ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ވަރުގަދަ ޢުދުވާނީ ޙަމަލާތަކުގައި ބިމާ ހަމަވެ ސުންނާފަތިވެފައިވާ ޢިމާރާތްތަކުގެ ދަށުން ކޮނެގެން ނެގި އެކަކީ ޞަބްރީން އަބޫ ދައްޤާއެވެ. ޞަބްރީންގެ 6 ދަރިންގެ ތެރެއިން 3 ކުއްޖަކު މި ދުނިޔެއާއި ވަކިވެ ދިޔަ ކަމާއި، 2 ކުއްޖަކު ޒަޚަމްވެފައި އޮތް ކަމާއި، 6 ވަނަ ކުއްޖާއަށް ވީ ގޮތެއް އަދި ނޭނގޭކަން އޭނާއަށް އެނގުނީ ހޮސްޕިޓަލުގައި އޮއްވައެވެ.
ބަލިކަށި އަޑަކުން ކަމުގައި ވިއަސް، އޭނާއަށް ލެވުނު ހިތްވަރެއްލައި، ޞަބްރީޏް ދިޔައީ އެ ބިރުވެރި ޙަމަލާތައް އަމާޒުވި ވަޤުތުގެ ވާހަކަތައް މީޑިއާއަށް ކިޔައިދެވޭތޯ މަސައްކަތް ކޮށްފައެވެ.
އަހަރެން އިނީ ގޭގަ. އެހެން އިންދާ ކުއްލިއަކަށް ގަދަ އަޑުފަށްގަނޑެއް އިވިފަ، އަހަރަމެންގެ ބޯމައްޗަށް އެއްޗެހިތައް ފައިބައިގަތީ. ދަރިންކޮޅު ތިބީ ހަމަ އަހަންނާ ޖެހިގެން. އެކަކު އިނީ އަހަރެންގެ ފައި ކައިރީގަ. ދެން ތިބި ކުދިން ތިބީ ހަމަ ޖެހިގެން. އަހަރެންގެ ބޭބެ، ޞާބިރު ހުރީ ތަންކޮޅެއް ދުރުގަ. އޭނައަށް އެއްވެސް ކަމެއް ނުވޭ. އަހަރެން އޮތީ ސޯފާއާއި ދޮރާއި ދޭތެރެއަށް ވަދެ، ފިލާ. އެހެންވެ، އަހަރެންގެ ހަށިގަނޑަކަށް މާ ބޮޑު ޕްރެޝަރެއް ނުކުރި. ފަޔަށް އެކަނި އަނިޔާވީ. އެކަމަކު، އަހަރެންގެ ދަރިންގެ އެއްވެސް އަޑެއް ބަޑެއް ނީވޭ އޭރު. ދަރިންނަށް ގޮވަން ފެށިން. އެކަމަކު، އެއްވެސް ޖަވާބެއް ނުލިބުނު. ކުއްލިއަކަށް، ޞާބިރުވެސް ގޮވަން ފަށައިފި. އަޑު ޖެހުމާއެކީ އަހަރެން ގޮވައިފިން، އަހަރެން މިއޮތީއޭ މިތާ. އެމީހުންނަށް އަހަރެން ފާހަގަވި ހިސާބުން، އަހަރެން ހަމަޖެއްސޭތޯ ވަރަށް މަސައްކަތް ކުރި. އޭގެ ފަހުން، އަހަރެންގެ ގައިމައްޗަށް އެޅިފަ ހުރި ގައު ކުނޑިތައް ނަގަން ފެށީ. 3 ގަޑިއިރުވި އެ ސާމާނުތައް ދުރަށްޖައްސަން. އެކަމަކު، އަހަރެންގެ ދަރިންކޮޅު މަރުވީ... ޚާލިދު މަރުވީ، ޤައިސް މަރުވީ، މަރިއަމް މަރުވީ. އާސިފް ވަނީ ގެއްލިފަ. ޢިމާރާތުގެ ބައިތަކުގެ ދަށުން ނެރުނު ވަޤުތު، ލިބިފަ އޮތް ގެއްލުން އަހަންނަށް ފެނުނު. ގެތައް އޮތީ ސުންނާފަތިވެފަ. ހޮސްޕިޓަލަށް ދިޔަ މަގުމަތީގަ އެ ނޫން މަންޒަރެއް ނުފެނޭ. ހުރިހާ އެންމެން ޒަޚަމްވެފަ ތިބި މަންޒަރު ފެނުނީ. އަހަރަމެންގެ ތެރެއިން ގިނަ ބަޔަކު ވަނީ ޒަޚަމްވެފަ. އެތައް ބަޔަކު މަރުވެއްޖެ.ޞަބްރީން އަބޫ ދައްޤާ؛ ޣައްޒާގެ ރަށްވެއްސެއް
ބިމާ ހަމަވި ގެތަކުގެ ބައިތަކުގެ އަޑީގައި އޮވެގެން ޞަބްރީން ދިޔައީ އޭނާގެ ދަރިންނަށް ގޮވަމުންނެވެ. ނަމަވެސް އެއްވެސް އިޖާބައެއް ނުލިބުނެވެ. މަދަނީ ދިފާޢަށް މަސައްކަތް ކުރާ ފައުޖުތަކުން ފަރުވާތެރިކަމާއެކު ގައު ކުނޑިތައް ނަގާ، ދުރު ކުރަމުން ދިޔަ ގޮތް، ޞަބްރީން ސިފަ ކޮށްދިނެވެ. ޞަބްރީން ކިޔައިދިން ގޮތުން ވިއްޔާ، އެކަމަށް 3 ގަޑިއިރު ހޭދަ ވިއެވެ.
އެއްވެސް އެއްޗެއްގެ އިޙުސާސެއް އޭރަކު ނުކުރެވޭ. އަހަރެން އޮތީ ޢިމާރާތުގެ ބައިތަކާއި ދޮރާ ދޭތެރޭގަ ތާށިވެފަ. ގުޑަލެވޭތޯ ބެލިން، އެކަމަކު ހަދަންވީ ގޮތެއް ނޭނގުނު. ބަނޑުވަތަށް އޮތީ. އަހަރެން ސަލާމަތްވީ، ދުޢާގެ ބާރުން. އަހަރެން ދިޔައީ ދުޢާ ކުރަމުން. ދަރިން މަތިން ހަނދާން ކުރަމުން. ބޭނުންވިހާވެސް ކަމަކީ، ދަރިންކޮޅު ސަލާމަތްވުން. ކަންބޮޑުވެ، ހާސްވަމުން ދިޔަ ހަމަ އެކަނި ކަމަކީވެސް އެއީ... އެމީހުން ބުނަމުން ދިޔައީ ދަރިންކޮޅު ރަނގަޅޭ. އެކަމަކު އަސްލު އެހެންނެއް ނޫން އެކަން އޮތީ. ހުރިހާ ކަމެއް ރަނގަޅު ނޫންކަމުގެ އިޙުސާސް ކުރެވެމުން ދިޔައީ އޭރު އަހަންނަށް. އޭރު އަދި އެއްވެސް ކުއްޖެއްގެ ހަށިގަނޑު ނުފެނޭ. އެކަމަކު، ހުރިހާ ކުދިންވެސް ތިބީ އަހަރެން ކައިރީގަވިއްޔާ. އެ ވަޤުތު އެކަމެއްވެސް ހަނދާނެއް ނެތް. އަހަންނަށް ވީ ގޮތެއް، ޚުދު އަހަންނަކަށްވެސް ނޭނގެ. ވަށައިގެން އަނދިރިވެގެން ދިޔައީ. އެއްވެސް ތަނެއް ނުފެނޭ ލޮލަކަށް. ގާގަނޑުތައް ނަގަން ފެށީމަ، މަދަނީ ދިފާޢުގެ މީހުން ފެންނަން ފެށީ. އެމީހުން ވަރަށް ބެލި އަހަރެން ހަމަޖައްސާދެވޭތޯ. އެންމެފަހުން އެމީހުން އަހަރެން ނަގައިފި. ކޮންމެ ގޮތެއް ވިއަސް، ﷲ އަށް ޙަމްދު ހުރި. މާތް ﷲ އަހަރަމެންނަށް ކެތްތެރިކަން ދެއްވާށި.ޞަބްރީން އަބޫ ދައްޤާ؛ ޣައްޒާގެ ރަށްވެއްސެއް
ޣައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާޢަތުން އިޒްރޭލަށް ދިން ޙަމަލާގެ ރައްދުގައި ކަމަށް ބުނެ، ވަރުގަދަ ހަނގުރާމައެއްގެ ފެންވަރުގައި އިޒްރޭލުން ޣައްޒާއަށް ހަފުތާ ބަންދުގައި ބޮން އަޅަން ފެށި ގޮތަށް، ރޭގަނޑުގެ ވަޤުތުތަކުގައިވެސް ހުއްޓައެއް ނުލައެވެ. އާދީއްތަ ދުވަހަށް އަލިވިލުނީވެސް ހަމަ އެފަދަ ޙާލެއްގައެވެ. ހަމާސް ޖަމާޢަތުގެ އޮފީސްތަކާއި، ތަމްރީނު މަރުކަޒުތައް ސުންނާފަތި ކުރަމުން ދިޔައިރު އާންމުން ދިރިއުޅޭ ގެތަކާއި އެނޫންވެސް ޢިމާރާތްތަކަށް ބެލުމެއް ނެތި އިޒްރޭލުގެ ޙަމަލާތައް ދިޔައީ އަމާޒު ކުރަމުންނެވެ.
ޞަބްރީންގެ އިތުރުން، ސުންނާފަތިވެފައި ވާ އިތުރު 3 ގެއެއްގެ ވަޒަންވެރިން ކިޔައިދިން ގޮތުގައި، އިޒްރޭލުން ޙަމަލާ ދޭން ފެށުމުގެ ކުރިން އެއްވެސް ވަރެއްގެ އިންޒާރެއް ދީފައެއް ނުވެއެވެ. މީގެ ކުރިންވެސް އިޒްރޭލުން ސިލްސިލާ ގޮތެއްގައި ޣައްޒާއަށް ޙަމަލާތައް ދީފައި އޮތެއް ކަމަކު، މި ފަހަރުގެ ޙަމަލާތައް ތަފާތު ކަމަށް އެ މީހުން ކިޔައިދިނެވެ. މީގެ ކުރިން ޙަމަލާ ދިން ޙަމަލާތައް ދީފައި ވަނީ، ދުރާލާ އިންޒާރުކޮށް، ޢާންމު ރައްޔިތުންނަށް އެ ސަރަޙައްދުތައް ދޫކޮށް ދާނެ ފުރުޞަތު ދިނުމަށް ފަހުގައި ކަމަށް އެމީހުން ކިޔައިދިނެވެ.
ހޮނިހިރު ދުވަހުން ފަށައިގެން އިޒްރޭލުން ޣައްޒާއަށް ދެމުންދާ ވަރުގަދަ ޢުދުވާނީ ޙަމަލާތަކުގައި ފަލަސްތީނުގެ 687 މީހުން ޝަހީދުވެ 3726 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަމާސް ޖަމާޢަތުން އެންމެ ފަހުން ދިން ޙަމަލާއަކީ މިހާތަނަށްވެސް ދީފައި ނުވާ ފަދަ ވަރުގަދަ ޙަމަލާތަކެއް ކަމަށް ބުނެ، އިޒްރޭލުން ވަނީ އެކަމުގެ ބަދަލު ހިފާނެ ކަމަށް އިންޒާރު ކޮށްފައެވެ. ހޮނިހިރު ދުވަހު ހަމާސް ޖަމާޢަތުން ވަނީ އިޒްރޭލުގެ ނަމުގައި ހިންގާ ދަޢުލަތުގެ ދަށުގައި އޮތް އަވަށްތަކަކަށް އަރާ، އިޒްރޭލަށް ނިސްބަތްވާ 250 މީހަކު މަރާލާފައެވެ. ހަމާސް ޖަމާޢަތުން، އެ އަވަށްތައް ދޫކޮށް، ފައިބައިގެން ދިޔައީ ރަޙީނުންގެ ގޮތުގައިވެސް ގިނަ ޢަދަދެއްގެ ބަޔަކު ގޮވައިގެން ކަމަށް މަޢުލޫމާތު ލިބެއެވެ.
އިޒްރޭލުގެ ޢުދުވާންތައް އަމާޒު ވާން ފެށީ، 2.3 މިލިއަނެއްހާ މީހުން ދިރިއުޅެމުންދާ ޣައްޒާއަށް ކަމުގައި ވީ ނަމަވެސް، އެ ޙަމަލާތައް، ހުޅަނގު އައްސޭރިއާއި ޤުދުސްއަށްވެސް ފެތުރިގެން ދާނެ ކަމަށް، ހަމާސް ޖަމާޢަތުގެ ލީޑަރު އިސްމާޢީލު ހަނިއްޔާ ވަނީ އިންޒާރު ކޮށްފައެވެ. އިޒްރޭލުގެ ފިއްތުންތަކުގެ މުށުތެރޭގައި ޤައިދުވެގެން ޣައްޒާގެ ރަށްވެހިން ދިރިއުޅެމުން ދާތާ މިހާރު ވަނީ 16 އަހަރު ވެފައެވެ.