ރައީސުލްޖުމްހުރިއްޔާ އަދި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު، މާލޭގެ ބައެއް ގޭގެއަށް "ދޮރުން ދޮރަށް" ކެމްޕެއިނަށް ވަޑައިގެންފިއެވެ.
"ދޮރުން ދޮރަށް" ކެމްޕެއިނަށް އާދިއްތަ ދުވަހު އެމަނިކުފާނު ވަޑައިގަތީ މާފަންނު އުތުރާއި މައްޗަންގޮޅީ އުތުރުގެ ބައެއް ގޭގެއަށެވެ.
 
                    އަދި ގޭގެއަށް ވަޑައިގެން، އާއްމުންގެ ހާލު ބައްލަވައި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމަނިކުފާނަށް ވޯޓު ދެއްވުމަށް އެދިވަޑައިގަތެވެ. އަދި އާއްމުންގެ ހުރި ޝަކުވާތަކަކީ ކޮބައިތޯ ބައްލަވައި، އާއްމުން ބޭނުންވާ ކަންކަން އޮޅުންފިލުއްވިއެވެ. ހަމައެހެންމެ އާޢްމުންގެ ހުރި ކަންބޮޑުވުންތަކުގެ މައުލޫމާތު އައްސަވައި، ކަންކަން ސާފުކުރެއްވިއެވެ. މީގެ އިތުރުން ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ކޮންމެވެސް ވަރަކަށް އަލިއަޅުއްވާލެއްވިއެވެ.
 
                    މި ހަރަކާތުގައި ކޯލިޝަންގެ އިސް ފަރާތްތަކާއި ސަރުކާރުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ. މިހާރު ސަރުކާރުން ދަނީ މާލޭގައިވެސް ކެމްޕެއިން ހަރަކާތްތައް ވަރުގަދަކޮށް، "ދޮރުން ދޮރަށް" ހަރަކާތްތައް އިތުރުކުރަމުންނެވެ.
 
                             
                        
                
    
 
                     
                             
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
