ކ. މާލެ
|
20 އޯގަސްޓް 2023 | އާދީއްތަ 12:31
ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ
ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ
ރާއްޖެއެމްވީ
އެމްޑީޕީ ޕްރެސް
ޕީޕީއެމްގެ ކުލަ ވެސް ކަރުދާސްކޮޅުގައި ނެތް، އިންތިޚާބު ނިމޭއިރު ކަރުދާސްކޮޅުން ފޮހެލިހެން ޕީޕީއެމް ފޮހެލާނެ: މާރިޔާ
ޑރ. މުއިއްޒުގެ ސަރުކާރެއްގައި ޕީޕީއެމް ބައިވެރި ކުރުވުމަށް ވިސްނަވާފައެއް ނެތް

ޕީޕީއެމްގެ ކުލަ ވެސް ކަރުދާސްކޮޅުގައި ނެތްކަމަށާ ރިޔާސީ އިންތިޚާބު ނިމޭއިރު ކަރުދާސްކޮޅުން ފޮހެލިހެން ޕީޕީއެމް ވެސް ފޮހިވެގެންދާނެ ކަމަށް ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިންގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހު ސޯލްޓް ކެފޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން މާރިޔާ ވަނީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޕީޕީއެމް ބައިވެރި ކުރުވުމަށް ވިސްނަވާފައި ނެތް ކަމަށް ވިދާޅުވެފައެވެ.

މި އިންތިޚާބުގައި ވެސް ޕީޕީއެމް ބައިވެރިކުރުވުމަށް ވިސްނެވިނަމަ ޕީޕީއެމްގައި ހުންނެވި ކެންޑިޑޭޓަކު ނެރުއްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެންނަމަވެސް ރައީސް ޔާމީން ނިންނެވީ އިންތިޚާބުގައި ބައިވެރިވާނީ ޕީއެންސީގެ ބޭފުޅެއް ކަމަށާއި ކެންޑިޑޭޓުގެ މަންދޫބުންނަށް ވެސް ގިނައިން ހުށަހަޅާފައިވަނީ ޕީއެންސީގެ މެމްބަރުން ކަމަށް ނޫސްތަކުގެ ފަލަސުރުޙީތަކަށް އެރި ކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި ޕީޕީއެމްގެ ކުލަ ވެސް ކަރުދާސްކޮޅުގައި ނެތް ކަމަށާއި އިންތިޚާބު ނިމޭއިރު ކަރުދާސްކޮޅުން ފޮހެލިހެންދިޔަ ހެން ޑރ. މުއިއްޒު ޕީޕީއެމް ފޮހެލައްވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބަށް ޑރ. މުއިއްޒު ކުރިމަތިލައްވާފައިވާއިރު މުއިއްޒުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. ޕީއެންސީން ވަކި ކެންޑިޑޭޓެއް ނެރުމަށް އެ ޕާޓީގެ ސެނެޓުން މިމަހުގެ 3 ވީ ބުރާސްފަތި ދުވަހު ފާސްކުރީ، ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓުކަން ހަވާލުކޮށްފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިޚާބުގައި ވާދަނުކުރެވޭ ހާލަތެއްގައި ބެކްއަޕް ކެންޑިޑޭޓެއް ނެރުމަށެވެ. އެއީ އެންމެފަހުގެ ޗޮއިސް ކަމަށް އޭރު ޕީޕީއެމުން ވަނީ ބުނެފައެވެ. އަދި ވަގުތު އޮވެއްޖެނަމަ ޕީޕީއެމުން ކެންޑިޑޭޓެއް ނެރޭނެކަމަށް އެ ޕާޓީގެ ލީޑަރޝިޕުން އޭރު ބުންޏެވެ.

ނަމަވެސް ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަން (އީސީ)ން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމްކޯޓުން ހުކުމް ކުރުމާއެކު، ޔާމީން ވަނީ އިންތިޚާބު ބޮއިކޮޓު ކުރުމަށް އެދި އިދިކޮޅު ލީޑަރުންނަށް ނޯޓު ދީފައެވެ. އެނޯޓާ ގުޅިގެން ޕީޕީއެމް/ޕީއެންސީ ސެނެޓު ބައްދަލުވުމެއް އާދިއްތަ ދުވަހުގެ މެންދުރުފަހު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ނިންމީ އިންތިޚާބު ބޮއިކޮޓު ނުކުރުމުގެ ލަފާ ޔާމީނަށް އެރުވުމަށެވެ.

މަޝްވަރާތަކަކަށްފަހު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް މީޑީއާތަކަށް ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވަނީ ޕްރޮގެސިވް ކޮންގްރެސް ކޯލިޝަނަށް އަދި ދިވެހި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސެނެޓާއި އާންމު މެމްބަރުންނާއި، ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުންގެ އެދުމާ އެއްގޮތަށް ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު އިންތިޚާބުގައި ވާދަކުރެއްވުންކަމާއި، ސެނެޓްގެ ވިސްނުމާ އެއްގޮތަށް ޔާމީން، އެމަނިކުފާނުގެ ވިސްނުންފުޅު ބަދަލު ކުރައްވާފައި ވާކަމަށެވެ. އަދި ޕީއެންސީއިން ނެރޭ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކުރެއްވުމަށް ނިންމަވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް