Advertisement
ކ. މާލެ
|
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 14:50
މ. ހަނީސަކްލް ޙުސައިން ޝިފާޢު
މ. ހަނީސަކްލް ޙުސައިން ޝިފާޢު
ޝިފާއު ރާއްޖެ އައުން
ޝިފާއު ރާއްޖެ އައުމާއެކު އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފި
އޭނާ ރާއްޖެ އައީ އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް
ތަފާތު 23 ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލިފައިވޭ
އޭނާ އަށް ކުރާ ދައުވާގެ އަޑު އެހުމެއް ދާދިފަހުން ތާވަލްކުރި ނަމަވެސް އަޑުއެހުން ވަނީ ކެންސަލްކޮށްފައި

ވަގު ޓީޓީ ބޭނުންކޮށްގެން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ ގަތްކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ މ. ހަނީސަކްލް ޙުސައިން ޝިފާޢު ރާއްޖެ އައުމާއެކު އޭނާގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.

އޭނާ ރާއްޖެ އައީ އޭނާ ހޯދުމަށް ރެޑް ނޯޓިސް ނެރެފައި ވަނިކޮށެވެ. އޭނާ ރާއްޖެ އައުމުން ހައްޔަރުކުރި ނަމަވެސް ޝަރުތުތަކާއެކު އޭނާ ވަނީ ދޫކޮށްލާފައެވެ. ޝިފާއު އަކީ މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑަރިންގާއި އެނގިހުރެ ޞައްޙަނޫން ލިޔުން ދިނުމާއި، މިބާވަތުގެ ތަފާތު 23 ދައުވާއެއް ކްރިމިނަލް ކޯޓުގައި އުފުލިފައިވާ، ޝަރީޢަތަށް ޙާޟިރުނުވެ، ޢަދުލް އިންޞާފަށް ފިލައިގެން އުޅޭ މީހެކެވެ.

އޭނާ އަށް ކުރާ ދައުވާގެ އަޑު އެހުމެއް ދާދިފަހުން ވަނީ ތާވަލްކޮށްފައެވެ. ނަމަވެސް އެ އަޑުއެހުން ވަނީ ކެންސަލްވެފައެވެ.

ޝިފާއު އަކީ ޑޮލަރު ދޭނެކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދައި، އެ ފައިސާ ނުދީ ފިލައިގެން އުޅޭ ކަމުގެ ތުހުމަތުގައި އޭޕްރީލް 18 2021 ގައި ފުލުހުން ހޯދަން އިއުލާންކޮށްފައިވާ މީހެއްކެވެ.

އޭނާ ހައްޔަރުކުރީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. އެހެންނަމަވެސް، އޭނާ ދޫކޮށްލާފައި ވަނީ މުޖުތަމައަށް ނުރައްކަލެއް ނެތް ކަމަށް ބުނެ މެއި މަހުގެ 27ގައެވެ. ހަމަ އެދުވަހު ޕީޖީން އެމައްސަލަ އިސްތިއުނާފުކުރިއެވެ. ނަމަވެސް އެ މަހުގެ 29 ވަނަ ދުވަހު އޭނާ ވަނީ ރާއްޖެއިން ފިލައިގެން ގޮސްފައެވެ.

Advertisement

އޭނާގެ މައްޗަށް "ކިންގްޑަމް އޮފް ފުރުޓްސް" މެދުވެރިކޮށް، ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް، އެ މުދަލަށް ބޭރުގެ ކުންފުނިތަކުން ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ހީލަތް ހަދާފައިވާކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ. ޝިފާއު އަކީ މީގެ ކުރިން ވެސް ހައްޔަރު އަދި ބަންދު ރެކޯޑު ހުރިކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި އެނގިހުރެ، ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދައުވާއާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ 7 ދައުވާއާއި މަނީ ލޯންޑްރިންގގެ ކުށުގެ 7 ދައުވާ ހިމެނެއެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޝިފާއު މިކުށުގެ އަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ސައްހަނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

އެގޮތުން މި މައްސަލާގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއްލައްކަ ތޭވީސްހާސް އަށްސަތޭކަ އައްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް) އެމެރިކާ ޑޮލަރެވެ. ދިވެހި ރުފިޔާއިންނަމަ 1،909،682 (އެއް މިލިއަން ނުވަލައްކަ ނުވަހާސް ހަސަތޭކަ އައްޑިހަ ދޭއް) ރުފިޔާއެވެ. މި ފައިސާ ދައުލަތަށް ނަގައިދިނުމަށް އެދި ހުށަހަޅާފައިވާކަމަށް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް