ކ. މާލެ
|
7 ސެޕްޓެންބަރ 2023 | ބުރާސްފަތި 14:06
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
އިންތިޚާބީ ޝަކުވާ
އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ހައިކޯޓުގައި ޚާއްސަ އިންތިޒާމުތަކެއް
މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ 7902206 ނަންބަރު ފޯނަށް ގުޅޭނެ
ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް މައްސަލަ ހުށައެޅުމަށް އެދިފައިވޭ

އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށައެޅުމަށް ހައިކޯޓުގައި ޚާއްސަ އިންތިޒާމުތަކެއް ހަމަޖައްސައިފިއެވެ.

އެކަމާ ގުޅޭގޮތުން ހައިކޯޓުން ބުނީ، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ ދަށުން އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރްޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ކަމަށާއި، ރިޔާސީ އިންތިޚާބާ ގުޅޭ އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކަށް އެކަން ފަސޭހައިން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ބައެއް ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ސެޕްޓެންބަރު 09 އަދި 10 ވަނަ ދުވަހުގެ ހެނދުނު 0900 އިން ރޭގަނޑު 2200 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ބެހެއްޓުމާއި، ސެޕްޓެންބަރު 11 އިން ފެށިގެން އިންތިޚާބީ ޝަކުވާގެ މައްސަލަ ހުށަހެޅުމަށް އޮތް މުއްދަތު ހަމަވާންދެން، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 0900 އިން 1500 އަށް އަދި ރޭގަނޑު 2000 އިން 2300 އަށް ހައިކޯޓުގެ ކައުންޓަރު ހުޅުވާފައި ބެހެއްޓުން ހިމެނެއެވެ.

އޭގެ އިތުރުން، އިންތިޚާބީ ޝަކުވާގެ މައްސަލަތައް އޮންލައިންކޮށް ހުށަހެޅުން ފަހިކުރުމަށްޓަކައި [email protected] އަށް އީމެއިލް ކުރެވޭ ގޮތަށް އިންތިޒާމު ހަމަޖެއްސިފައިވާކަމަށްވެސް ހައިކޯޓުން މައުލޫމާތުދެއެވެ.  

އެ ގަޑިތަކުގެ އިތުރުންވެސް މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންފުޅުވާނަމަ 7902206 ނަންބަރު ފޯނުން، ހައިކޯޓާއި ގުޅުއްވައިގެން ކުރިއަށް ގެންދެވިދާނެކަމަށް އެ ކޯޓުން މައުލޫމާތުދެއެވެ.

ހައިކޯޓުން ބުނެފައިވަނީ، އިންތިޚާބީ މައްސަލަތައް ހުށަހެޅުމުގައި އެންމެ ބޮޑު ސަމާލުކަމެއް ދެއްވަންޖެހޭ ކަމަކީ، ބޭނުންވާ ހުރިހާ މައުލޫމާތެއް ފުރިހަމަކޮށް، މައްސަލައިގެ ލިޔުންތަކާއި އެކު މައްސަލަ ހުށަހެޅުން ކަމަށެވެ. އެގޮތުން މައްސަލަ ހުށަހަޅުއްވާ ސަބަބާއި، އެކަމުގެ ތަފްސީލް އަދި މައްސަލައާއި ގުޅޭ ހެކިތައް ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް ވަނީ ހަނދާންކޮށްދެއްވާފައެވެ.  

އިންތިޚާބީ މައްސަލަތައް ހައިކޯޓަށް ހުށަހެޅުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަކީ، އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރާތާ ގިނަވެގެން 14 ދުވަހެވެ. މިމުއްދަތު ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެންނެވެ. އިންތިޚާބީ ޝަކުވާގެ މައްސަލަތައް ހުށަހަޅާ ފޯމްތައް، ހައިކޯޓުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް