ކ. މާލެ
|
16 ސެޕްޓެންބަރ 2023 | ހޮނިހިރު 07:28
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބު
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް، އިލްޔާސް ލަބީބު
ޑިމޮކްރެޓްސް
ޑިމޮކްރަޓްސްގެ މަޝްވަރާތައް
ޕީޕީއެމްއާއެކު މަޝްވަރާ ކުރިޔަށްނުދަނީ އެއްބަސްވުމެއްގައި ސޮއިކުރަން އެ ޕާޓީން އެއްބަސްނުވާތީ: ޑިމޮކްރަޓްސް
ޑިމޮކްރަޓްސްއިން ހުށަހަޅަނީ މިމަހުގެ 25 ވަނަ ދުވަހު ވެރިކަމުގެ ނިޒާމީ ވޯޓަކަށް ދިޔުމަށް
އެމްޑީޕީއާއެކު އަދިވެސް މަޝްވަރާތައް ކުރިޔަށްދޭ

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެކުގައި މަސައްކަތްކުރުމަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު މަޝްވަރާތައް ކުރިޔަށްދިޔަކަމަށާއި, ނަމަވެސް އެ ވާހަކަތައް ކުރިޔަށްނުދަނީ އެއްވެސް ކަމަކާ އެއްބަސްވެ، އެއްބަސްވުމެއްގައި ސޮއިކުރުމަށް ޕީޕީއެމް/ޕީއެންސީން ދެކޮޅުހަދާތީކަމަށް ޑިމޮކްރަޓްސްއިން ބުނެފިއެވެ.

ޑިމޮކްރަޓްސްއިން ހުކުރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ވަގުތީ ޗެއަރޕަރސަން ހަސަން ލަތީފް ވިދާޅުވީ، އެހެންވުމުގެ ސަބަބުން ޕީޕީއެމްއާއެކު ވާހަކަތައް ކުރިޔަށްގެންދިޔުމަށް ދަތިކަމަށެވެ. ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ޑިމޮކްރަޓްސްގެ ރިޔާސީ ކެންޑިޑޭޓެވެ.

ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރަޓްސްއިން ޕާޓީތަކަށް ހުށަހަޅަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަންކަމަށެވެ. މަޝްވަރާތަކުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެއްވެސް ލިޔުމެއްގައި ސޮއިކުރަން ބޭނުންނުވާކަމަށާއި އެހެންކަމުން އެއީ އެކަމުގައި ސީރިއަސްކަމެއް ހުރި ކަމެއްކަމަށް ނުބެލެވޭކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

އޭގެ މާނައަކީ ދެ ފަރާތުގެ ދެމެދުގަ ދެކެވޭ ވާހަކަތަކުގަވެސް، އެއީ ޔައުމިއްޔާ ކަމުގައިވިޔަސް އަދި އޭގެއިތުރުން ނިންމާ ނިންމުމުގަވެސް ދެ ފަރާތުގެ މެދުގަ ސޮއިކޮށްގެން މަސައްކަތެއް ކުރުމަށް ޕީޕީއެމް އެއްބަހެއް ނުވޭ. އެހެންވީމަ އަޅުގަނޑުމެންނަށް ވަރަށް ދަތި ޕީޕީއެމްއާއެކު އެއްޗެއްގަ ސޮއިނުކޮށް މަސައްކަތްކުރަން. ސިޔާސީ ޕާޓީއެއް ޑިމޮކްރަޓުންނަކީވެސް. ޕާޓީގައި އެނގެން އޮންނަންޖެހޭނެ ޕާޓީން އެއްބަސްވާ ކަންކަން. އަދި އާންމު މެމްބަރުންނަށް (އެއްބަސްވާއިރު) އެކަންކަން އެނގިފަ އޮންނަންވެސް ޖެހޭނެތީއާ އެކީގަ، ކަމަކަށް އެއްބަސްވެ ސޮއިނުކުރެވޭކަމަށް ވަންޏާ އެއީ ދެން އޭގަ ސީރިއަސްކަމެއް ހުރި ކަމެއް ކަމަށް އެއްވެސް ފަރާތަކުން ނުދެކޭނެ.
ވަގުތީ ޗެއަރޕަރސަން، ހަސަން ލަތީފް

އެހެންކަމުން މިހާރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު މަޝްވަރާތައް ކުރިޔަށް ނުދާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މީގެއިތުރުން މިކަމާ ގުޅޭގޮތުން އެމްޑީޕީއާއެކު ނުރަސްމީ ސިފައެއްގައި މަޝްވަރާތައް ކުރިޔަށްދާކަމަށާއި، ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމާމެދު އެމްޑީޕީން އެއްބަސްވެސް އަދި ދެބަސްވެސް ނުވާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. ހަސަން ލަތީފް ވިދާޅުވީ މަޝްވަރާތައް އެމްޑީޕީއާއެކު ކުރިޔަށްދާކަމަށާއި ނަމަވެސް އެއީ ދިގުލައިގެންދާ މަޝްވަރާތަކެއްކަމަށް ހެދެން ޑިމޮކްރަޓްސްއަށް ނޯންނާނެކަމަށެވެ.

ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން އެއީ ޑިމޮކްރަޓްސް ގަބޫލުކުރާ މައިގަނޑު އެއް އަސާސްކަމަށް ވާއިރު، ހަސަން ލަތީފް ވިދާޅުވީ ޑިމޮކްރަޓްސްއިން ހުށަހަޅަނީ މިމަހުގެ 25 ވަނަ ދުވަހު ނިޒާމީ ވޯޓަކަށް ދިޔުމަށްކަމަށެވެ. އަދި އެވޯޓު ނެގުމުގައި މިއޮތް މުއްދަތުގެ ތެރޭގައި އިދާރީގޮތުން ވާންޖެހޭ ތައްޔާރީތަކަށްވެސް، އަދި އެކަމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށްވެސް ބޮޑެތި ދަތިތަކެއް ހުންނާނެކަމަށް ޑިމޮކްރަޓްސްއިން ގަބޫލުނުކުރާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް