ކ. މާލެ
|
30 އޯގަސްޓް 2023 | ބުދަ 22:46
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތިނަދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތިނަދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ތިނަދޫ ފަޅުވުން
ގދ. ތިނަދޫ ފަޅުވި ހާދިސާއާއި ގުޅިގެން ރައީސް މައާފަށް އެދިވަޑައިގަންނަވައިފި
ތިނަދޫ ފަޅުވެގެން ދިޔަ ހާދިސާއަކީ ހިތާމަވެރި ހާދިސާއެއް
ތިނަދޫއާއި ދޭތެރޭގައި އެއިރު އަމަލުކޮށްފައިވަނީ އެއްވެސް ސަރުކާރަކުން ރައްޔިތަކާ ދޭތެރޭގައި އަމަލުކުރަންވާނޭ ގޮތަކަށް ނޫން

ގދ. ތިނަދޫ ފަޅުވި ހާދިސާއާއި ގުޅިގެން, ތިނަދޫ ރައްޔިތުންގެ ކިބައިން ދައުލަތުގެ ވެރިއެއްގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް މައާފަށް އެދިވަޑައިގަންނަވައިފިއެވެ.

ތިނަދޫ ފަޅުވި ހާދިސާއާއި ގުޅިގެން ރައީސް މައާފަށް އެދިވަޑައިގަތީ ތިނަދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ހުވަދޫ އަތޮޅާމެދު ތަސައްވުރެއް އެބައޮތް ކަމަށެވެ. އަދި ތިނަދޫއާއި ދޭތެރޭގައި ތަސައްވުރެއް އެބައޮތް ކަމަށާއި، ޤަދީމީ އެ އަތޮޅަކީ ރާއްޖޭގެ ތަރައްގީއަށް ކުރައްވާ ދަތުރުގައި އެންމެ ދުވެލި ބާރު އަތޮޅު ކަމަށެވެ. ރައީސް ވިދާޅުވީ އެއީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަތޮޅު ކަމަށާއި، ރާއްޖޭގައި އޮތް އެންމެ ރަށް ގިނަ އަދި މަސްވެރިކަމުގެ ސިނާއަތުގައި އެންމެ ކުރިއަރާފައިވާ އަތޮޅު ކަމަށެވެ. މީގެ އިތުރުން ސިޔާސީ ލީޑަރުންނާއި، ޑިމޮކްރަސީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކުރި އަތޮޅެއް ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ އެތައް ވިޔަފާރިވެރިންނެއް އުފެއްދި އަތޮޅެއް ކަމަށާއި، ތިނަދޫ އަކީ އެ ހުރިހާ ދާއިރާއެއްގައި އަރާ އޮތް ރަށެއް ކަމަށެވެ. ރައީސް ވިދާޅުވީ ތިނަދޫގެ ތާރީހަށް ޖެހިލާއިރުގައި ފާހަގަކޮށްލެވޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.

ރައީސް ވިދާޅުވީ ތިނަދޫއަކީ އާދަޔާ ހިލާފް ރަށެއް ކަމަށެވެ. ތާރީހުގެ ތެރެއިން އެކަންކަން ފެންނަން އެބަހުރި ކަމަށާއި، ހަވަރު ތިނަދޫ ކިޔުނީ މީގެ 450 އަހަރު ކުރިން ބޮޑުތަކުރުފާނުގެ ރަސްކަމުގެ ތެރެއިން، ރަށް ބަލަހައްޓަން އެއިރުގެ ހަވަރުން ނުވަތަ އަސްކަރުންނާާއި ހަވާލުކުރުމުން ކަމަށެވެ. އަދި އެހިސާބުން ރަށުގެ ނަން ހަވަރު ތިނަދޫއަށް ބަދަލުވި ކަމަށާއި، އޭގެ ފަހުން 1912 ވަނަ އަހަރު ބައިނަލްއަގުވާމީ ފެންވަރުގެ ބޯހިމެނުމެއް ކުރިއަށް ގެންދިޔަ އިރު މާލެ ފިޔަވައި އާބާދީ ބޮޑު ރަށަކީ ތިނަދޫކަމަށް އެ ބޯހިމެނުމުން ދެއްކި ކަމަށެވެ. ރައީސް ވިދާޅުވީ މިހެން ކަން އޮތް އިރުގައި ރަށުގެ އުފެއްދުންތެރިކަމާ ހީވާގިކަމާ މަސައްކަތްތެރިކަމުގެ ރޮނގުން ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެއްގެ ގޮތުގައި ވެފައިވާ ކަމަށެވެ.

ސީދާ މި ރަށްރަށުން ހާއްސަކޮށް މަސްވެރިން ބާނާ މަހާއި ކުފުރާއާއި މިހެން ގޮސް މިތަކެތި ކޮޅުނބަށާއި ގޯލަށާއި، ކައިރި ރަށްރަށަށް ރާއްޖެއިން ބޭރަށް ގޮސް ވިއްކައިގެން ވިޔަފާރިކޮށް އުޅުނު. މިހެން މިކަން އޮއްވާ ރާއްޖޭގެ އެއިރުގެ ސަރުކާރުން، 1950 ގެ ފަހުން އެ ކުރިމަތިކުރަން ފެށި ދަތިތަކާއެކުގައި ދެކުނުގައި އެ މައްސަލަ ބޮޑުވި. މި ތިނަދޫއަށް ދިމާވި އެންމެ ބޮޑު ހިތާމަވެރި ހާދިސާ ދިމާވީ އެއިރު. 1962 ގައި ތިނަދޫ ފަޅުވެގެން ދިޔަ. ހިތާމަވެރި ހާދިސާއެއް އެއީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް ވިދާޅުވީ ތިނަދޫއާއި ދޭތެރޭގައި އެއިރު އަމަލުކޮށްފައިވަނީ އެއްވެސް ސަރުކާރަކުން ރައްޔިތަކާ ދޭތެރޭގައި އަމަލުކުރަންވާނޭ ގޮތަކަށް ނޫން ކަމަށެވެ. އެއީ މިއަދުވެސް އެކަމާއި ދޭތެރޭގައި މާފަށް އެދެންޖެހޭނެ ކަމެއްކަމަށާއި، ސަރުކާރުގެ ވެރިއެއްގެ ހައިސިއްޔަތުން ރައީސް ވަނީ އެކަމަށް މައާފަށް އެދިވަަޑައިގަންނަވާފައެވެ. ރައީސް ވިދާޅުވީ ތިނަދޫއަކީ އެކަމުގައި އެންމެ ބޮޑަށް އަނިޔާލިބުނު މީހުން ކަމަށާއި، އެއްވެސް ރައްޔިތަކު އެ އަނިޔާއާއި ކުރިމަތިލާން ބޭނުން ނުވާނެ ކަމަށާއި، ރާއްޖޭގެ ތާރީހުގައި ދެން އެފަދަ ކަމެއް ކުރިއަށް އޮތްތަނުގައި ހިނގަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް