރިއާ ބެކަމް އަކީ މުނިފޫހިފިލުވުމާއި ކުޅިވަރުގެ ފަންނުގައި ދުނިޔޭގެ އެންމެ މަޝްހޫރު ދެ ތަރިންނެވެ. ބެކަމް އަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި ކުޅުންތެރިއެއްގެ ގޮތުގައި އެފަދަ ދެވަނައެއް ނެތެ ސުޕަރ ސްޓާރެވެ. ބެކަމްއާ ގުޅުނު ހިސާބުން ވިކްޓޯރިއާއަށް އާދަޔާހިލާފު ސަމާލުކަމެއް ލިބި ދެމަފިރިން ދުނިޔެ "ފަތަހަ" ކުރަންފެށި އެވެ. ތިން ފިރިހެން ކުދިންނަށް ފަހު އަންހެން ކުއްޖަކާއެކު މި ދެމަފިރިންނަށް ހަތަރު ކުދިން ލިބިފައިވެ އެވެ.

ނަތީޖާއެއްގެ ގޮތުން ބެކަމްގެ ކުޅުމުގެ ކެރިއަރަށް ފަހު މި ދެމަފިރިންގެ މަގުބޫލުކަމާއި މުއްސަނދިކަން ދިޔައީ ހައްތަހާ އިތުރުވަމުންނެވެ. މިހެންވެ ގިނަ ބައެއްގެ މިހާރުގެ ސުވާލަކީ ދެމަފިރިންގެތެރެއިން މުއްސަނދީ ކާކު ހެއްޔެވެ؟

ރިޕޯޓްތައް ބުނާ ގޮތުން ބެކަމް އާއި ވިކްޓޯރިއާގެ މިލްކިއްޔާތުގައި 514 މިލިއަން ޑޮލަރު އެބަހުއްޓެވެ.

ބެކަމް އާއި ވިކްޓޯރިއާ ހަތަރު ކުދިންނާއެކު

މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑް އަދި އޭސީމިލާނާއި ޕީއެސްޖީގެ އިތުރުން އެމެރިކާގެ އެލްއޭ ގެލެކްސީ އަށް ކުޅުނު ބެކަމް ކުޅުން ހުއްޓާލިއިރު 800 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައި ވެއެވެ. މީގެ ތެރޭގައި ހިމެނެނީ މުސާރަ އާއި ސްޕޮންސާތަކުން ލިބިފައިވާ ފައިސާ އެވެ. އޭނާ ކުޅުނުއިރު އަރްމާނީ، ޖިލެޓް، ޕެޕްސީކޯ އަދި އެޑިޑާސް ފަދަ ކުންފުނިތަކުގެ އިސްތިހާރުތަކުގެ ބަތަލަކީ އޭނާ އެވެ.

ކުޅުން ހުއްޓާލުމަށްފަހު ކުޅިވަރުގެ ވިޔަފާރީގެ ތެރެއަށްވަން ބެކަމް އަކީ އެމެރިކާގެ މޭޖަރ ސޮކާ ލީގުގެ އިންޓަމިއާމީގެ އެއް ހިއްސާދާރެވެ. ވިޔަފާރިއަށް އޭނާ އުފެއްދި ޑީބީ ވެންޗާސްގެ 55 ޕަސެންޓް ހިއްސާ ވިއްކާލައިގެން 2022ގައި ބެކަމް އަށް 230 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބިފައިވެ އެވެ. އޭނާގެ އިންޓަމިއާމީ އަށް އާޖެންޓީނާގެ ލަޔޮނަލް މެސީ ގެނައުމާއެކު އެކުލަބުގެ މޫނުމަތީ އަގު 1.3 ބިލިއަނަށް އަރައި އަންނަ އަހަރު 1.5 ބިލިއަނަށް އަރާނެ ކަމަށް ދުނިޔޭގެ ވިޔަފާރީގެ ތަޖުރިބާކާރުން އަންދާޒާ ކުރެ އެވެ.

ބެކަމްއާ ހިލާފަށް ކުރީގެ ޕޮޕް ލަވަކިއުންތެރިޔާ އަދި ސްޕައިސް ގާލް ވިކްޓޯރިއާ ފެށީ ފެޝަން ވިޔަފާރި އެވެ. އޭނާގެ ވިކްޓޯރިއާ ބެކަމްގެ ލޭބަލްގެ ދަށުން ކުރާ ވިޔަފާރީގައި 2022ގެ ނިޔަލަށް ސާފު ފައިދާގެ ގޮތުގައި 71 މިލިއަން ޑޮލަރަށް އަރަ އެވެ.

މިހެންވެ ދެމަފިރިންގެ 514 މިލިއަން ޑޮލަރުގެ ތެރެއިން 450 މިލިއަން ޑޮލަރަކީ ބެކަމްގެ އެއްޗެކެވެ. ވިކްޓޯރިއާގެ އަތުގައި ހުންނާނީ ގިނަވެގެން 70 މިލިއަން ޑޮލަރު ކަމަށް ތަޖުރިބާކާރުން އަންދާޒާކުރެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް