ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މިވަނީ ފާސްކޮށްފައެވެ. އެއާއެކު، އެންމެންވެސް އުފައްދަމުންގެންދާ ސުވާލަކީ، އެ މައްސަލަ ކުރިއަށްދާނެ ބާވައެވެ؟ ނުވަތަ ކުރިއަށް ދިޔަދޭނެ ބާވައެވެ؟ ފަހަރުގައި ރިޔާސަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުމުން ކަން ވީގޮތުން ކަމަށްވެސް ވެދާނެއެވެ.
އޭރު މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންގޮސް ރިޔާސަތުން އެ މައްސަލަ ލަސްކުރާ ކަމަށް ވިދާޅުވެ، އެތައް ދުވަހެއް ވަންދެން މެމްބަރުން ތަޅުމުގައި ނުރުހުން ފާޅުކުރައްވާފައިވެއެވެ.
އޭރު މައްސަލަ ލަސްކުރެއްވީ ރައީސާއި ނައިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެކުއެކީގައި ހުށަހެޅިފައި އޮތުމުންނާއި، މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލެވިފައިވާ ގޮތް ފާސް ނުކުރެވޭތީއެވެ.
އެންމެ ފަހުން އެ މައްސަލަ އެމްޑީޕީން އަނބުރާ ގެންދިޔައީއެވެ. ނަމަވެސް ކޮމިޓީތައް އެކުލެވިފައި ނެތްއިރު، މުޅި މަޖިލީހުގެ ތަޅުން ކޮމިޓީއަކަށް ބަދަލު ކުރައްވައިގެންވެސް މަޖިލިސް ކުރިއަށް ގެންދެވިތަން އޭގެ ފަހުން ފެނިގެންވެސް ދިޔައެވެ.
މިހާރު މިވަނީ އެ ހުރަސްތައް ވެސް ނައްތާލެވިފައެވެ. މިފަހަރު އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފައި މިވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމަށެވެ. މާނައަކީ ނައިބުރައީސަށް މިހާރު އެ ޖަލްސާތަކުގެ ރިޔާސަތު ބެލެހެއްޓޭނެއެވެ.
އޭގެ އިތުރުން، މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ސިޔާސީ ޕާޓީތައް އެކުލެވިގެންވާ ގޮތްވެސް މިހާރު ފާސްކުރެވިފައި ވާއިރު، މިހާރު ކޮމިޓީތައް ނެތްކަމުގެ ބަހަނާއަކީވެސް ދެއްކޭނެ ބަހަނާއެއް ނޫނެވެ.
ވުމާއެކު، ހަގީގަތުގައި މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުުމުން، އެ މައްސަލަ ކުރިއަށް ގެންދިއުމަށް އޭރު ހުރި ހުރަސްތައް މިވަނީ ނައްތާލެވިފައެވެ.
އެމްޑީޕީއަކީ މަޖިލީހުގައި އެންމެ ގިނަ މެމްބަރުން ހިއްސާކުރާ މެޖޯރިޓީ ޕާޓީއަށްވާއިރު، އަދި ސަރުކާރުން ފޮނުވާފައިވާ އެތައް ބިލެއްގެ މަސައްކަތް ހުއްޓިފައިވާއިރު، އެމްޑީޕީން މަޖިލީހުގެ ރިޔާސަތާ ހަވާލުވުމަކީ މިވަގުތަށް އެ ޕާޓީއަށް މުހިއްމު ކަމެއްކަމަށް މެމްބަރުން ދެކިވަޑައިގަންނަވައެވެ.
ނަޝީދު ރިޔާސަތާ ހަވާލުވެވަޑައިގެންނެވީ އެމްޑީޕީ މެމްބަރެއްގެގޮތުގައި ނަމަވެސް، ފަހުން ޕާޓީ ބަދަލުކުރައްވައި އެމްޑީޕީން ގެނައި ސަރުކާރާ ފާޅުގައި ދެކޮޅަށް ނުކުންނެވުމާއި، މަޖިލީހުގެ ތެރެއިން ސަރުކާރުގެ މަސައްކަތްތަކަށް ހުރަސްތައް އަޅުއްވަމުން ގެންދެވުމަކީ އެމްޑީޕީގެ މެމްބަރުން ނަޝީދަށް އިތުބާރު ނުކުރައްވާ ސަބަބުތަކުގެ ގޮތުގައި ފާހަގަކުރައްވައެވެ.