ކ. މާލެ
|
22 ސެޕްޓެންބަރ 2023 | ހުކުރު 19:10
ބިލް ފާސްވުމާއެކު އިންޑިޔާގެ ވެރިކަން ކުރާޕާޓީގެ މެމްބަރުން އުފާފާޅު ކުރަނީ
ބިލް ފާސްވުމާއެކު އިންޑިޔާގެ ވެރިކަން ކުރާޕާޓީގެ މެމްބަރުން އުފާފާޅު ކުރަނީ
ގެޓީ އިމޭޖަސް
އިންޑިޔާގެ މަޖިލީސް
އިންޑިޔާގެ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ އެއްބައި ގޮޑި އަންހެނުންނަށް ޚާއްސަކުރާ ބިލެއް ފާސް ކޮށްފި
މަޖިލީހުގައި އަންހެނުންގެ އަދަދު އިތުރު ކުރުމާބެހޭ ބިލަށް ބަހުސު ކުރަމުން އަންނަތާ މިހާރުވަނީ 27 އަހަރު ވެފައެވެ

އިންޑިޔާގެ ރައްޔިތުންގެ މަޖިލީހުގެ ތިރިގެ، ނުވަތަ ލޮވަރ ހައުސްއޮފް ޕާލިއަމެންޓް އަދި ހުރިހާ ސްޓޭޓް އެސެމްބްލީ ތަކެއްގެ ތިންބައިކުޅަ އެއްބައި ގޮޑި އަންހެނުންނަށް ޚާއްސަކުރާ ބިލެއް އެގައުމުގެ ޕާލިއަމެންޓުން ފާސް ކޮށްފި އެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މިގޮތަށް އަދި ބިލެއް ފާސްކުރިއެއްކަމަކު މިކަމަށް އަމަލީ ސިފަ އައުމަށް އަދި އެތައް އަހަރެއް ނަގާނެއެވެ.

މަޖިލީހުގައި ހިމެނޭ އަންހެނުންގެ އަދަދު އިތުރު ކޮށް ބިލެއް ފާސްކުރިނަމަވެސް އެކަން ވުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ބައެއް މުހިންމު ކަންކަން އެބަހުއްޓެވެ. މިގޮތުން ބިލަށް އަމަލީ ސިފަގެންނަ ގޮތަށް އޮތީ ކުރިޔަށް އޮތް ބޯހިމެނުމަށް ފަހުއެވެ. އަދި އޭގެ ކުރިން މަޖިލީހުގައި ހިމެނޭ ދާއިރާތަކުގެ އިން، ނުވަތަ އިހުތިޞާޞް އަލުން ކަނޑައަޅަން ވެސް ޖެހެއެވެ. އެހެން ކަމުން މިކަމަށް އަދިވެސް އަހަރުތަކެއް ނަގާނެ ކަމަށް ގަބޫލު ކުރެވެއެވެ.

ބުދަދުވަހު އޮތް "ލޮކް-ސަބާ" ނުވަތަ ލޮވަރހައުސްއޮފް ޕާލިއަމެންޓްގެ ބައްދަލް ވުމެއްގައި "ނާރީ ޝަކްތީ ވަންދަން" ބިލު ފާސްވެފައިވަނީ ހާޒިރުވެ ތިބި 456 މެމްބަރުންގެ ތެރެއިން  454މެމްބަރުންގެ ތާއީދާ އެކުއެވެ. ބިލުގެ ނަމުގެ ތަރުޖަމާއަކީ "ސެލިއުޓިންގ ވިމެން ޕަވަރ" ނުވަތަ އަންހެނުން ބާރުވެރިކުރުވުމަށް ސެލިއުޓް ކުރަމެވެ. މަޖިލީހުގެ މަތިގެ ކަމަށްވާ ރަޖްޔާ ސަބާގައި ބުރާސްފަތި ދުވަހު ބަހުސް ކުރުމަށް ފަހު ބިލް ފާސްކޮށްފައި ވަނީ އިއްތިފާގުންނެވެ. ބިލް ޤާނޫނަކަށް ވުމަށް މިހާރު ބޭނުންވަނީ ހަމައެކަނި ރައީސް ތަސްދީޤު ކުރެއްވުމެވެ.

ބިލްފާސްވުމުން ކޮންގްރެސް ޕާޓީގެ މެމްބަރުން އުފާފާޅު ކުރަނީ - ގެޓީ އިމޭޖަސް

އިންޑިޔާގެ މަޖިލީހުގައި އަންހެނުންގެ އަދަދު އިތުރު ކުރުމާބެހޭ ބިލަށް އެކި ދައުރު ތަކުގައި ބަހުސު ކުރަމުން އަންނަތާ މިހާރުވަނީ 27 އަހަރު ވެފައެވެ. އެހެން ކަމުން މިއަދު އެބިލް ފާސްވުމުން ސަރުކާރުން އެކަން ސިފަ ކޮށްފައިވަނީ ވަރަށްވެސް ތާރީޚީ ބަދަލެއްގެ ގޮތުގައެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވަނީ މި ބިލުގެ ސަބަބުން އަންހެނުން އިތުރަށް ބާރުވެރިވެގެން ދާނެ ކަމަށާ އަދި ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރު ވެގެން ދާނެ ކަމަށެވެ.

ބިލް އަވަހަށް ތަސްދީޤު ކުރުމުގެ މުހިންމު ކަމަށް ބާރު އަޅުއްވާ، ބިލް ފަރުމާ ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ކޮންގްރެސް ޕާޓީގެ ކުރީގެ ރައީސް ސޯނިޔާ ގާނދީ ވަނީ މިކަމަށް އިންތިޒާރުގަ ތިބެންޖެހޭނީ ކިތައްއަހަރުތޯ، ދެއަހަރުތޯ، ހަތަރު އަހަރުތޯ ނުވަތަ އަށް އަހަރުތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.  

- ކޮމެންޓް