ކ. މާލެ
|
22 އޯގަސްޓް 2023 | އަންގާރަ 07:20
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު
އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު
އެމްޑީޕީ
އުފާވެރި އަމާން ރާއްޖެ ޖަލްސާ
ޓިކެޓް ގަންނަން ވަހީދު އެއް މިލިއަން ޑޮލަރު ދެއްވި، ކެންޑިޑޭޓަކީ މުއިއްޒުތޯ ބަލަން ޖެހޭ: ރީކޯ މޫސަ
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއަކީ ސައްޙަ ކެންޑިޑޭޓުތޯ ބަލަން ޖެހޭކަމަށް ވިދާޅުވި

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު އެ ޕާޓީއާ އެއް މިލިއަން ޑޮލަރު ހަވާލުކުރެއްވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބު ރައީސް އަދި އެމްޑީޕީގެ ކުރީގެ ޗެއާޕަރސަން މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ބ. ތުޅާދޫގައި ކުރިއަށްގެންދިޔަ "އުފާވެރި އަމާން ރާއްޖެ" ޖަލްސާގައި ވާހަކަފުޅުދައްވަމުން މޫސަ ވިދާޅުވީ ޑރ. ވަހީދު ކޯފާވެވަޑައިގެންނެވީ އެމަނިކުފާނަށް އިދިކޮޅުގެ ރިޔާސީ ޓިކެޓް ލިބިވަޑައިނުގަތުމުން ކަމަށެވެ. އަދި ކެންޑިޑޭޓަކީ އެމަނިކުފާނު ކަމަށް އަމިއްލަފުޅަށް ވިދާޅުވާ ކަމަށާއި ފައިސާ ދެއްވި ކަމަށް ވެސް ވިދާޅުވާ ކަމަށް މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ ވަހީދުގެ އެ ވާހަކަފުޅުތަކާ ގުޅިގެން ބެލިބެލުމުގެ ތެރެއިން އެމަނިކުފާނު ރިޔާސީ ޓިކެޓް ހޯއްދެވުމަށް އެއް މިލިއަން ޑޮލަރު ޕީޕީއެމާ ހަވާލުކުރެއްވި ކަން ހާމަވި ކަމަށެވެ. އެމަނިކުފާނަކީ ވެރިކަމަށް ޝައުގުވެރިކަން ހުންނަ ބޭފުޅެއް ނޫން ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޖަލު ހުކުމް އައުމުގެ ކުރިން އެމަނިކުފާނު ޖަލުން ސަލާމަތް ކުރައްވަން ރާއްޖެއިން ބޭރުގައި ހުންނަވައިގެން ވަހީދު މަސައްކަތް ކުރައްވާތާ 1 އަހަރު ވެފައިވާ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓަކީ ވަހީދުކަމަށް އެމަނިކުފާނު ވިދާޅުވަމުންގެންދަވާއިރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒުއަކީ ސައްޙަ ކެންޑިޑޭޓުތޯ ބަލަން ޖެހޭ ކަމަށް ވެސް މޫސަ ވިދާޅުވިއެވެ.

މިއީ ކިހިނެއް އައިސްގެން އުޅޭ ކެންޑިޑޭޓެއްތޯ، މުއިއްޒު މިކަން ނަގައިގެން އުޅެނީ ކިހިނެއްތޯ އެބަ ޖެހެއެއްނު ބަލަން. މުއިއްޒުތޯ ކެންޑިޑޭޓަކީ. އަޅުގަނޑު ބޭނުން ފުއާދު ތައުފީގަށް ދަންނަވަން، ޕީޕީއެމްގެ ފަރާތުން އެބައޮތް އެމީހުން އެމީހުންނާ ބައިވެރިވެގެންނޭ މިއުޅެނީ. މުއިއްޒު މީތި ވަގަށް ނަގައިގެން ކުރާ ކަމެއް ވަހީދުގެ ނަޒަރުން.
ރީކޯ މޫސާ މަނިކު / އެމްޑީޕީގެ ކުރީގެ ޗެއާރޕާސަން

މޫސަ މިފަދައިން ވިދާޅުވެފައިވާއިރު އިދިކޮޅު ޕީޕީއެމް، ޕީއެންސީން އެ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީގެ ފަރާތުން މުއިއްޒުގެ ނަން ހުށަހެޅުއްވީ އެންމެ ފަހު ވަގުތުގައެވެ. މުއިއްޒުގެ ނަން ހުށަހެޅުއްވީ ޕީޕީއެމްގެ ޓިކެޓް ދެއްވާފައިވާ އެ ޕާޓީގެ ރައީސް ޔާމީނަށް ވާދަނުކުރެއްވޭނެކަމަށް އީސީން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރުމުންނެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމުމުން ވެސް ޕީޕީއެމާއި ޕީއެންސީގެ ތެރޭގައި ޚިޔާލުތަފާތުވުންތަކެއް އުޅުނެވެ. އެގޮތުން، ޔާމީނަށް ވާދަނުކުރެއްވޭ ހާލަތެއްގައި އެ ޕާޓީގެ އެހެން ކެންޑިޑޭޓެއް ވާދަކުރާނެ ކަމަށް ޕީޕީއެމްގެ އިސް ފަރާތްތަކުން ވިދާޅުވިއެވެ. އެގޮތުން، ޑރ. ވަހީދުއަށް ޓިކެޓް ދޭން ނިންމާފައިވާކަމަށް ވާހަކަތައް ދެކެވުނެވެ. އެމަނިކުފާނު ރެކޯޑު ސާފު ކުރެއްވުމަށް ވެސް ހުށަހެޅުއްވިއެވެ.

ރިޔާސީ ޓިކެޓް ނުދިނުމުން ޑރ. ވަހީދު ވަނީ ޕީޕީއެމާ ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް