ކ. މާލެ
|
21 ސެޕްޓެންބަރ 2023 | ބުރާސްފަތި 18:08
މެމްބަރު އީސަ
މެމްބަރު އީސަ
މަޖިލިސް
ރައީސް ސާލިހްގެ ލީޑަރޝިޕް
އެއްވެސް ބޭފުޅަކު ރައީސް ސާލިހްގެ 5 އަހަރުގެ ލީޑަރޝިޕާމެދު ސުވާލެއް ނުއުފައްދަވާނެ: އީސަ
ސިޔާސީ ހަޔާތުގައި ދިވެހިރާއްޖޭގައި ވެރިކަންކުރެއްވި އެންމެ ވަރުގަދަ އެއް ލީޑަރު
މުޅި ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި އެތައް ގުނަޔަކަށް އިތުރުކޮށްދެއްވާނެ
ރައީސް ސާލިހުގެ ނިންމެވުންތަކަށް އެއްވެސް މީހެއްގެ ހިތްހަމަނުޖެހުމެއް ނޯންނާނެ

އެއްވެސް މީހަކު ރައީސް ސާލިހުގެ 5 އަހަރުގެ ލީޑަރޝިޕާމެދު ސުވާލެއް ނުއުފައްދާނެކަމަށް، ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު އީސާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ ކެމްޕޭން ހަރަކާތާ ގުޅިގެން ރާއްޖެޓީވީގެ ޚާއްސަ ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުން، ރައީސް ސާލިހް ސިފަކުރައްވައި، ކެނދިކުޅުދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހްމަދު އީސާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމުގައި ހުންނެވި ދުވަސްވަރުގެ އިތުރުން، ޕީޖީ ލީޑަރަކަށް ހުންނެވި ދުވަސްވަރުވެސް، ރައީސް ސާލިހަކީ، ހުރިހާ އެންމެންނާވެސް ވާހަކަފުޅުދައްކަވާ، ހަމަތަކާއި އުސޫލްތަކުގެ މަތީގައި ދެމިހުންނަވާ ބޭފުޅެއްކަމަށެވެ. އަދި ހަމަޔާއި އިންސާފު، ވަރަށް ބޮޑަށް ގަބޫލުފުޅު ކުރައްވާ ބޭފުޅެއްކަމަށާއި، ރައީސް ސާލިހަކީ މަޑުމައިތިރި، އަޚްލާގް ރަނގަޅު، ބޭކާރު ވާހަކަފުޅު ދެއްކެވުން މަދު ބޭފުޅެއް ކަމަށެވެ. އަދި ރައީސް ސާލިހްގެ ނިންމެވުންތަކަށް އެއްވެސް މީހެއްގެ ހިތްހަމަނުޖެހުމެއް ނޯންނަކަންވެސް އީސަ ފާހަގަކުރެއްވިއެވެ.

އީސަ ވިދާޅުވީ، ރައީސް ސާލިހަކީ، މީގެ ކުރިން ވެރިއަކު ދިވެހިރާއްޖެއަށް ކޮށްނުދެއްވާހާ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ވެރިއެއްކަމަށެވެ.

އަޅުގަނޑު ގަބޫލުކުރާގޮތުގަ، މިއަދު ދިވެހި ރައްޔިތުން އިބްރާހީމް މުހައްމަދު ސާލިހުގެ ޝަޚްސިއްޔަތާ، ލީޑަރޝިޕާ ގުޅޭގޮތުން މާ ގިނަ ވާހަކަތަކެއް ދައްކަން އުޅުންވެސް އެއީ އެހާ ބުއްދިވެރި ގޮތަކަށްނުވާނެ. 5 އަހަރު، އަޅުގަނޑުމެންގެ ހަޔާތުގަ ރާއްޖޭގެ ވެރިއަކު ދިވެހިރާއްޖެއަށް ނުކޮށްދެއްވާހާ ޚިދުމަތް ކޮށްދެއްވި ވެރިއެއް. އިދިކޮޅުން ވަރަށް ގިނަ ސިޔާސީ ބަސްތައް ހަގީގަތާ ދިމާ އިދިކޮޅު ވާހަކަތައް އެ ބޭފުޅާއާ ގުޅޭގޮތުން ދެއްކިއިރުވެސް، އަދި އެ ބޭފުޅާގެ ޒާތީ ދިރިއުޅުއްވުމާ ގުޅޭގޮތުން ދެއްކެވިއިރުވެސް، އެއިން އެއްވެސް އިދިކޮޅު ބޭފުޅަކަށް ކޯފާވެ ބަސްފުޅެއް ވިދާޅެއްނުވޭ. ބޭކާރު ކަންކަމަށް ރައްދުދެއްވުން މަދު ކުރައްވާ، ރައްޔިތުންގެ ކަންކަމައިގެން އުޅުއްވާ، މުޅި ދިވެހި ރާއްޖެ ބަދަލުކުރެއްވި. އަދި މުސްތަގްބަލުގަ މުޅި ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި އެތައް ގުނައަކަށް އިތުރުކޮށް، ތަނަވަސްކުރެވޭނެ އެތައް ކަމެއް ފައްޓަވައިފި.
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު، އަހްމަދު އީސާ
ޚާއްސަކޮށް ކޮވިޑް ތެރޭގަ، ދިވެހިރާއްޖެ ކަހަލަ އުފެއްދުންތެރިކަން މަދު ގައުމެއް، އިގްތިސާދު ކުޑަ ގައުމެއްގަ، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުމާ ގުޅުންހުރި ހުރިހާ ކަމެއް ހަރުދަނާކޮށް ރާއްވަވައިގެން ގެންދެވި ހަރުދަނާ ލީޑަރެއްގެ ގޮތުގަ، ހަމަޔާ އިންސާފު ގަބޫލުކުރާ ކޮންމެ ދިވެހި ރައްޔިތަކު ގަބޫލުކުރާނެ. އަދި ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިން ގަބޫލުކުރާނެ, ކައިރި ގައުމުތަކުގެ އިގްތިސާދު ފުނޑުފުނޑުވެގެންގޮސް ބޭންކްރަޕްޓް ވީއިރުވެސް، އާދައިގެ ކުޑަ ވިޔަފާރިއެއް ހިންގާ މީހަކުވެސް މަގުމަތިވިޔަ ނުދީ، ވަރަށް ހަރުދަނާ ލީޑަރޝިޕެއް ދެއްކެވި.
ކެނދިކުޅުދޫ ދާއިރާގެ މެމްބަރު، އަހްމަދު އީސާ

މީގެއިތުރުން ރައީސް ސާލިހް ސިފަކުރައްވައި އީސަ ވިދާޅުވީ، ރައީސް ސާލިހަކީ އެ ބޭފުޅާގެ ސިޔާސީ ހަޔާތްޕުޅުގައި ދިވެހިރާއްޖޭގައި ވެރިކަންކުރެއްވި އެންމެ ވަރުގަދަ އެއް ލީޑަރުކަމުގައެވެ.

ރައީސް ސާލިހްގެ އަމާޒު ބޮޑަށް ގެންގުޅުއްވީ، ގައުމީ މަސްލަހަތުހުރި ކަންކަން ހަމަމަގަށް އަޅުއްވައި، ރައްޔިތުންނާ ގުޅުންހުރި ކަންކަން ފަހިކޮށްދެއްވަން ކަމަށްވެސް އީސަ ވިދާޅުވިއެވެ. އަދި ސިޔާސީ ވާދަވެރިކަމުގެ ތެރޭގައިވެސް ވެރިއެއްގެ ހުންނަންވާ ފޯކަސް ގެއްލުވާނުލައްވައި، ރައްޔިތުންނަށްޓަކައި ހަރުދަނާ ވެރިކަމެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވާ އީސަ ވިދާޅުވީ، އެއްވެސް މީހަކު ރައީސް ސާލިހުގެ 5 އަހަރުގެ ލީޑަރޝިޕާމެދު ސުވާލު ނުއުފައްދާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް