ކ. މާލެ
|
22 އޯގަސްޓް 2023 | އަންގާރަ 10:17
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތުޅާދޫގައި ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ތުޅާދޫގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ތުޅާދޫގެ ތަރައްޤީ
އަންނަ ހަފްތާ ނިމުމުގެ ކުރިން ތުޅާދޫ އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށި 44 ހެކްޓަރުގެ ބިން ހިއްކާތަން ފެނިގެންދާނެ - ރައީސް
ކުރިއަށް އޮތް ދައުރުގައި އިތުުރު 100 ހައުސިންގ ޔުނިޓް އަޅުއްވާނެކަމަށް ރައީސް ވިދާޅުވި
މަސް ގަނެވޭނެ ގޮތަށް ތުޅާދޫ ކައިރީގައި ބޯޓެއް ބާއްވާނެކަމަށް ވިދާޅުވި

އަންނަ ހަފްތާ ނިމުމުގެ ކުރިން ބ. ތުޅާދޫ އެއަރޕޯޓުގެ އަމަލީ މަސައްކަތް ފެށި 44 ހެކްޓަރު ބިން ހިއްކާތަން ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ބ. ތުޅާދޫގައި ބޭއްވި "އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާފައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ތުޅާދޫ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ އަދި އެދެމުން ދިޔައީ އެއަރޕޯޓް ކަމަށެވެ. ތުޅާދޫގައި އެއަރޕޯޓެއް އެޅި އޭގެ ލުއިފަސޭހަކަން ކައިރި ރަށްރަށުގެ ރައްޔިތުންނަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަސޭހަ ލުއި ގޮތްތަކެއް ބ އަތޮޅުގެ އެ ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

ރައީސް ވިދާޅުވީ 30 މިނެޓުން ދެވޭ ހިސާބުގައި އެއަރޕޯޓެއް އޮންނަންޖެހޭނެ ސިޔާސަތުގެ ދަށުން ތުޅާދޫގައި އެއަރޕޯޓެއް އެޅުމަށް ނިންމެވި ކަމަށާއި، އެކަން ކޮންޓްރެކްޓްކުރެވި އަމަލީ މަސައްކަތް ފަށަން އެ ރަށުގައި މިހާރު މަސައްކަތާ ހަވާލުވި ފަރާތުން ތިބި ކަމަށެވެ. އަދި އަންނަ ހަފްތާ ނިމުމުގެ ކުރިން އެކަމުގެ އަމަލީ މަސައްކަތް ފެށި 44 ހެކްޓަރު ބިން ހިއްކާތަން ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު އެޅިފައި ހުރި ބިންގަލުގެ މަތީގައި، ކުރިއަށް އޮތްތަނުގައި ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލު ގެނައުމަށްޓަކައި ކުރަން ރާވާފައި ހުރި ކަންތައްތައް މެނިފެސްޓޯ އާންމުކުރަމުންދާއިރުގައި، ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެނިގެންދާނެ ކަމަށެވެ.

އެގޮތުން ތުޅާދޫގެ ރައްޔިތުން ބޭނުންވެފައި ހުރި ބައިވަރު ކަންތައްތައް މި 5 އަހަރު ތެރޭގައި ކުރެވެމުން އެބަދޭ. ނިމިފައިވެސް އެބަހުރި. ކޮންމެ ރަށެއްގެ ރައްޔިތުން ވެސް ބޭނުންވަނީ އެރަށަކަށް ބޭނުންވެފައި ހުރި ކަންކަން ކޮށް ނިންމަން. އެހެންނަމަވެސް ސަރުކާރަކުން ކަންތައްތައް ތަރުތީބުކުރާއިރު ބައެއްފަހަރު، ބައެއް ކަންތައްތައް އިސްފަސްވާ ގޮތްވޭ. އެހެންވަނީ މީގެ ކުރީ ސަރުކާރުތަކުގައި އެކަހަލަ ތަރައްގީގެ މަސައްކަތްތައް ހިންގާފައިވާ އިރުގައި މާ ބޮޑަށް ބާކީކުރެވިފައި، އެއްވެސް ކަމެއް ނުކުރެވިފައި ހުރި ވަރަށް ގިނަ ރަށްރަށް ހުރުމުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު

ރައީސް ވިދާޅުވީ އިސްކަމެއް ދޭންޖެހުނު ބައެއް ދާއިރާތައް ބައެއް ރަށްރަށުގައި އެބަހުރި ކަމަށެވެ. މުޅި ޕްރޮގްރާމް ނިމިގެންދާއިރުގައި އެއްވެސް ރަށެއްގެ އެއްވެސް ކަމެއް ބާކީވެފައި އޮތްތަނެއް ނުފެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތުޅާދޫއަށް ބޭނުންވެފައި އޮތް ކަމަކީ ބޯހިޔާވަހިކަން ކަމަށާއި، އަދިވެސް އެރަށަށް ހައުސިންގ ޔުނިޓް ބޭނުންވާ ކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި އިތުުރު 100 ހައުސިންގ ޔުނިޓް އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ރައްޔިތުން ދެން އެންމެ ބޮޑަށް ބޭނުންވެފައި ތިބީ ސިއްހީ ހިދުމަތް ރަށުގައި ތިބެގެން ލިބޭނެ ގޮތެއް ހަދައިދިނުން ކަމަށާއި، ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށި ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ މަސައްކަތް ހަވާލުކުރެވިފައިވަނީ އިތުބާރު ހުރި ކުންފުންޏަކާއި ކަމަށާއި، ޕްލޭނާ އެއްގޮތަށް އެ މަސައްކަތް ނިންމާލައި، އެހިސާބުގެ ރައްޔިތުންނަށް ހިދުމަތް ލިބިގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ދެން އޮތް މައްސަލައަކީ ނެރުގައި ހެދިފައި އޮތް ބޭރުތޮށި ބޭނުންކުރެވޭނެ ގޮތެއް ހޯދުން ކަމަށާއި، އޭގެ ޕްލޭން ހެދި އެއަށް ގެންނަން ޖެހުނު ބަދަލުތަކާ ހެދި ލަސްތަކެއް ވެގެންދިޔަ ކަމަށެވެ. އެހެންނަމަވެސް މިހާރު ވަނީ ކޮންޓްރެކްޓް ކުރެވިފައި ކަމަށާއި، ލަސްތަކެއް ނުވެ އޭގެ އަމަލީ މަސައްކަތް ފެށިގެންދާނެ ކަމަށެވެ.

ކުރިއަށް އޮތް ދައުރުގައި މިރަށުގެ ބިން އިތުރުކޮށް، އިންޑަސްޓްރިއަލް ޒޯނެއް އަޅުގަނޑުމެން ހަދައިދޭނަން އިތުރަށް ބިންބޮޑުކޮށް. މިރަށުގެ މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނަން. މިރަށުގެ ބީޗް އޭރިއާ ތަރައްގީކޮށް ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދޭނަން. ޒުވާނުން އެދިފައިވާގޮތަށް އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް އަޅައިދޭނަން. މިރަށަކީ މަސްވެރި ރަށެއް. އަބަދުވެސް މަސްވެރިންނަށް ހެޔޮ ގޮތް އެދި ރަނގަޅުގޮތްތައް ހޯދައިދޭނަން. މުޅި ސިނާއަތަށް ބޮޑު ބަދަލެއް އެބަގެންނަން. ވޭތުވެދިޔަ ސަރުކާރުތަކުން ވަރަށް ބޮޑަށް އިހުމާލުވެފައި އޮތް ދާއިރާއެއް މަސްވެރިކަމުގެ ސިނާއަތެއް.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު

ރައީސް ވަނީ މަސް ގަނެވޭނެ ގޮތަށް ތުޅާދޫ ކައިރީގައި ބޯޓެއް ބާއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެ ސަރަހައްދުގައި އަކުއާ މެރިން ކަލްޗާ އިންޓަސްޓްރީ ތަރައްގީކުރަން ޕްރައިވެޓް ފަރާތްތަކަށް ލޯނު ފޯރުކޮށްދެއްވާނެ ކަމަށާއި ވޭސްޓް މެނޭޖްމެންޓް ޒަމާނީ ވަސީލަތާއެކު ގާއިމުކުރައްވާނެ ކަމަށް ރައީސް ސާލިހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް