ކ. މާލެ
|
10 އޮކްޓޯބަރ 2023 | އަންގާރަ 05:36
އިސްރާއިލްގެ ހަމަލާތަކުގައި ގައްޒާގެ އަވަށްތައް ދަނީ ބިމާ ހަމަވަމުން
އިސްރާއިލްގެ ހަމަލާތަކުގައި ގައްޒާގެ އަވަށްތައް ދަނީ ބިމާ ހަމަވަމުން
ރޮއިޓާސް
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް އެމްޑީޕީން ކުށްވެރިކޮށްފި
އެމްޑީޕީން ބުނީ އެ ޕާޓީއަކީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ މިނިވަން ކަމަށް ވަކާލާތުކޮށް، އެ މީހުންގެ ހައްޤުތައް ހިމާޔަތް ކުރަން ތާއަބަދު ގޮވައިލަމުންދާ ޕާޓީއެއްކަމަށް

ޔަހޫދީން އަޅުވެތިކޮށްފައިވާ ފަލަސްޠީނުގެ ޣައްޒާގައި ދިރިއުޅޭ މުސްލިމް އަޚުންނާއި އުޚްތުންނާ ދެކޮޅަށް އިސްރާޢީލުގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ހަނގުރާމައިގެ ކުށްތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުން ޝަހީދު ކޮށް، އެ މީހުންގެ ލޭއޮހޮރުވައިލުމަށް އިސްރާޢީލުން ބަރުހަތިޔާރު ބޭނުންކޮށްގެން ދެމުންދާ ހަމަލާތައް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން ކުށްވެރިކޮށްފިއެވެ.

އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެމްޑީޕީން ބުނީ އެ ޕާޓީއަކީ ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންގެ މިނިވަން ކަމަށް ވަކާލާތުކޮށް، އެ މީހުންގެ ހައްޤުތައް ހިމާޔަތް ކުރަން ތާއަބަދު ގޮވައިލަމުންދާ ޕާޓީއެއްކަމަށެވެ. އަދި، ފަލަސްޠީނުގެ މިނިވަން ކަން ކަށަވަރު ކޮށްދިނުމަށް އ.ދއިން ފާސްކޮށްފައިވާ ޤަރާރުތަކަށް އިޙުތިރާމުކޮށް، އެ ޤަރާރުތައް ތަންފީޒު ކުރުމަށް އިސްރާޢީލަށް ގޮވައިލަމުންދާ ޕާޓީއެއްކަމަށެވެ. އަދި، ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަނެ، އެ މީހުން އަޅުވެތިކޮށް، ބައިތުލްމަޤްދިސްގައިވާ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމުގައިވާ އަލް-އަޤްޞާއަށް އަތްގަދަކުރުމާ ދެކޮޅަށް އަޑުއުފުލަމުންދާ ޕާޓީއެއްކަމަށެވެ.

އެމްޑީޕީން ބުނީ އެ ޕާޓީއަކީ ސުލްޙައާއި ހަމަޖެހުމަށް ވަކާލާތުކުރާ، މަޝްވަރާގެ އުސޫލުގެ ދަށުން ދެބަސްވުންތައް ހައްލު ކުރަން ބާރުއަޅާ ޕާޓީއެއް ކަމަށެވެ. އަދި، އިންސާނީ ހައްޤުތަކަށް އިޙުތިރާމުކޮށް، ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ހަމަތަކުގެ މަތިން އެ ހައްޤުތައް ކަށަވަރު ކޮށްދިނުމަށް ވަކާލާތުކުރާ ޕާޓީއެކެވެ. ފަލަސްޠީނުގެ މުސްލިމް އަޚުންނާއި އުޚްތުންނާ ދެކޮޅަށް އިސްރާޢީލުން ހިންގަމުންދާ ލާއިންސާނީ އުދުވާންތަކާއި ޖަރީމާތައް ބައިނަލްއަޤުވާމީ ހަމަތަކުގެ މަތިން ވަގުތުންވަގުތަށް ހުއްޓައިލަން ގޮވާލާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

- ކޮމެންޓް