ކ. މާލެ
|
8 ސެޕްޓެންބަރ 2023 | ހުކުރު 11:21
އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ބިލެއްދޫގައި ރައީސް ވާހަކަފުޅުދައްކަވަނީ
އުފާވެރި އަމާން ރާއްޖެ ޖަލްސާގައި ބިލެއްދޫގައި ރައީސް ވާހަކަފުޅުދައްކަވަނީ
ފ.އަތޮޅުގެ ކުރިމަގު
ބިލެއްދޫ އާއި މަގޫދޫ އަދި ފީއަލީގައި ރައީސް ކޮށްދެއްވާނެ ކަންކަމުގެ ދިގު ލިސްޓެއް
ފ. ބިލެއްދޫ އިން ބޭނުން ވަނީ ތިން ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައި
ރައީސް އިތުރަށް ވިދާޅުވީ މަގޫދޫ އެއާޕޯޓްގެ މަސައްކަތް ކުރިއަށް ދާ ކަމަށް
ރައީސް ވަނީ ފ.ފީއަލީގައި ކުރިއަށް ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ވެސް އަލިއަޅުވާލައްވާފައި

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އިތުރު ދައުރަކަށް ހޮވިވަޑައިގެންފިނަމަ، ފ.ބިލެއްދޫ އާއި ފ.މަގޫދޫ އަދި ފީއަލީގައި ކޮށްދެއްވާނެ ކަންކަން ރައީސުލްޖުމްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ހާމަކޮށްދެއްވައިފިއެެވެ.

ރައީސް ވަނީ ބިލެއްދޫގައި ހުކުރު ދުވަހު ބޭއްވި އުފާވެރި އަމާން ރާއްޖެ ބަނދަރު ޖަލްސާގައި އެ ދާއިރާ އަށް ވެސް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ފ. ބިލެއްދޫ އިން ބޭނުން ވަނީ ތިން ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެއީ ބަނދަރާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އޭގެ ތެރެއިން ބަނދަރުގެ މަސައްކަތް މިހާރު މޮބިލައިޒްކޮށްފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ނިމިގެންދާނީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތާއެކު އެކީގައި ކަމަށް ރައީސް ވިދާޅުވިއެވެ. އެ ރަށުގެ ސިއްހީ ނިޒާމް ހަރުދަނާކުރުމަށް ގެންގުޅުއްވާ ތަސައްވުރު ރައީސް ވަނީ ހާމަކޮށްދެއްވާފައެވެ. އެގޮތުން އެ ރަށުގެ ސިއްހީ ޚިދުމަތް ފުޅާކޮށް ވަސީލަތްތައް އިތުރުކޮށްދެއްވުމަށް ވައުުދުވެވަޑައިގެންނެވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މަގޫދޫ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. އަދި ކުރިއަށް އޮތް މަދު މަސްތަކުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ. ބިލެއްދޫ އާއި މަގޫދޫގައި ވެސް މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވުމަށް ރައީސް ވަނީ ވައުދުވެވަޑައިގެންފައެވެ. ހަމައެހެންމެ މަގޫދޫ ކައުންސިލްގެ މަސައްކަތް ކުރުން ފަސޭހަކުރުމުގެ ގޮތުން ކައުންސިލާއި ޑަބްލިއުޑީސިީ އަށް އައު އިމާރާތެއްގެ މަސައްކަތް ކޮށްދެއްވުމަށް ވެސް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ. އަދި އެ ރަށުގެ ޕޮލިސް ސްޓޭޝަންގެ އައު އިމާރާތުގެ މަސައްކަތް ކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. ހަމައެހެންމެ ޒުވާނުންނަށް ޔޫތު ސެންޓަރެއް ޤާއިމްކޮށްދެއްވުމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގަންނަވާފައެވެ.

ރައީސް ވަނީ ފ. ފީއަލީގައި ކުރިއަށް ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ވެސް އަލިއަޅުވާލައްވާފައެވެ. އެގޮތުން އެ ރަށުގައި ބިން ހިއްކުމާއި ރޯހައުސް ނުވަތަ ފްލެޓް އެޅުމަށް ނިންމަވާފައިވާކަން ރައީސް ވަނީ ހާމަކުރައްވާފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ބަލާ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓުދޭން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ޕީޕީއެމްގެ ސަރުކާރުން އިސް ރަށްވެހިންނާމެދު އަޅާ ނުލާ ދޫކޮށްލާފައިވާ ކަމަށާއި މިހާރުގެ ސަރުކާރުން އިސްރަށްވެހިންނަށް ރަނގަޅު ގޮތްތަކެއް ހޯދާ ދެމުންދާ ކަމަށެވެ. އަދި ދިވެހިންގެ ތެރޭގައި ތިއްބެވި ދީނީ ޢިލްމުވެރިން ބާކީވެފައި ވަނިކޮށް ދީނީ އިލްމުވެރިންނަށް ވެސް ރަނގަޅު ފުރުސަތުތަކެއް މި ސަރުކާރުން ހޯދާދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން އެ ކަންކަމަށް ބެލުމަށް ފަހު ރައްޔިތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މި ސަރުކާރު ދެވަނަ ދައުރަކަށް އިންތިޚާބުކުރުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް