ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 18:46
އައިސްކްރީމް
އައިސްކްރީމް
"ދި އައިސްކްރީމް ޕްރޮޖެކްޓް"
މިހާތަނަށް ތަޖުރިބާކުރި އެންމެ ތަފާތު އައިސްކްރީމް ފްލޭވަރ ބުނެބަލަ!
ފިހާރަ ހުޅުވީ ޖޫން މަހުގެ ފަހުކޮޅު
ސްވީޓް ޗިލީ ސޯސް، ކެލޯގްސް ރައިސް ކްރިސްޕީޒް އަދި ކޮކޯ ޕޮޕްސް ސީރިއަލްގެ ރަހަތައް އައިސްކްރީމް ފްލޭވަރސްގެ ތެރޭގައި ހިމެނޭ
ހީވެސް ނުކުރާފަދަ ގޮތަކަށް، އައިސްކްރީމަކަށް ބަދަލުކޮށްފައި ހުރި ރަހަތައް އެބަހުރި

އައިސްކްރީމެކޭ ބުނެފިނަމަ އެންމެ ގިނަ ބައެއްގެ ހިތަށް އެންމެ ފުރަތަމަވެސް އަރާނީ ޗޮކްލެޓާއި، ވެނީލާ ނުވަތަ ސްޓްރޯބެރީފަދަ އާންމު ރަހަތަކެވެ. އެކި ބާވަތް ބާވަތުގެ ބަދަނާއި މެޓާގެ ރަހަތަކުގެ ވާހަކަ ނުދައްކާނެއެކޭ ނޫނެވެ. ނަމަވެސް، ހައިންޒް ޓޮމާޓޯ އައިސްކްރީމްގައި ލާނެ ރަހައަކާމެދު ވިސްނައިލެވުނީ ކިތައް މީހުންނަށް ބާއެވެ؟ ނުވަތަ މެކްވިޓީޒް ޑައެޖިސްޓިވް ބިސްކިޓްސް އައިސްކްރީމެއް ބޯންވެއްޖެއޭ އެއްވެސް އިރަކު ހިތަށްއެރިބާއެވެ؟ ވަރަށް ނާދިރެވެ.

ލަންޑަނުގައި ހިންގާ "ދި އައިސްކްރީމް ޕްރޮޖެކްޓް"އަށް ވަދެލައިފިނަމަ، އެކަން މުޅިން ބަދަލުވެގެންދާނެކަން ގައިމެވެ. މި ފިހާރައަކީ އިނގިރޭސި ފެޝަންގެ ދުނިޔޭގައި ނަން ހިނގާ، އަންޏާ ހައިންޑްމަރކް، އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރަށް ހާއްސަކޮށްގެން، ޖޫން މަހުގެ ފަހުކޮޅު ހުޅުވި ފިހާރައެކެވެ.

އައިސްކްރީމާއި ފޮނި، ފިނި އެކި ބާވަތްތައް ލިބެން ހުރި "ދި އައިސްކްރީމް ޕްރޮޖެކްޓް"ގެ މެނޫ ހާއްސަވަނީ، ހައިންޑްމަރކް އެންމެ ގަޔާވާ ރަހަތަކަށެވެ. އޭގެ ތެރޭގައި ސްވީޓް ޗިލީ ސޯސް، ކެލޯގްސް ރައިސް ކްރިސްޕީޒް އަދި ކޮކޯ ޕޮޕްސް ސީރިއަލްގެ ރަހަތައް ހިމެނެއެވެ.

"ދި އައިސްކްރީމް ޕްރޮޖެކްޓް"ގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ސޭރާ ސްޓޭންޑިންގް ސިފަކުރިގޮތުގައި، އެ ފިހާރައިން ލިބެން ހުރި ރަހަތަކަކީ، އާންމު ބަދިގެއަކުން ލިބެންހުރި ބާވަތްތަކެވެ. ނަމަވެސް ހީވެސް ނުކުރާފަދަ ގޮތަކަށް އައިސްކްރީމަކަށް ބަދަލުކޮށްލާފައެވެ.

އަހަންނަށް ހީވަނީ މީ ކޮންމެ މީހެއްގެ ގޭ ބަދިގެއިން ލިބޭނެ ރަހަތަކެއްހެން. އެ ރަހަތަކުން އައިސްކްރީމެއް ހަދާފާނެއޭ އެއްވެސް މީހެއްގެ ހިތަށް އަރާފަ ނުވާނެ ރަހަތަކެއް. މިސާލަކަށް، ޑައިޖެސްޓިވް ބިސްކިޓްސް، ކްރަމްޕެޓް... މީ ވަރަށް ހިތްގައިމު ރަހަތަކެއް. ވަރަށް ފުރިހަމަ.
ސޭރާ ސްޓޭންޑިންގް؛ ދި އައިސްކްރީމް ޕްރޮޖެކްޓްގެ އެހީތެރިއެއް

ފިހާރައަށް އަންނަ ކަސްޓަމަރުންގެ ޝައުގުވެރިކަން ފެނި، ސޭރާވެސް ހުރީ ހައިރާން ކަމެއްގެ ތެރޭގައެވެ. އެއްކޮށްފާނެއޭ ހީވެސްނުކުރާ ރަހަތައް އެއްކޮށްގެން އައިސްކްރީމްގެ ރަހަތަކަށް ތަޖުރިބާކުރާ ކަސްޓަމަރުން، ސޭރާ އާޝޯހު ކުރުވައެވެ.

ކަސްޓަމަރުން ބޭނުންވޭ ދެ ސްކޫޕެއް ވަރު ތަޖުރިބާކޮށްލަން... ވީހާވެސް އާދަޔާ ހިލާފު ޖޯޑެއް ގުޅާލަން ބޭނުންވޭ. ބައެއް މީހުން އައިސް އެބަ ބުނޭ، ސްވީޓް ޗިލީއާ ލެމަންކަރޑް ފްލޭވަރ ދޭން. އަހަރެން ބުނަން، ހަމަ އަސްލުވެސް ހެއްޔޭ... ކޮންމެ ގޮތެއް ވިއަސް، އެމީހުންނަށް ވަރަށް ކަމުދޭ އެ ރަހަތައް.
ސޭރާ ސްޓޭންޑިންގް؛ ދި އައިސްކްރީމް ޕްރޮޖެކްޓްގެ އެހީތެރިއެއް

ހައިންޑްމަރކްގެ އައިސްކްރީމް ފިހާރައިގެ އުފެއްދުންތައް ތަޖުރިބާކުރި އެކަކީ، ކާބޯތަކެއްޗަށް ހާއްސަކޮށްގެން ހިންގާ އިނގިރޭސި ވެބްސައިޓެއް ކަމަށްވާ "ޑެލީޝް"ގެ ސޯޝަލް މީޑިއާ އެޑިޓަރު، ލީޑިއާ ބެއިތުއެވެ. ލީޑިއާ ފާހަގަކުރިގޮތުގައި، ފިހާރައިން ލިބެންހުރި ބައެއް ރަހަތަކަކީ، މިހެން ހަމަ ހުރެލާފައި މީހަކު އިންސާފުކޮށްލަން ހިތަށްވެސް އަރާނެ ރަހަތަކެއް ނޫނެވެ.

އަހަންނަށް ހީވަނީ މީ ވަރަށް ހިތްގައިމު ހިޔާލެއްހެން. މީ އެހެން ނޫނީ ތަޖުރިބާކޮށްލަން ނުލިބޭނެ ގިނަ ރަހަތަކެއް ތަޖުރިބާކޮށްލަން ލިބޭ ފުރުސަތެއް. ހަމަ ގައިމުވެސް މަށެއް ނުދާނެ ހަމަ މިހެން ހުރެލާފަ ޕީޒް ރަހަލާ އައިސްކްރީމެއް ބޯލާކަށް. އެކަމަކު، އެ ރަހަ ތަޖުރިބާ ކޮށްލެވުނީމަ، މަ މިހުންނަނީ ހަމަ ބުނާނެ އެއްޗެއްވެސް ނޭނގިފަ.
ލީީޑިއާ ބެއިތު؛ ޑެލީޝްގެ ސޯޝަލް މީޑިއާ އެޑިޓަރު

ގިނަ ބައެއްގެ ސަމާލުކަން ހޯދާފައި ވާ "ދި އައިސްކްރީމް ޕްރޮޖެކްޓް" އޯގަސްޓް މަހުގެ 27ގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

- ކޮމެންޓް