ކ. މާލެ
|
9 އޮކްޓޯބަރ 2023 | ހޯމަ 13:01
 ފަސްޓްލޭޑީ ފަޒްނާ އަހުމަދު އިންތިޚާބީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްދަލު ކުރެއްވުން
ފަސްޓްލޭޑީ ފަޒްނާ އަހުމަދު އިންތިޚާބީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްދަލު ކުރެއްވުން
ރައީސް އޮފީސް
އިންތިޚާބީ ރައީސް
އިންތިޚާބީ ރައީސްގެ އަނބިކަނބަލުންނާ ފަސްޓްލޭޑީ ބައްދަލު ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހު މުލީއާގޭގައި
އިންތިޤާލީ މަރުޙަލާގައި ދެވެން އޮތް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ފަޒްނާ ވިދާޅުވި

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ފަސްޓްލޭޑީ ފަޒްނާ އަޙުމަދު ބައްދަލު ކުރައްވައިފިއެވެ.

ފަސްޓްލޭޑީ ފަޒްނާގެ ދައުވަތަކަށް ބޭއްވެވި މި ބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހު މުލީއާގޭގައެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މި ބައްދަލު ކުރެއްވުމުގައި ފަސްޓްލޭޑީ ވަނީ އިންތިޚާބުގައި ޑރ މުޙައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށް މަރުޙަބާ ދަންނަވާފައެވެ.

މި ބައްދަލު ކުރެއްވުމަށްފަހު ފަޒްނާ މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެކަމަނާ ޤަބޫލު ކުރައްވަނީ އޮމާންކަމާއެކު ވެރިކަން ބަދަލުކުރުމުގެ މަރުޙަލާ ކުރިއަށް ގެންދެވުމަށް ކަމަށެވެ.

އިންތިޤާލީ މަރުޙަލާގައި ދެވެން އޮތް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ސާޖިދާ އަރިހުގައި ދަންނަވާފައިވާނެކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ.

އައު ވެރިކަމުގައިވެސް ދިވެހިން މި ދެކުނު އަމާންކަމާއި މިނިވަންކަން ދެމި އޮންނާނެކަމަށް އުއްމީދު ކުރައްވާކަމަށް ފަޒްނާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެކަނބަލުންވެސް ވަނީ އިޖުތިމާޢީ ކަންކަން ކުރެއްވުމަށް ޝައުޤުވެރިކަންހުރިކަން ފާޅުކުރައްވާފައެވެ. އަދި އިޖުތިމާޢީ ބައެއް މައްސަލަތަކާއި އެކަންކަން ޙައްލުކުރަން އިތުރަށް މަސައްކަތްޕުޅު ކުރައްވަންޖެހޭކަން ދެބޭފުޅުންވެސް ފާހަގަކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެކަނބަލުންވެސް ވަނީ ކާމިޔާބު ދުވަސްތަކަކަށް އެދިވަޑައިގަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް