އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ 3 ދައުވާއެއްގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިބްރާހިމް ޛިހުނީއެވެ.
މި އަޑުއެހުމުގައި ގާޒީ ވަނީ ދައުވާލިބޭ ފަރާތަށް ލިބިގެންވާ ޙައްޤުތައް ކިޔާދެއްވާފައެވެ. އެއަށްފަހު ދައުލަތުން ވަނީ ދައުވާތައް އިއްވާފައެވެ. މި ތިން މައްސަލައަކީވެސް ދައުލަތުން އިއުތިރާފުގެ އެއްބަސްވުމަކާއެކު ކުރިއަށްގެންދަވަން ހުށަހަޅުއްވާފައިވާ ތިން މައްސަލައެކެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ، އިއުތިރާފު އެއްބަސްވުމަށް އަމަލު ކުރާ ޙާލަތުގައި އެ ދައުވާތަކާއި ގުޅިގެން އަންނާނެ އަދަބަކީ 12 އަހަރުގެ ޖަލު ޙުކުމެއް ކަމަށެވެ.
ދައުވާތައް އިއްވައި، ދައުވާތަކާއި ގުޅިގެން އަންނާނެ އަދަބު ބަޔާން ކުރެއްވުމުން ޒިޔަތު ވަނީ ހުރިހާ ދައުވާއަކަށްވެސް އިއުތިރާފުވާކަމަށް ވިދާޅުވެފައެވެ.
ގާޒީ ވަނީ ޒިޔަތުގެ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ކަނޑައަޅުއްވާފައެވެ.
އެއަށްފަހު ބުރާސްފަތި ދުވަހު ވަނީ މި މައްސަލައިގައި އަވަސްނިޔާގެ ދަށުން ޙުކުމްވެސް ކޮށްފައެވެ. އެގޮތުން 3 ދައުވާއާ ގުޅިގެން ކޮންމެ ދައުވާއަކަށްވެސް 4 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު، ޖުމުލަ 12 އަހަރުގެ ޖަލު ޙުކުމެއް ވަނީ އިއްވާފައެވެ.
އެމްއެމްޕީއާރްސީ ޙިޔާނާތާ ގުޅިގެން އިއްވާފައިވާ ގިނަ ދައުވާތަކެއް ސާބިތުވެ ޒިޔަތު މިހާރުވެސް ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ދައުލަތަށް ލިބެންޖެހޭ ބޮޑެތި ފައިސާގެ އަދަދުތަކަށް ޒިޔާތު ހިޔާނާތް ވެފައިވާއިރު، އިއްވާފައިވާ ހުކުމްތައް ބޮޑުތަނުން ލުއިދީފައިވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުމަށް އޭނާގެ ފަރާތުން އެއްބާރުލުން ދިނުމާއި ކުށަށް އިއުތިރާފްވުމުގެ އެއްބަސްވުމުގެ ދަށުންނެވެ.
އެމްއެމްޕީއާރްސީ ޙިޔާނާތުގެ މައްސަލަތަކުގެ ތެރެއިން ޅ. މާބިންހުރާ މައްސަލައިގައި ޒިޔަތުގެ މައްޗަށް މީގެކުރިން ވަނީ ކުށް ސާބިތުވެ އަށް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.