Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2023 | އާދީއްތަ 16:46
ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން
ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން
ރާއްޖެއެމްވީ
ބޯހިޔާވަހިކަން
ފުރަތަމަ ބުރުގައި ޝަރުތު ހަމަވެ، ގޯތި ނުލިބުނު މީހުންނަށް އުތުރު ތިލަފަޅުން ގޯތި ލިބޭނެ: ސްޓޭޓް މިނިސްޓަރު އަކްރަމް
ފުރަތަމަ ބުރުގައި ޝަރުތު ހަމަވި ނަމަވެސް، ގޯތި ނުލިބެނީ 778 މީހުންނަށް

ފުރަތަމަ ބުރުގައި ޝަރުތު ހަމަވެ، ގޯތި ނުލިބުނު މީހުންނަށް އުތުރު ތިލަފަޅުން ގޯތި ލިބޭނެ ކަމަށް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރާއްޖެޓީވީއަށް އަކްރަމް ވިދާޅުވީ "ބިންވެރިޔާ" ސްކީމުގެ ފުރަތަމަ ބުރުގައި ޝަރުތު ހަމަވިނަމަވެސް، ގޯތި ނުލިބޭ 778 މީހުންނަށް މި ބުރުގައި ގޯތި ދޭނެ ކަމަށެވެ.

އަކްރަމް ވިދާޅުވީ އުތުރު ތިލަފަޅުން 1،250 އަކަފޫޓުގެ 5،098 ގޯތި ކެނޑޭނެ ކަމަށެވެ. ނަމަވެސް، ޖޮއިންޓު ވެގެން ގިނަ ބަޔަކު ކުރިމަތިިލާނަމަ، ގޯތީގެ އަދަދު މަދުވާނެ ކަމަށާއި އެކަމަކު ގޯތި ލިބޭ މީހުންގެ އަދަދު އިތުރުވާނެ ކަމަށެވެ.

Advertisement

ދެވަނަ ފިޔަވަހީގެ ދަށުން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ، ހައުސިންގ މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން، ގިރާވަރު އުތުރުފަޅުންނެވެ. އެއީ، ރައީސް އިބްރާހީމް މުހައްމަދު ސާލިހު އިއުލާނުކުރެއްވި ގޮތަށް، ކޯސްޓްގާޑުގެ ބަނދަރު ތަރައްގީކުރަމުން އަންނަ އުތުރު ތިލަފަޅެވެ. ދެވަނަ ފިޔަވަހީގެ ދަށުން ގޯއްޗަށް ހުޅުވާލިއިރު ގިރާވަރު އުތުރުފަޅުން ގޯތި ދޫކުރާކަމަށް އޮތުމުން ބައެއް މީހުންނަށް އޮޅުންތަކެއް އެރިއެވެ. އަދި އެއީ އުތުރުތިލަފަޅު ނޫންކަމަށްވެސް ހީވިއެވެ. މިކަމާ ގުޅިގެން އަކްރަމް ވިދާޅުވީ، ގޯތި ދޫކުރަނީ ގިރާވަރު އުތުރުފަޅުން ކަމަށްވާއިރު، އެތަން މަޝްހޫރުވެފައި އޮންނަނީ އުތުރުތިލަފަޅުގެ ނަމުން ކަމަށެވެ.

މި ސްކީމުގެ ދަށުން ފްލެޓް ނުވަތަ ގޯއްޗަށް ހުށަހަޅާއިރު މާލޭގައި ދިރިއުޅުނު މުއްދަތު މާނަކުރާ ގޮތް އަކްރަމް ވަނީ ކިޔައިދެއްވާފައެވެ.

މިހާރު ފްލެޓް ނުވަތަ ގޯއްޗަށް ލާއިރު އެ ގެއެއްގަ އުޅުނުކަމުގެ ސިޓީއެއް ދިނުމުން އެއީ ސައްހަ ލިޔުމަކަށް ނުވާނެ. ހަމަ ކޮންމެ މީހަކަށްވެސް ދެވިދާނެ. ދެން ކައުންސިލްތަކުން ވެސް ލިޔުން ދީފަ އެބަހުރި އެމީހަކު އުޅެނީ މާލޭގަ ކަމަށް ބުނެ. ކައުންސިލުން ވެސް ބުނެވޭނީ އެ ރަށުގައި ނޫޅޭ ވާހަކަ. އަޅުގަނޑުމެން ބުނެފަ އޮންނާނީ ޕޯޓަލްގަ ވެސް، އެ މީހަކު މާލޭގަ ވަޒީފާ އަދާކުރާކަމުގެ ލިޔުން، ކުއްޔަށް ހިފައިގެން އުޅޭ އެގްރީމަންޓް ހުށަހެޅުމަށް. ނުވަތަ އޭނަގެ ދަރިން ސްކޫލުގަ އުޅޭކަމުގެ ލިޔުން، ނުވަތަ މަންމައާ ބައްޕަވެސް ވަޒީފާ އަދާކުރަންޏާ ދަރިންނަށްވެސް ލެވިދާނެ ފޯމް. ކައިވެނީގެ ސެޓްފިކެޓް، ކިޔަވާކަމުގެ ނުވަތަ ކޮލެޖްގަ އުޅޭކަމުގެ ލިޔުން ބޭނުންވާނީ. ކުރީގަ ފްލެޓަށް ލީ މީހުންވެސް ހުށަހަޅާފަ ހުރި ގޭގެ ވެރިމީހާގެ ސިޓީ، ކައުންސިލްގެ ސިޓީ، އެ އެއްޗެހި ސައްހައެއް ނުވާނެ. ގޭގަ ކުއްޔަށް އުޅޭކަމުގެ އެގްރީމަންޓް އޮންނަންޖެހޭނެ. ޕެންޝަން އެއްޗެހި ވެސް ހުރިނަމަ އެބަ އެނގޭ މި މީހަކު މިވެނި ދުވަހެއް ވަންދެން މާލޭގަ އުޅުނު ކަން.
އަކްރަމް ކަމާލުއްދީން

"ބިންވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ބަންޑާރަ ގޯތި ދޫކުރުމާއި، "ގެދޮރުވެރިޔާ" ސްކީމުގެ ދެވަނަ ފިޔަވަހިން ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވަނީ "ގެދޮރުވެރިން ޕޯޓަލް"https://gedhoruverin.gov.mvމެދުވެރިކޮށް 2023 ސެޕްޓެންބަރު 24 ވާ އާދީއްތަ ދުވަހުން ފެށިގެން 2023 އޮކްޓޫބަރު 24 ވާ އަންގާރަ ދުވަހުގެ ހަވީރު 3:00ގެ ނިޔަލަށެވެ.

ހައުސިންގ މިނިސްޓްރީން ބުނީ ދެ ސްކީމަށް ޝަރުޠު ހަމަވިނަމަވެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނީ އެ މީހަކު ޚިޔާރުކުރާ ކޮންމެވެސް އެއް ސްކީމަކަށް ކަމަށެވެ.

ބޯހިޔާވަހިކަމުގެ މަޝްރޫއުގައި، ދެވަނަ ބުރަށް 6،000 ފްލެޓާއި 4،500އަށްވުރެ ގިނަ ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް