ކ. މާލެ
|
25 އޯގަސްޓް 2023 | ހުކުރު 13:41
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
ހުކުރު ނަމާދު ކުރުމަށް ޖަމާއަތް ހަދައިގެން
އިސްލާމިކް މިނިސްޓްރީ
ހެޔޮ ނަމޫނާގެ ބޭނުންތެރިކަން
ތަރުބިއްޔަތު ކުރުމުގެ އެންމެ ރަނގަޅު ވަސީލަތަކީ ނަމޫނާ، އެ ނަމޫނާ ލިބޭނީ ބަހާއި އަމަލު އެއްގޮތް ކުރެވިގެން: ޚުތުބާ
ބަހުގެ އަސަރަށް ވުރެ ކަމުގެ އަސަރު ބޮޑުވާނެ
އިސްލާމީ އަގުތަކާއި އަހުލާގާއި ހުކުމްތަކާ މީސްތަކުން ދުރުވަމުން ދިޔަވަރަކަށް ރަނގަޅު ނަމޫނާ ބޭނުންވާ މިންވަރު ބޮޑުވާނެ
ނަމޫނާއަކީ ވަރަށް ނުފޫޒު ގަދަ އެއްޗެއް

ތަރުބިއްޔަތު ކުރުމުގެ އެންމެ ރަނގަޅު ވަސީލަތަކީ ނަމޫނާ ކަމަށާއި، އެ ނަމޫނާ ލިބޭނީ ބަހާއި އަމަލު އެއްގޮތް ކުރެވިގެން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ހެޔޮ ނަމޫނާގެ ބޭނުންތެރިކަން'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މުސްލިމުންގެ ޝަހްސިއްޔަތުގެ އޭގެ މަތީގައި ގާއިމުވެފައިވާ ތަނބުތަކުގެ ތެރޭގައި ރިވެތި ނާމޫނާވާ ކަމަށެވެ. ނަމަވެސް ގައުމުގެ ދަރީންނަށް ރަނގަޅު ތަރުބިއްޔަތު ލިބެމުން ނުދާ ކަމަށް ބުނެ މައިންބަފައިންނާއި މުރައްބީން މިއަދު ޝަކުވާ ކުރާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ތަރުބިއްޔަތު ކުރުމުގެ އެންމެ ރަނގަޅު ވަސީލަތަކީ ނަމޫނާކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބަހުގެ އަސަރަށް ވުރެ ކަމުގެ އަސަރު ބޮޑުވާނެ ކަމަށެވެ. އެގޮތުން ދަރިފުޅަށް ތެދުބުނުމަށް ނަސޭހަތްތެރިވާ މަޔަކު އެކުއްޖާގެ ބައްޕައަށް ދޮގުހަދާތަން ފެންނަނަމަ ވާނީ ކިހިނެތްކަމާމެދު ޚުތުބާގައި ވަނީ ސުވާލު އުފައްދާފައެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ މުޖުތަމައުގެ ފަރުދުން ކިތަންމެ ރަނގަޅުވިޔަސް އެމީހުން ތަބާވާންޖެހޭ ދިރިހުރި ނަމޫނާތަކަކަށް ބޭނުންވާނެ ކަމަށާއި، އިސްލާމީ އަގުތަކާއި އަހުލާގާއި ހުކުމްތަކާ މީސްތަކުން ދުރުވަމުން ދިޔަވަރަކަށް ރަނގަޅު ނަމޫނާ ބޭނުންވާ މިންވަރު ބޮޑުވާނެ ކަމަށެވެ. އަދި ނަމޫނާ ލިބޭނީ ބަހާއި އަމަލު އެއްގޮތް ކުރެވިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ކީރިތި ރަސޫލާ އަކީ ހުރިހާ ކަމެއްގައި އަހަރެމެންނަށް ލިބިގެންވާ އެންމެ ހެޔޮ ނަމޫނާއެވެ. މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައީ: ހަމަކަށަވަރުން ﷲގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. (އެއީ) ގެ ދަރުމައާއި އާހިރަތުގެ ސަވާބަށް އެދޭ އަދި ގިނަގިނައިން ﷲ ހަނދުމަކުރާ ކަމުގައިވާ މީހަކަށެވެ
ހުކުރު ޚުތުބާ

އިސްލާމް ދީނަކީ ނަމޫނާގެ ދީންކަން ފާހަގަކޮށް ޚުތުބާގައި ބުނީ ނަމޫނާއަކީ ވަރަށް ނުފޫޒު ގަދަ އެއްޗެއް ކަމަށާއި، އިސްލާމް ދީން މިބިމުގެ ކަންކޮޅުތަކުގައި ފެތުރެނީ މުސްލިމުން ދެއްކި ނަމޫނާގެ ސަބަބުން ކަމަށެވެ. ރަނގަޅު ނާމޫނާތަކެއް ލިބޭނީ އަހަރެމެންގެ ދަރީން ރަނގަޅަށް ތަރުބިއްޔަތު ކޮށްގެން ކަމަށާއި، މިއަދު ޒުވާނުންނަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ތެރޭގައި އަހަރެމެންގެ ކިބައިން އެކުދީންނަށް ހެޔޮ ނަމޫނާ ނުފެންކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އަހަރެމެންގެ ގައުމު މިއަދު ގޮވަނީ ވިސްނުން ތޫނު، ވާޖިބު އަދާކުރާ އިލްމުވެރި، ގާބިލު މުއުމިނު ޒުވާނުންނަށް ކަމަށާއި، ގައުމު ބޭނުންވަނީ އަހަރެމެންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ އިހްލާސްތެރި ޒުވާނުން ކަމަށެވެ. ކަންނެތް ކަމާއި ދުރު މަސައްކަތްތެރި ޒުވާނުންނަށް ކަމަށާއި، މިފަދަ ޒުވާން ޖީލެއް އުފެއްދޭނީ އެދުރުންނާއި މައިންބަފައިންނާއި މުޅި މުޖުތަމައު ޒުވާނުން ބިނާކުރުމަށް މަސައްކަތް ކޮށްގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޒުވާނުންނަށް ތައުލީމާއި ތަމްރީނުދީ ގައުމަށް ބޭނުންވާނެ ދަރިންތަކަކަށް އެމީހުން ހަދަންޖެހޭ ކަމަށާއި، އެމީހުންނަށް ފުރުސަތުތައް ފަހިކޮށްދޭންޖެހޭ ކަމަށެވެ. އަދި އޯގާތެރިކަމާއެކު އެމީހުންގެ ކުށްތައް ރަނގަޅުކޮށްދީ އެމީހުންނަށް ހެޔޮ ނަމޫނާ ދައްކައިދޭން ޖެހޭ ކަމަށާއި، ޒުވާނުންގެ ހިތްތަކުގައި އިންދަންވީ އިސްލާމީ ރިތެވި އަހުލާގާއި އަދަބުތައް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް