ކ. މާލެ
|
23 އޯގަސްޓް 2023 | ބުދަ 12:03
ރައީސް ޞާލިހު ބ. ކުޑަރިކިލުގައި ވާހަކަފުޅުދައްކަވަނީ
ރައީސް ޞާލިހު ބ. ކުޑަރިކިލުގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ވެރިކަން ކުރުން
ބާރުގެ ބޭނުންކޮށްގެން ހުރިހާ ކޯޓެއްގެ ފުރާޅުން ޓިނު ނެގިދާނެ، އެކަމަކު އެއީ އަޅުގަނޑު ކުރާނެ ކަމެއް ނޫން - ރައީސް
ޝަރުއީ ދާއިރަށް އަތް ނުބާނުއްވާނެ ކަމަށް ވިދާޅުވި
ކޯޓުތަކުން މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތާއި ޖާގަ ދޭންޖެހޭ
ތިމާ ހިތުހުރި ގޮތަކަށް ބޭނުންކުރަން ލިބިފައި ހުރި އެއްޗެއްކަމުގައި ވާނަމަ ގައުމު ވެއްޓިގެންދާނީ ހަމަނުޖެހުމުގެ ތެރެއަށް

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ބޭނުންކުރައްވައިގެން ހުރިހާ ކޯޓެއްގެ ފުރާޅުން ޓިނެއް ނެގިދާނެ ކަމަށާއި، އެކަމަކު އެއީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާންރާއްޖެ" ކެމްޕޭނަށް ބ. ކުޑަރިލަށް ވަޑައިގެން ބޭއްވެވި ބަނދަރު ބައްދަލުކުރެއްވުުމުގައި ވާހަކަފުޅުދައްކަވަމުން އެމްއެމްޕީއާރުސީގެ ހިޔާނާތަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ ދައުލަތަށް ލިބެން ހުރި ފައިސާ ގެންގޮސް އަމިއްލަ އެކައުންޓަށް ލީމާ ފައިސާ ނުހުންނާނެ ކަމަށެވެ. އަދި އެކަންތައްތައް ބަލާ ކޯޓުން ހުކުމްކުރުމުން ދޫކޮށްލަން ބުނަމުންދާ ކަމަށާއި، އެކަން ކުރައްވާނީ ކިހިނެއްތޯ ރައީސް ވަނީ ސުވާލު އުފައްދަވާފައެވެ.

ރައީސް ވިދާޅުވީ ކޯޓުތައް މިނިވަންކަމާއެކު މަސައްކަތް ކުރާ ކަމަށާއި، ކޯޓުތަކުން މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތާއި ޖާގަ ދޭންޖެހޭ ކަމަށެވެ. ރައީސް ވިދާޅުވީ ޝަރުއީ ދާއިރަށް އަތް ނުބާނުއްވާނެ ކަމަށެވެ.

މިނިވަންކަމާއެކީގައި އެކަންކުރެވެންޖެހޭނެ. އެއީ ހެޔޮވެރިކަމެއްގެ އެއް ސިފަ. އިރާދަކުރެއްވިއްޔާ ކުރިއަށްއޮތްތަނުގައި ވެސް ޝަރުއީދާއިރާ ހިނގާނީ މިނިވަންކަމާއެކީގައި. ވެރިޔަކަށް ހުންނަ މީހަކަށް ހުރޭ ވަރަށް ބައިވަރު ބާރުތައް ލިބިފައި. ވެރިޔަކަށް ހުންނަ މީހަކު ބޭނުންވެއްޖެއްޔާ ސުޕްރީމް ކޯޓުގެ ފުރާޅުން އެކަންޏެއް ޓިނު އެކަންޏެއް ނޫން ނެގޭނީ. އެފަހަރާ ސުޕްރީމް ކޯޓާއި ހައިކޯޓާއި ހުރިހާ ކޯޓެއްގެ ފުރާޅުން ޓިނު ނެގިދާނެ. އެއީ ބާރުގެ ބޭނުންކޮށްގެން. ހަމަ ގައިމު އަޅުގަނޑަކީ އެ ލިބިފައި އޮތް ބާރު ނާޖާއިޒުގޮތުގއަި ބޭނުންކުރާނެ މީހެއް ނޫން. ތިމާއަށް ވެރިކަމެއް ލިބުނީމާ ގާނޫނުތަކާއި ގާނޫނު އަސާސީން ލިބިފައި ހުރި ބާރު އެއީ ބޭނުންގޮތަކަށް ތިމާ ހިތުހުރި ގޮތަކަށް ބޭނުންކުރަން ލިބިފައި ހުރި އެއްޗެއްކަމުގައި ވާނަމަ ގައުމު ވެއްޓިގެންދާނީ ހަމަ ނުޖެހުމުގެ ތެރެއަށް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ވިދާޅުވީ މިއަދު މި ފެންނަ ހަމަޖެހުމާއި ސުލްހައަަކީ އެކަން އެގޮތަށް ނުކުރުމުން ލިބިފައި އޮތް އަމާންކަމެއް ކަމަށެވެ. އަދި އެމަނިކުފާނުގެ އަރިހުގައި މިހާރު ކުރިމަތިލައްވައިގެން އުޅުއްވާ ބޭފުޅުން ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ބާރުގެ ބޭނުންކުރެއްވުމަށް ބައެއް ފަހަރު މަޝްވަރާދެއްވާ ކަމަށާއި، އެއީއެކަން ކުރަންޖެހޭ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނާއި ކައުންސިލަރުންނާއި މަޝްވަރާކުރަން ޖެހޭނެ ކަމަށާއި، އެމަނިކުފާނަށް ފެންނަ ގޮތަކީ ރަނގަޅުގޮތް ކަމަށް ހަދައިގެން ވެރިކަމެއް ނުކުރެވޭނެ ކަމަށެވެ. ސަރުކާރު ހިންގާނެ ގޮތަކީ ރައްޔިތުންނާއި މަޝްވަރާކޮށް، ރައްޔިތުންނާ ގާތަށް އައިސް ކަންތައްތައް ދެނެގަތުން ކަމަށާއި، މެނިފެސްޓޯ ހަދަނީ އެގޮތަށް ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް