ކ. މާލެ
|
26 އޯގަސްޓް 2023 | ހޮނިހިރު 15:34
ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓު ގާސިމް އިބްރާހީމް
ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓު ގާސިމް އިބްރާހީމް
ވަން އޮންލައިން
ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓު ގާސިމް
"ހާސްކަނޑާލާ، ހަމަޖެހޭ"
ގިނަ މީހުން ބުނަނީ ގާސިމް "ހާސްކަނޑުއްވާލައްވަން" އެބަޖެހޭ ކަމަށް
ކޯފާއިސްކުރައްވައި، ރައްޔިތުންނަށް އެއްޗެހި ވިދާޅުވުމުގެ ބޭނުމެއް ނެތް
އެއްވެސް ކެނޑިޑޭޓެއް މި އިންތިޚާބުގައި ކުރިމަތިލެއްވީ ރައްޔިތުން އެދިގެންނެއް ނޫން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެކި ކެނޑިޑޭޓުން ކެމްޕޭނު ކުރައްވަނީ އެކި ގޮތަށެވެ.

ބައެއް ކެނޑިޑޭޓުންނަކީ އަމިއްލަ ސިޔާސަތު ޕްރޮމޯޓު ކުރެއްވުމުގެ ބަދަލުގައި، ކޮންމެހެން ހައްދަވާފައިވެސް ވެރިކަމުގައި އޮތް ޕާޓީއަށް ދެވަނަ ދައުރެއް ނުލިބޭނެ ގޮތެއް ހޯއްދެވުމަށް ފޫގަޅުއްވާފައި ތިއްބެވި ކެނޑިޑޭޓުންނެވެ.

ބައެއް ކެނޑިޑޭޓުންނަކީ މުޅިން އެހެން ބޭފުޅުން "ވިއްކަވައިގެން" ތާއީދު ބޮޑުކުރައްވަމުން ގެންދަވާ ކެނޑިޑޭޓުންނެވެ.

ދެން ތިއްބެވި ބައެއް ކެނޑިޑޭޓުންނަކީ ދެވަނަ ބުރަކަށް އިންތިޚާބު ހިނގައްޖެނަމަ، އެ ހޮވޭ ސަރުކާރުގެ ބައްތެލީގެ ކޮންމެވެސް ހިސާބަކަށް އެބޭފުޅުންގެ ފައިންޕުޅު ލެއްވޭތޯ ނުކުމެވަޑައިގެން އުޅުއްވާ ކެނޑިޑޭޓުންގެ ގޮތުގައިވެސް ފެނެއެވެ.

ދެން އަދި އުޅުއްވަނީ މާ ތަފާތު ޒާތެއްގެ ކެނޑިޑޭޓެކެވެ. ސްލޯގަންއަކީ "ހާސްކަނޑާލާ، ހަމަޖެހޭ" މިއެވެ. ނަމަވެސް މަންޒަރު ފެންނަނީ އެއާ ދިމާ އިދިކޮޅަށެވެ.

ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓު ގާސިމް އިބްރާހީމް މި އިންތިޚާބުގައި ފެންނަނީ ތަންކޮޅެއް "ޒާތަކަށް" އުޅުއްވާތަނެވެ.

ސްލޯގަންއަކީ "ހާސްކަނޑާލާ، ހަމަޖެހޭ" ކަމުގައިވިޔަސް، ގިނަ މީހުން ބުނަމުންދަނީ ގާސިމް ހާސްކަނޑުއްވާލައްވަން އެބަޖެހޭ ކަމަށެވެ. ކޮންމެވެސް މިންވަރަކަށް ހަމަޖެހިވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

އެއްވެސް ކެނޑިޑޭޓެއް މި އިންތިޚާބުގައި ކުރިމަތިލެއްވީ ރައްޔިތުން އެދިގެންނެއް ނޫނެވެ. ރައްޔިތުން އާދޭސް ކޮށްގެންނެއް ނޫނެވެ. ނުވަތަ މަޖުބޫރުވެގެންނެއްވެސް ނޫނެވެ.

ވީއިރު، ޕޯޑިއަމްތަކާއި އެއްވުންތަކުގައި އިންތިހާއަށް ކޯފާ އިސްކުރައްވައި، ރައްޔިތުންނަށް އެއްޗެހި ވިދާޅުވުމުގެ ބޭނުމެއް ނެތެވެ. ރައްޔިތުންދެކެ ކޯފާވުމުގެ ބޭނުމެއްވެސް ނެތެވެ. ރައްޔިތުން ނުކުންނާނީ އެ ރައްޔިތަކު ހިތްއެދޭ، ތާއީދުކުރާ ކެނޑިޑޭޓެއްގެ ކެމްޕޭނަށެވެ. ޖަލްސާއަށެވެ. އެއީ ގަދަބާރުން، ގަދައަޑު އިއްވައިގެން ހޯދޭ ކަންކަމެއް ނޫނެވެ.

ވީމާ، ހާސްކަނޑުއްވާލައްވައި، ހަމަޖެހިވަޑައިގަންނަވާށެވެ. ރައްޔިތުންދެކެ ކޯފާނުވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް