ކ. މާލެ
|
28 އޯގަސްޓް 2023 | ހޯމަ 11:32
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
ރާއްޖެއެމްވީ
މަދަނީ އިޖުރާއަތުގެ ޤަވާއިދު
މުއްދަތު ގުނާނެގޮތް ތަފްސީލުކޮށް، މަދަނީ އިޖުރާއަތުގެ ޤަވާއިދަށް އިސްލާޙުތަކެއް
މުއްދަތު ގުނުމުގައި އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހެއް ނުހިމެނޭނެ
7 ދުވަހަށްވުރެ ކުރު މުއްދަތެއް ގުނުމުގައި އެ 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ދުވަހެއް ނުހިމެނޭނެ

މުއްދަތު ގުނާނެ ގޮތް ތަފްސީލުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދަށް އިސްލާޙު ގެނެސްފިއެވެ.

އެގޮތުން ބަލާއިރު، ވަކި ކަމެއް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ގުނުމުގައި އެ މުއްދަތު ފެށޭ ދުވަހާއި ނިމޭ ދުވަހެއް ނުހިމެނޭނެ ކަމަށާއި، 7 ދުވަހަށްވުރެ ކުރު މުއްދަތެއް ގުނުމުގައި އެ 7 ދުވަހުގެ މުއްދަތުގެ ތެރޭގައި ރަސްމީ ބަންދު ދުވަހެއް ހިމެނޭނަމަ، މުއްދަތު ގުނުމުގައި އެ ބަންދު ދުވަހެއް ނުހިމެނޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

އަދި 7 ދުވަހަށްވުރެ ދިގު މުއްދަތު ގުނުމުގައި  އެ ކަމެއް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހިމެނޭ ރަސްމީ ބަންދު ދުވަސްތައް ހިމެނޭނެ ކަމަށާއި، ވަކި ކަމެއް ކުރުމަށް ކަނޑައެޅިފައިވާ މުއްދަތު ގުނުމުގައި އެ ކަމެއް ކުރުމަށް ކަނޑައަޅައިފައިވާ މުއްދަތު ނިމޭ ދުވަސް ދިމާވަނީ ރަސްމީ ބަންދު ދުވަހަކާ ކަމުގައި ވާނަމަ، ދެން އެންމެ އަވަހަށް ކޯޓުގެ މަސައްކަތް ފެށޭ ރަސްމީ ދުވަހެއްގައި އެ ކަމެއް ކުރުމުން އެ މުއްދަތުގައި އެ ކަމެއް ކުރެވުނީ ކަމުގައި ބެލެވޭނެކަމަށްވެސް ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުންވެސް އިތުރު އިސްލާޙުތައް ގެނެސްފައިވާއިރު، މިދިޔަ އަހަރު އެކުލަވާލި މަދަނީ އިޖުރާއަތުގެ ޤަވާއިދުގައި މީގެ ކުރިން އޮންނަގޮތުން އަމިއްލަ ފަރުދުންގެ ވިޔަފާރިއެއްގެ މައްޗަށް ދަޢުވާކުރާނަމަ ދަޢުވާކުރާނީ އަދި އެފަދަ ފަރާތަކުން ދަޢުވާކުރާނަމަ ދަޢުވާކުރަންވާނީ އެ ސޯލް ޕްރޮޕްރައިޓަރޝިޕްގެ ވެރިފަރާތުގެ ނަމުގައެވެ.

އެހެންނަމަވެސް ޤަވާއިދަށް ގެނެސްފައިވާ އިސްލާޙުގައި ބުނެފައިވަނީ ސޯލް ޕްރޮޕްރައިޓަރޝިޕްއަކުން ސުޕްރީމް ކޯޓުގައި ތަމްސީލުކުރާނ،ީ ސޯލް ޕްރޮޕްރައިޓަރޝިޕުގެ ވެރިފަރާތް ނުވަތަ އޭނާ އައްޔަނުކުރާ ޤާނޫނީ ވަކީލެއްް ކަމަށެވެ.

ޤަވާއިދަށް ގެނެސްފައިވާ އިސްލާޙުތަކުގެ ތެރޭގައި ވަކީލުންގެ ސުލޫކީ މިންގަނޑު ބެލުމުގައި ސުޕްރީމް ކޯޓުން ޢަމަލުކުރާނީ ދިވެހިރާއްޖޭގެ ބާ ކައުންސިލުން އެކަށައަޅައިފައިވާ ޤާނޫނީ ވަކީލުންގެ ސުލޫކީ ޤަވާއިދުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ މަތިންކަމަށް ބަޔާންކޮށްފައިވާ އިސްލާޙު ހިމެނެއެވެ.

ޤަވާއިދުގައި މީގެ ކުރިން އޮންނަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިދޭ ކަމަށެވެ.

އޭގެ އިތުރުން، ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ މައްސަލައެއްގެ ޚަސްމަކު ނިޔާވެއްޖެނަމަ އަމަލުކުރާނެ ގޮތަށްވެސް ބަދަލުތަކެއް ގެނެސް މި އިސްލާޙު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ.

މަދަނީ އިޖުރާއަތުގެ ޤަވާއިދުގައި ބުނެފައިވަނީ ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު މަދަނީ އިސްތިއުނާފުގެ މުއްދަތު މައްސަލައެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފައިވާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާނީ ދިވެހިރާއްޖޭގެ ހައިކޯޓުން އެ ނިންމުމެއް ނިންމި ތާރީޚުން ފެށިގެން ގިނަވެގެން 30 ދުވަހުގެ ތެރޭގައި ކަމަށެވެ.

އެހެންނަމަވެސް، އެއީ ވަގުތީ އަމުރެއްނަމަ އެފަދަ އަމުރެއް އިސްތިއުނާފުކުރަން ހުށަހަޅާނީ ހައިކޯޓުން އެކަމުގައި ގޮތެއް ކަނޑައަޅާ ތާރީޚުން ފެށިގެން 7  ދުވަހުގެ ތެރޭގައި ކަމަށް ޤަވާއިދުގައި ބުނެއެވެ. ނަމަވެސް އައު ޤަވާއިދުގައި ވަގުތީ އަމުރާބެހޭ މި ބައި ވަނީ އުނިކޮށްފައެވެ.

އޭގެ އިތުރުން، ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުމެއް އިސްތިއުނާފު ކުރުމަށް އެދި ހުށަހެޅުނު ކަމުގައި ވިޔަސް އެ ނިންމުމެއްގެ ޤާނޫނީ ނަތީޖާ ނުވަތަ ޙުކުމް ތަންފީޒުކުރުން ފަސްވެގެން ނުދާނެކަމަށްވެސް މި ޤަވާއިދުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް