ކ. މާލެ
|
31 އޯގަސްޓް 2023 | ބުރާސްފަތި 12:07
ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލަ
ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލަ
ރާއްޖެއެމްވީ
ޕޮލިސް ސާޖަންޓް އާދަމްގެ މަރު:
ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުންތައް ނިންމާލައިފި
ދަށު ކޯޓު މަރުޙަލާގައި ސަމާހުގެ ފަރާތުން ފާހަގަކޮށްފައިނުވާ ކަންކަން ސުޕްރީމް ކޯޓު މަރުޙަލާގައި ފާހަގަކޮށްފައިވޭ
ސަމާހު ބުނެފައިވާ ގޮތުގައި ބުނެފައިވާ ގޮތުގައި އޭނާ އާދަމް ހަލީމް މަރާލީ ގަސްތުގައެއް ނޫން

ކ. ކާށިދޫގައި މަރާލި ޕޮލިސް ސާޖަންޓް އާދަމް ހަލީމްގެ ގާތިލު މުހައްމަދު ސަމާހަށް އިއްވާފައިވާ މަރުގެ ހުކުމުގެ އިސްތިއުނާފު އަޑުއެހުމެއް ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ކުރިއަށް ދިޔައީ ޝަރީއަތުން އިތުރަށް ކުރަންހުރި ސުވާލުތައް ކުރުމާއި، ސަމާހުގެ ވަކީލު މި އަޑުއެހުމުގައި ދެއްކެވި ވާހަކަތަކަށް ދައުލަތުން ރައްދު ދިނުމާއި، ޚުލާސާކޮށް ދެފަރާތުންވެސް ވާހަކަ ދެއްކުމެވެ.

ސަމާހު ބުނެފައިވާ ގޮތުގައި ބުނެފައިވާ ގޮތުގައި އޭނާ އާދަމް ހަލީމް މަރާލީ ގަސްތުގައެއް ނޫނެވެ. އޭނާ ވަޅި ހިފައިގެން ނުކުތީ އާދަމް ހަލީމަށް ބިރު ދައްކާލުމަށް ކަމަށާއި، ނަމަވެސް މަރާލެވުނީ މަސްތުގެ ޙާލަތުގައި ހުރުމުންކަމަށް އޭނާ ބުނެއެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ހައިކޯޓުގެ މަރުޙަލާއާއި، ކްރިމިނަލް ކޯޓުގެ މަރުޙަލާގައި ސަމާހުގެ ފަރާތުން ފާހަގަކޮށްފައިނުވާ އެތައް ކަމެއް ސުޕްރީމް ކޯޓު މަރުޙަލާގައި ފާހަގަކުރަމުންދާ ކަމަށެވެ.

އޭގެ ތެރޭގައި ފުލުހުން އޭނާއަށް ބިރުދެއްކި ވާހަކައާއި، ދައުލަތުގެ ވަކީލެއް ހަމަޖެއްސުމަށް އިންކާރުކުރަން ފުލުހުން ބުނިކަމަށް ބުނާ ވާހަކަ ހިމެނެއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ޙާދިސާ ހިނގިތާ 12 އަހަރުވެފައިވާއިރު، މީގެ ކުރިން ނުދައްކާ އެތައް ވާހަކައެއް މިހާރު ހަނދާނަށް އަންނަންވީ ސަަބަބެއް ނެތް ކަމަށާއި، ވުމާއެކު އެ ވާހަކަތަކަށް ދެވޭ ބުރަދަން ކުޑަވާނެކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

ވާރިސުންގެ ތެރޭގައި ހިމެނޭ ކުޑަކުދިންގެ ހެކިބަހާއި ނުލައި ޤިސާސް ހިފުމަށް ދަށު ކޯޓުން ނިންމި ނިންމުން ގޯސްކަމަށްވެސް ސަމާހުގެ ފަރާތުން ބުނެއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، އެއީ އިލްމުވެރިންގެ މެދުގައިވެސް ހިޔާލު ދެކަފިވެފައިވާ މައްސަލައެއް ކަމަށާއި، ވުމާއެކު ވަކި ގޮތަކީ ގޯސް ގޮތެކޭ ވިދާޅެއްނުވެވޭނެ ކަމަށެވެ.

ހުމާމްއާއި މުއްރަތުގެ މައްސަލައިގައިވެސް ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުގައި، މިއީ މަޒްހަބުތަކުގެ ރައުޔު ދެކަފިވެފައި އޮންނަ މައްސަލައެއްކަން ފާހަގަކޮށްފައިވާކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދެގޮތަށް ޤަބޫލުކުރައްވާ އިލްމުވެރިންވެސް، ފަނޑިޔާރަކު އެކަމުގައި ގޮތެއް ނިންމެވުމުން އެ ނިންމެވުމަށް ޤަބޫލުކުރަންޖެހޭކަމަށް ބަޔާންކުރައްވާކަމަށް ސުޕްރީމް ކޯޓުގެ ނިންމުންތަކާ ޙަވާލާދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، މި މައްސަލައިގައިވެސް ދިމާވެފައިވަނީ އެކަހަލަ ޙާލަތެއް ކަމަށެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި ވަނީ މި މައްސަލައިގެ އަޑުއެހުންތައް އެއްކޮށް ނިންމާލާފައެވެ. ވުމާއެކު، ދެން އޮންނާނީ މި މައްސަލައިގެ ޙުކުމް ކުރެއްވުމެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން ސުޕްރީމް ކޯޓުގައި ބައްލަވަމުން ގެންދަވާ މި މައްސަލައިގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް