އދ.ގެ އާންމު މަޖިލީހުގެ ޖަލްސާއާއި ދިމާކޮށް ސައުދީ އަރަބިއްޔާއިން ހޯމަ ދުވަހު ބޭއްވި އަރަބި-ޔޫރަޕިއަން ފޯރަމްގައި ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްހައިގެ މަސައްކަތް އަލުން ފެށުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާއިރު، ދެ ދައުލަތުގެ ހައްލެއް ހޯދުމުގެ އުއްމީދު ތައް ފުނޑުފުނޑުވަމުން އަންނަ ކަމުގެ އިންޒާރު ރިޔާޒުން ވަނީ ދީފައެވެ.
ސައޫދީން އިންތިޒާމްކުރި މިފޯރަމް ބާއްވާފައި ވަނީ 140 ސްޓޭޓެއްގެ ލީޑަރުން ބައިވެރިވުމަށް ހަމަޖެހިފައިވާ ނިއުޔޯކުގައި ބާއްވާ އދ.ގެ އާންމު މަޖިލީހުގެ 78 ވަނަ ޖަލްސާގެ އެއް ދުވަސް ކުރިން "ސުލްހައިގެ މަސައްކަތު ދުވަސް" ގެ ނަމުގައެވެ.
ގާތްގަނޑަކަށް 50 ގައުމަކުން ބައިވެރިވި ސައޫދީ ފޯރަމަކީ އަރަބި ލީގާއި އީޔޫއިން ވެސް ސްޕޮންސާކޮށްފައިވާ ފޯރަމަކަށްވާއިރު، އިސްރާއީލާއެކު ސުލްހައިގެ މުއާހަދާއެއް ހަދާފައިވާ އަދި ތާރީހީ ގޮތުން އިސްރާއީލާއި ފަލަސްތީނުގެ މައްސަލައިގައި ހަރަކާތްތެރި ދައުރެއް އަދާކޮށްފައިވާ ދެ ގައުމު ކަމަށްވާ އުރުދުން އާއި މިސްރު ވެސް މިފޯރަމްގައި ބައިވެރިވި އެވެ.
މިއީ ފަލަސްތީނަށް މިނިވަން ދައުލަތެއްގެ ދަރަޖަ ދިނުމުގެ ކުރިން އިސްރާއީލާއެކު އެއްވެސް މަޝްވަރާއެއް ނުވަތަ އެއްބަސްވުމެއް ރިޔާޒުން ރަސްމީކޮށް ކުރިއަށް ނުގެންދާނެކަމަށް މީގެކުރިން ބުނެފައިވަނިކޮށް ބޭއްވި ފޯރަމެކެވެ. އަދި މި ފޯރަމް ބާއްވާފައި މިވަނީ ސައުދީ-އިސްރާއީލު ނޯމަލައިޒޭޝަން މަޝްވަރާތައް ކުރިއަށްދާ ކަމުގެ އަޑުތައްވެސް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.
ސައޫދީ ގެ މީޑިއާތަކުން ބްރޯޑްކާސްޓްކުރި މި ބައްދަލުވުމަށްފަހު ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ސައޫދީ އަރަބިޔާގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން ވިދާޅުވީ މި ފޯރަމްގެ މަގުސަދަކީ "ދެ ދައުލަތުގެ ހައްލަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް އަލުން ދިރުވައި އާލާކުރުންކަމުގައެވެ. އަދި ފަލަސްޠީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަކީވެސް މިފޯރަމްގެ މުހިންމު މަޤްޞަދެއްކަމުގައެވެ.
ދެ ދައުލަތުގެ ހައްލަކާ މެދު ރައްޔިތުން އުއްމީދު ގެއްލެން ފަށައިފި، އަޅުގަނޑުމެން ބޭނުންވަނީ، މަސައްކަތުން، އެކަން އަލުން އިއާދަ ކުރަން،ސައޫދީ ފޮރިން މިނިސްޓަރ
އަދި ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުން ފިޔަވައި ހަމަނުޖެހުންތަކަށް ހައްލެއް ގެނެވޭނެ ގޮތެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްރާއީލާއި ފަލަސްތީނުގެ ސުލްހައިގެ މަޝްވަރާތައް 2014 ވަނަ އަހަރުން ފެށިގެން ހުއްޓުމަކަށް އައިސްފައިވާއިރު، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުގެ ހަމަނުޖެހުންތައް އިތުރުވުމުގެ ސަބަބުން އެމަޝްވަރާތަކަށް އެނބުރި އައުމުގެ ފުރުސަތު ވަނީ ވަރަށް ކުޑަވެފައެވެ.
އިސްރާއީލުގެ ހަރުކަށި ފިކުރުގެ ސަރުކާރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އާބާދު ކުރަމުންދާ އިސްރާއިލްގެ ވަޒަންވެރިންގެ އާބާދީ ފުޅާކުރުމުގެ ސިޔާސަތުތަކަކީވެސް ސުލުހައަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. އިސްރާއީލުން ވަނީ ވަޒަންވެރިން އާބާދު ކުރުން ހުއްޓާލުމަށް ނުވަތަ މަޑުޖައްސާލުމަށް ދެކޮޅު ހަދައިފަ އެވެ.
މިސްރުގެ ޚާރިޖީ ވަޒީރު ސާމެހް ޝުކްރީ ވިދާޅުވީ، ފަލަސްތީނާއި އިސްރާއީލުގެ މެދުގައި ސީދާ މަޝްވަރާތައް ފެށުމަށް މަގު ފަހިކޮށްދޭ އެއްބަސްވުމަކަށް އައުމަށް ސަރަހައްދީ އަދި ބައިނަލްއަގްވާމީ ބައިވެރިންނާ އެކު މަސައްކަތް ކުރުމަށް އެ ގައުމުން ދެމިއޮންނާނެ ކަމަށެވެ.
އީޔޫގެ އިސް އޮފިޝަލެއް ކަމަށްވާ ޖޯސެފް ބޮރެލް ވިދާޅުވީ އޮސްލޯ އެއްބަސްވުމުގައި ސޮއިކުރިތާ 30 އަހަރު ފަހުން ފަލަސްތީނާއި އިސްރާއީލާ ދެމެދު ސުލްހަ ގާއިމުކުރުން އެއީ ވަރަށް ދުރުގައި އޮތް ކަމެއް ކަމަށެވެ.
ޔޫރަޕިއަން ޔޫނިއަން ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީގެ ހައި ރެޕްރެޒެންޓޭޓިވް ވަނީ ފަލަސްތީނުގެ ބިންތަކުގެ ހާލަތު ގޯސްވަމުންދާ ކަމުގެ އިންޒާރު ދީ، ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި ވަޒަންވެރިވާ މީހުންގެ އަދަދު އިތުރުވަމުންދާކަން ފާހަގަކުރައްވާފައެވެ.
ފަލަސްތީނާއި އިސްރާއީލުގެ ހަމަނުޖެހުންތަކާ ގުޅިގެން ކޮންމެ ދުވަހަކު ވެސް ހާލަތު އިތުރަށް ގޯސްވަމުންދާތަން ފެންނަ ކަމަށާއި އިސްރާއިލްގެ ނިޔަތާއި މި ހަމަނުޖެހުންތަކުގެ ސަބަބުން ފަލަސްތީނުގެ ސަލާމަތަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފަލަސްތީނުން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރިޔާދު މަންސޫރު ވިދާޅުވީ ފަލަސްތީނަށް ބައިނަލްއަގުވާމީ ހިމާޔަތް ކަށަވަރުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ހުޅަނގު އައްސޭރި އާއި ޣައްޒާގައި އިސްރާއީލު ސިފައިންނާއި ވަޒަންވެރިން ދިން ހަމަލާތަކުގައި މިއަހަރު ފެށުނު ފަހުން ފަލަސްތީނުގެ 200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އަދި އެތައް ސަތޭކަ ބަޔަކު ޒަޚަމްވެ، ނުވަތަ ހައްޔަރުކޮށްފައިވެއެވެ.
މަންސޫރު ވިދާޅުވީ ދެ ދައުލަތުގެ މެދުގައި ސުލުހަވެރި ހައްލަކަށް ދިޔުމަށް ބިނާކުރަނިވި އިސްނެގުމަކަށް އިއްތިފާގެއް އޮތުމުން ގަބޫލުކުރެވެނީ މިއީ ފަލަސްތީނަށް އދގެ މެމްބަރުކަން ދޭންވީ ވަގުތު ކަމުގައެވެ. އިސްރާއީލަށް މިހާރު ވެސް އދ.ގެ ފުރިހަމަ މެމްބަރޝިޕްގެ ދަރަޖަ ލިބިފައިވާތީ ފަލަސްތީނާ މެދު ބޭއިންސާފުން އަމަލު ކުރަމުންދާ ކަން މަންސޫރު ވަނީ ފާހަގަ ކުރައްވާފަ އެވެ.
މި ފޯރަމްގެ ބައިވެރިން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ފަލަސްތީނާއި އިސްރާއީލުގެ ރައްޔިތުން އެއްބަސްވުމަކަށް ހިނގައްޖެނަމަ، "ޕީސް ސަޕޯޓިންގ ޕެކޭޖް" ގެ ނަމުގައި އެލަވަންސެއް ދިނުމަށްވެސް އިއުލާނުކޮށްފައެވެ.
އަދި ޕެކޭޖުގެ ކަންކަން ހަގީގަތަކަށް ހެދުމަށްޓަކައި އެފޯރަމުންވަނީ ވޯކިން ގްރޫޕްތައް އިއުލާނުކޮށް އެގުރޫޕްތަކާއި އެކއެކި ކަންކަން ވަކިވަކިން ހަވާލުކޮށްފައެވެ.
ސައުދީ އަރަބިއްޔާއިން ހޯމަ ދުވަހު ބޭއްވި އަރަބި-ޔޫރަޕިއަން ފޯރަމަށްފަހު އިސްރާއިލާއި ފަލަސްތީނުގެ ހަމަނުޖެހުންތަކަށް ހައްލެއް އަތުވެދާނެކަމަށް ސައޫދީ އަރަބިއާއާއި، އެކު އެފޯރަމްގައި ބައިވެރި އުރުދުން އާއި މިސްރުގެ އޮފިޝަލުން އުންމީދު ކުރެއްވި ނަމަވެސް މިފޯރަމުން އެއްވެސް މަޤްޞަދެއް ހާޞިލްވީކަމަށް ގަބޫލުނުކުރެވޭ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.