ކ. މާލެ
|
30 އޯގަސްޓް 2023 | ބުދަ 08:43
ސްޕެއިން ޤައުމީ ޓީމަށް ކުޅެމުން އަންނަ އަލެކްސިއާ ޕުޓޭޔާސް
ސްޕެއިން ޤައުމީ ޓީމަށް ކުޅެމުން އަންނަ އަލެކްސިއާ ޕުޓޭޔާސް
ރޮއިޓަސް
ސްޕެއިން ޤައުމީ އަންހެން ޓީމު
ޕްރޮފެޝަނަށް އިޙްތިރާމް ކުރަން ބޭނުން: ޕުޓޭޔާސް
ފާއިތުވި ގިނަ އަހަރުތަކުގައި އެކަމަށް އެތައް މަސައްކަތެއް ކުރި، ނަމަވެސް އަދިވެސް މުޅިން އެކަމަށް ހައްލެއް ނުލިބި އޮތުމަކީ ކަންބޮޑުވުމެއް

ސްޕެއިންގެ ކުޅުންތެރިން ބޭނުންވަނީ ޕްރޮފެޝަނަށް އިޙުތިރާމް ކުރަން ކަމަށް، އެ ޤައުމުގެ އަންހެން ޤައުމީ ޓީމަށް ކުޅެމުން އަންނަ އަލެކްސިއާ ޕުޓޭޔާސް ބުނެފި އެވެ.

ޕުޓޭޔާސް މިހެން ބުނީ، ސްޕެއިންގެ މީޑިއާ އަކަށް ދިން އިންޓަވިޔުއެއްގަ އެވެ. އެއީ ފީފާ އަންހެން ވޯލްޑް ކަޕްގެ އިނާމް ދިނުމުގެ ރަސްމިއްޔާތުގައި މުބާރާތް ކާމިޔާބު ކުރި ސްޕެއިން ޤައުމީ އަންހެން ޓީމުގެ ކުޅުންތެރިއަކަށް އެ ޤައުމުގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް ލުއިސް ރުބިއާލޭސް ބޮސްދިން މައްސަލަ ހޫނުވެފައިވާ ވަގުތެއްގަ އެވެ.

ޕުޓޭޔާސް ބުނީ އޭނާ ހިމެނޭހެން ޤައުމީ ޓީމުގެ އެންމެހައި ކުޅުންތެރިން ވެސް ބޭނުންވަނީ އެންމެ ކަމެއް ކަމަށެވެ. އެއީ ކުޅުންތެރިން އެމީހުންގެ ޕްރޮފެޝަނަށް އިޙުތިރާމް ކުރުން ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނީ ފިރިހެން ކުޅިވަރުތަކުގައި އޮންނަ ބީދައިން، އަންހެން ކުޅިވަރުތަކުގައި ވެސް އެކަން އެގޮތަށް އޮންނަން ވާނެ ކަމަށެވެ. ފާއިތުވި ގިނަ އަހަރުތަކުގައި އެކަމަށް އެތައް މަސައްކަތެއް ކުރި ކަމަށާއި، ނަމަވެސް އަދިވެސް މުޅިން އެކަމަށް ހައްލެއް ނުލިބި އޮތުމަކީ ކަންބޮޑުވުމެއް ކަމަށް ވެސް ޕުޓޭޔާސް ވަނީ ބުނެފަ އެވެ. އޭނާ ބުނީ އެކަމުގައި މަސައްކަތް ކުރާއިރު، ހަމައެކަނި ބޭނުންވަނީ ކުޅުންތެރިންގެ އެހީތެރިކަން ނޫން ކަމަށެވެ. ކަމާ ގުޅުން ހުރި އެންމެހައި ފަރާތްތަކެއްގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ކުޅިވަރުގެ ތެރެއިން އެކަންކަން ބަދަލުކުރުމަށް މިހާރު ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް ޕުޓޭޔާސް ދެކެ އެވެ. އޭނާ ބުނީ އެކަން ހާސިލްކުރުމަށްޓަކައި ހަމައެކަނި ކުޅުންތެރިތެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ބަދަލުގައި، އެހެން ރޯލުތަކެއް ވެސް އަދާ ކުރަން ޖެހިފައިވާ ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ބުނީ، ދެން އަންނަ އޮތް ޖީލަށް މިޒާތުގެ ކަންކަން ދިމާނުވާނެހެން ކަންކަން ބައްޓަން ކުރަން ވެސް ޖެހޭ ކަމަށެވެ. އެހެންކަމުން ކުޅުންތެރިން ވެސް، އެހެން ގޮތަކުން އެކަމާ ދެކޮޅަށް ހަނގުރާމަ ކުރަން ޖެހިފައިވާ ކަމަށް ޕުޓޭޔާސް ދެކެ އެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދެމުން އަންނަ ބެލެންޑޯ އެވޯޑު ވެސް ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ޕުޓޭޔާސް ވެސް ވަނީ ރުބިއާލޭސްގެ އަމަލާމެދު އިންތިހާ އަށް ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. މީގެ އިތުރުން ވެސް ގިނަ ބަޔަކު އަންނަނީ އޭނާ އަށް ފާޑުކިޔަމުންނެވެ. އޭގެ ތެރޭގައި ސްޕެއިންގެ ވަގުތީ ބޮޑު ވަޒީރާއި، ސަރުކާރުގެ އެކިއެކި ވަޒީރުން ހިމެނެ އެވެ. ފާޑުކިޔުންތަކާއެކު ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ވަނީ ރުބިއާލޭސް ސަސްޕެންޑު ވެސް ކޮށްފަ އެވެ. ނަމަވެސް އިސްތިއުފާ ދެއްވުމަށް އޭނާ ދެކޮޅު ހައްދަވަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް