ކ. މާލެ
|
7 އޮކްޓޯބަރ 2023 | ހޮނިހިރު 16:05
ނަޝީދު މޯދީއާ ބައްދަލުކުރައްވަނީ
ނަޝީދު މޯދީއާ ބައްދަލުކުރައްވަނީ
ރައްޔިތުންގެ މަޖިލިސް
އިންތިޚާބީ ރައީސް ހުވާކުރެއްވުން
ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީއަށް ދައުވަތުދެއްވަން މުއިއްޒު ބޭނުންފުޅުވޭ: ނަޝީދު
މަޖިލީހުން މޯދީއަށް ދައުވަތު ފޮނުވާނެ
ރާއްޖެ އާއި އިންޑިއާ ގުޅުން ހީނަރު ނުވާނެ ކަމަށް ވިދާޅުވި
ރާއްޖޭގެ ފޮރިން ޕޮލިސީ މުއިއްޒު ދަމަހައްޓަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި

އިންތިޚާބީ ރައީސުލްޖުމްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ދައުވަތު ދެއްވަން އެމަނިކުފާނު ބޭނުންފުޅުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިކަން ހާމަކުރެއްވީ އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" އަށް ދެއްވި އިންޓަވިއުއެއްގައެވެ. އެގޮތުން، މޯދީއަށް ދައުވަތުދޭން ބޭނުންވާ ކަމަށް ޓްރާންސިޝަން އޮފީހުން އަންގާފައިވާ ކަމަށާއި މަޖިލީހުން މޯދީއަށް ދައުވަތު ފޮނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މޯދީ މި ރަސްމިއްޔާތަށް ވަޑައިގަންނަވާނެ ކަމާ މެދު އުއްމީދު ކުރައްވާ ކަމަށާއި އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ދެމި އޮންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިންޑިއާއާ ދެކޮޅަށް ހިންގި "އިންޑިއާ އައުޓް" ކެމްޕޭނުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ހީނަރުވެދާނެ ކަމާ މެދު ބޭރުގެ މީޑިއާތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.

2018 ވަނަ އަހަރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންނެވިއެވެ. އިންތިޚާބީ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ނޮވްމެބަރު 17 ގައި ބޭއްވުމަށް މަޖިލީހުން އަންނަނީ ތައްޔާރީތައް ވަމުންނެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް އިންތިޚާބުގެ ފަހުން މަޑުޖެހިފައިވާ ކަަމަށާއި މިހާރުވެސް ރާއްޖޭގައި ގެންގުޅޭ ފޮރިން ޕޮލިސީ މުއިއްޒު ދަމަހައްޓަވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ބޭރުގެ މީޑިއާތަކުން މުއިއްޒުއަކީ "ޕްރޯ ޗައިނާ" ކެންޑިޑޭޓެއް ކަމަށް ސިފަ ކުރެއްވި ނަމަވެސް އެކަން ގަބޫލުނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދުގެ ގުޅުމަކީ އެތައް އަހަރުތަކެއްވީ ގުޅުމެއްކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ އެ ގުޅުމަށް ބަދަލު އަންނަތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އިންތިޚާބު ރައީސް ޞާލިހަށް ނާކާމިޔާބުވުމަކީ އިންޑީއާއަށް ލިބުނު ނާކާމިޔާބީއެއް ކަމުގައި ގަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
- ކޮމެންޓް