ރައީސް އިބްރާހީމް މުޙައްމަދު ސާލިޙުގެ އަމިއްލަފުޅު ވިސްނުންފުޅުގައި ޤައުމަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމުކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ނިޒާމާ ގުޅޭ ނިންމުމަކީ ރައްޔިތުން ނިންމަންޖެހޭ ނިންމުމެއް ކަމަށާއި، ނަމަވެސް މިއީ އެންމެ ރަނގަޅު ވަގުތުތޯ އެއީ އުފެދޭ ސުވާލެއްކަމަށެވެ.
އެކަމާ ގުޅޭގޮތުން ޕާޓީން މަޝްވަރާ ކުރުމަށްފަހު ޕާޓީން ނިންމާ ގޮތެއް އަންގާނެކަންވެސް ރައީސް ފާހަގަ ކުރެއްވިއެވެ.
އެހެންނަމަވެސް، އެމަނިކުފާނުގެ އަމިއްލަފުޅު ވިސްނުންފުޅުގައި ޤައުމަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމުކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.
ނިޒާމީ ވޯޓާއިމެދު ކޮމިޝަނުން ތައްޔާރަށް އޮތްނަމަވެސް ޤާނޫނީ ގޮތުން އޮޅުން ފިލުވަންޖެހޭ ކަންތައްތައް އަދިވެސް އެބަހުރި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އެ ހުރިހާ ކަމެއްވެސް މަޖިލީހާ ހިއްސާކޮށްފައިވާކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
