ކ. މާލެ
|
27 ސެޕްޓެންބަރ 2023 | ބުދަ 22:28
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ
އެމްޑީޕީ
އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާ
އެމްޑީޕީއާއި ޑިމޮކްރެޓްސްއަށް ފުރަތަމަ ބުރުގައިވެސް ޕީއެންސީއަށްވުރެ ޕަސަންޓޭޖް ބޮޑު، އެކުވެގެން އިންތިޚާބު ކާމިޔާބުވާނެ: ރައީސް
ދެބައި މީހުން އެއްވުމުން، އިންތިޚާބުގެ ދެވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ

ރިޔާސީ އިންތިޚާބުގެ ފުރުތަމަ ބުރުގައި އެމްޑީޕީ އާއި ޑިމޮކްރޮޓްސަށް ލިބުނު ޖުމްލަ ވޯޓުގެ އަދަދު ޕީއެންސީއަށްވުރެ ގިނަ ކަމަށާއި، ދެބައި މީހުން އެއްވުމުން އިންތިޚާބުގެ ދެވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ގދ. ތިނަދޫ ސިޓީގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިޔާސީ ކުޑަ ޚިޔާލު ތަފާތުވުންތަކެއްގައި ދުރުގައި ތިބިނަމަވެސް، އަނިޔާވެރިކަމާއި ބިރުވެރިކަމާއި ނާމާންކަމުން ގައުމު ސަލާމަތްކުރުމަށްޓަކައި ގިނަ މީހުން ތައްޔާރަށް ތިބި ކަމަށެވެ.

ރައީސް ވިދާޅުވީ ތިނަދޫ ސިޓީއަށް ވަޑައިގަތުމުން މިއަދު ފެނުނު މަންޒަރު ތަފާތުކަމަށާއި، ތިނަދޫ ސިޓީން ފެނުނީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަށް ޖޯޝާއި ފޯރީގައި ތިބި މަންޒަރު ކަމަށެވެ. އަދި ތިނަދޫ އޮތީ އެމްޑީޕީއާއެކު ކަމަށާއި، އެކަމުން ހިތްވަރު ލިބިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޯހިޔާވަހިކަން ހައްލުކޮށްދެއްވުމަށް 500 ހައުސިންގ ޔުނިޓާއި ބިން އިތުރުކޮށްދެއްވާނެ ކަމަށެވެ. ރަށުގެ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ހައްލުކޮށްދެއްވުމަށް ބޮޑު ހައުސިންގ ޕްރޮޖެކްޓަކާއި، ބިން ބޮޑުކުރާއިރު ރަށުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް އެޅޭ ވަރަށް ބިން ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ޕެންޝަން ފަންޑު ބޭނުންކޮށްގެން ހައުސިންގއަށް ލޯނު ލިބޭނެ އުސޫލު މާލެ ސިޓީއެކޭ އެއްގޮތަށް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.

ރަށުގެ ކުރީގެ ހުކުރު މިސްކިތުގެ ބިމުގައި ޒަމާނީ ހުކުރު މިސްކިތެއް އަޅުއްވައިދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދެއްވިކަމަށްޓަކައި މަހުގެ އަގަށް ބަދަލުގެނެސްފައި ވާއިރު، ދެން އަންނަ ދައުރުގައި މަހުގެ އަގު ކުޑަ ނުކުރައްވައި ކުރިއަށް ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބަޔަކު މީހުން ދޮގު ފަތުރަމުންދާވަރުން ރައްޔިތުންނަށް ގަބޫލުކުރެވޭ ހިސާބަށް ކަންތައްތައް ދިޔަ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލިކަމަށް ބުނެ ދޮގު ވާހަކަތަކެއް ބަޔަކު މީހުންނަށް ގަބޫލުކުރެވުނު ކަމަށާއި، ރާއްޖޭގެ މިނިވަންކަން ނަގާލައި، އިންޑިއާ ސިފައިން ތިބި ވާހަކަވެސް ފަތުރަމުން ދިޔަކަމަށެވެ.

އޮޅުވާލައިގެން ރައްޔިތުންގެ ކައިރީގައި ބުހުތާނު ދޮގު ހަދައިގެން ވެރިކަމަށް އަންނަ އެމީހުން އުޅުނުކަމަށް ވިސްނިފައެއް ނެތް.
ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހައްމަދު ސާލިހު

އުތުރުތިލަފަޅުގައި އަޅާ ހާބަރުގެ މަސައްކަތުގައި އިންޑިއާ ސިފައިން ހަރަކާތްތެރިވާ ކަމަށާއި، އެމީހުންގެ މަނަވަރުތައް ރާއްޖޭގައި ތިބިކަމަށް ބަޔަކު މީހުން ވާހަކަދައްކާ ކަމަށްވެސް ވިދާޅުވިއެވެ. ސިޔާސީ މަސްހަރުގައި އިސްކޮށް ތިއްބެވި ހުރިހާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެކަން ކަމަށާއި، އޭގައި އެކަހަލަ އެއްވެސް ވާހަކައެއް ނެތްކަން މިހާރު ސާފުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ވެރިކަމުގައި ހުންނެވިހާ ހިނދަކު ރާއްޖޭގެ އެއްވެސް އިންޗިއެއް އެއްވެސް ބަޔަކަށް ނުދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް