ކ. މާލެ
|
28 ސެޕްޓެންބަރ 2023 | ބުރާސްފަތި 08:24
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
އެމްޑީޕީ
އުފާވެރި އަމާން ތިނަދޫ ޖަލްސާ
ފިތުނައިގެ ވާހަކަ ދައްކާ، ފިތުން ފެތުރުން ނޫން އެއްވެސް ކަމެއް އިދިކޮޅުން ނުކުރޭ: ޝާހިދު
ދެވަނަ ހެލިކޮޕްޓަރު ރާއްޖެއަށް ގެނެސްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި
ފުރަތަމަ ހެލިކޮޕްޓަރު ރާއްޖެއަށް ގެނެސްފައިވަނީ، ރައީސް ނަޝީދުގެ ވެރިކަމުގައި
ދިވެހިރާއްޖޭގެ ސަރަހައްދަކަށް ބޭރުގެ އެއްވެސް ފަރާތަކުން ވަދެ މަސްކޮޅު ހިފައިގެން ނުދެވޭނެ

ފިތުނައިގެ ވާހަކަ ދައްކާ، ފިތުން ފެތުރުން ނޫން އެއްވެސް ކަމެއް އިދިކޮޅުން ނުކުރާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ އުފާވެރި އަމާން ރާއްޖެ، ތިނަދޫ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޝާހިދު ވަނީ އިންޑިއާ ސިފައިންނާއި ބެހޭގޮތުން އިދިކޮޅުން ދައްކަމުން ދެންދާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.

އެގޮތުން، ޝާހިދު ވިދާޅުވީ، އިންޑިއާ އިން ރާއްޖެއަށް ގެނައި ހެލިކޮޕްޓަރުތަކުގެ ތެރެއިން ފުރަތަމަ ހެލިކޮޕްޓަރު ރާއްޖެއަށް ގެނެސްފައިވަނީ 2011 ވަނަ އަހަރުގައި ކަމަށެވެ. އަދި އޭރު ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދުކަމަށެވެ.

އަދި ދެވަނަ ހެލިކޮޕްޓަރު ރާއްޖެއަށް ގެނެސްފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމުގައި 2016 ވަނަ އަހަރުކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ، އެ ސަރުކާރުތަކުން ހިންގާފައިވާ މުޢާމަލާތްތަކަކީ ބައިނަލްއަޤްވާމީ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް ހިނގާފައިވާ މުޢާމަލާތްތަކެއްކަމަށެވެ. އަދި މިހާރުވެސް ކުއްލި ހާލަތްތަކުގައި އެ ހެލިކޮޕްޓަރުތަކުގައި ރައްޔިތުން އުފުލާ ކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ފުރަތަމަ ހެލިކޮޕްޓަރު ދިވެހިރާއްޖެއަށް ގެނައީ، 2011 ވަނަ އަހަރު. އޭރު ވެރިކަމުގައި ހުންނެވީ ރައީސް ނަޝީދު. ދެވަނަ ހެލިކޮޕްޓަރު ދިވެހިރާއްޖެއަށް ގެނައީ 2016 ވަނަ އަހަރު. އޭރު ވެރިކަމުގައި ހުންނެވީ ރައީސް ޔާމީން. އެއީ މި ދެ ހެލިކޮޕްޓަރު ގެނަސްގެން މިތަނުގައި ހުރިހާ ކަމެއް ކުރެއްވީ 2011 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް. އެ ސަރުކާރުތަކުން ސޮއި އެޅި އެއްޗެއްގައި ސޮއެ އަޅާފައި އޮތީ. އެ ސޮއި އެޅި އެއްޗެއްގައި ސޮއި އަޅާފައި އޮތީވެސް ބައިނަލްއަޤްވާމީ އުސޫލުތަކާއި، ދިވެހިރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް. އެހެންވީމާ މިހާރުވެސް އެ ދެ ހެލިކޮޕްޓަރު ރާއްޖޭގައި އެ އޮތީ، އެ ދެ ހެލިކޮޕްޓަރުން އުފުލަމުން ގެންދަނީ ދިވެހި ރައްޔިތުން. ނިކަމެތި ރައްޔިތުންނަށް ދިމާވާ ކުއްލި ހާލަތުގައި.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އޭގެއިތުރުން ޝާހިދު ވިދާޅުވީ، އުތުރު ތިލަފަޅުގައި އިންޑިއާގެ މަރުކަޒެއް ހަދާކަމަށް ބުނެ އިދިކޮޅުން ފަތުރަމުން ގެންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. ޝާހިދު ވިދާޅުވީ، އުތުރު ތިލަފަޅުގެ މަސައްކަތަކީ 2015 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ދިވެހި ރާއްޖޭގެ ސަފީރާއި އިންޑިއާގެ ޚާރިޖީ ވަޒީރާއެކު ބަދަލުކުރައްވާ، އެއްބަސްވުންތަކަކުން ފެށުނު މަސައްކަތެއްކަމަށެވެ. އަދި އެ އެއްބަސްވުންތަކުގެ ތެރެއިން އެއް އެއްބަސްވުމަކީ، 'ޑިފެންސް އެކްޝަން ޕްލޭން' އެއްބަސްވުންކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެ އެއްބަސްވުމުގައި، އުތުރު ތިލަފަޅުގައި ދިވެހި ސިފައިންނާއި ކޯސްޓް ގާޑަށް ބޭނުންވާ ބަނދަރެއް ހެދުމަށް އޮތްކަމަށާއި، މި ސަރުކާރުން މިހާރު އުތުރު ތިލަފަޅުގައި އަޅަމުން ގެންދަނީ ދިވެހިރާއްޖޭގެ ސިފައިންނާއި ކޯސްޓްގާޑަށް ބޭނުންވާ ބަނދަރެއްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

2015 ވަނަ އަހަރު ރައީސް ޔާމީން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅެއްގައި، އެގްރީމެންޓްތަކެއް ދިވެހި ރާއްޖޭގެ ސަފީރާއި އިންޑިއާގެ ހާރިޖީ ވަޒީރާ ބަދަލުކުރެއްވި މަންޒަރު ފެނުން. އެ ޕޯޑިއަމްގައި ހުއްޓި ވަޑައިގެން ރައީސް ޔާމީން ވިދާޅުވީ 'އިންޑިއާ ފަސްޓް ޕޮލިސީ'. އެ ދުވަހު ބަދަލުކުރެވުން އެގްރިމެންޓު ތެރޭގައި އޮތް އެއް އެގްރީމެންޓަކީ 'ޑިފެންސް އެކްޝަން ޕްލޭން' ކިޔާ ދެ ގައުމުގެ ދޭތެރޭގައި އުފެދުނު އެއްބަސްވުމެއް. އެ އެއްބަސްވުމުގައި ހުރި ކަންތައްތަކުގެ ތެރެއިން އެއް ކަމަކީ، އުތުރު ތިލަފަޅުގައި ދިވެހި ސިފައިންނާއި ކޯސްޓް ގާޑަށް ބޭނުންވާ ބަނދަރެއް ހެދުމުގެ ވާހަކަ. މި ސަރުކާރުން އުތުރު ތިލަފަޅުގައި އަޅަމުން އެ ގެންދަނީ ދިވެހިރާއްޖޭގެ ސިފައިންނާއި ކޯސްޓްގާޑަށް ބޭނުންވާ ބަނދަރެއް.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

އައްޑޫގައި އަޅަމުންގެންދިޔައީ އިންޑިއާގެ އަސްކަރީ ބޭސްއެއް ކަމަށް އިދިކޮޅުން ވާހަަަކަތައް ފެތުރި ނަމަވެސް ޝާހިދު ވަނީ އެ ވާހަކަތައް ވެސް ދޮގުކުރައްވާފައެވެ.

އައްޑޫގައި އަޅަނީ އިންޑިއާ ސިފައިން ތިބޭ މަރުކަޒެއްކަމަށް އިދިކޮޅުން ބުނަމުން ގެންދިޔަ. މިހާރު އެތަން އަޅާ ނިމިފައިހުރީ. އެތަނުން 300 ފުލުހުން ފުލުފުލުގައި ތަމްރީން ވަމުން އެ ދަނީ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

މީގެއިތުރުން ޝާހިދު ވަނީ، ދިވެހި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލީކަމަށްބުނެ އިދިކޮޅުން ދައްކަމުންގެންދާ ވާހަކަތަަކަށް ވެސް ރައްދު ދެއްވާފައެވެ.

ބައިނަލްއަޤްވާމީ އުސޫލުތަކާއި އެއްގޮތަށް އިންފާރު ރާނާފައި އެ އޮތީ. މިހާރު ދިވެހިރާއްޖޭގެ ސަރަހައްދަކަށް ބޭރުގެ އެއްވެސް ފަރާތަކުން ވަދެ އަޅުގަނޑުމެންގެ މަސްކޮޅުކައި، މަސްކޮޅު ހިފައިގެން، މަސްކޮޅު ދާޖަހައިގެން ނުގެންދެވޭނެ. މިހާރު އެ އޮތީ އަޅުގަނޑުމެންގެ މަހުގެ މުއްސަނދިކަން ހިމާޔަތްކޮށްފައި. އިން އެ އޮތީ ވަކިކޮށްފައި.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޝާހިދު އިތުރަށް ވިދާޅުވީ، އިދިކޮޅުން މަސައްކަތްކުރަނީ، ރައްޔިތުންގެ މެދުގައި ފިތުނައާއި ނަފްރަތާއި ރުޅިވެރިކަމާއި ބިރުވެރިކަމާއި އަނިޔާވެރިކަމާއި ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފައްދަންކަމަށެވެ.

- ކޮމެންޓް