ކ. މާލެ
|
16 އޯގަސްޓް 2023 | ބުދަ 22:16
ފެރިދޫއިން ރައީސަށް މަރުހަބާ ދަންނަވަނީ
ފެރިދޫއިން ރައީސަށް މަރުހަބާ ދަންނަވަނީ
އެމްޑީޕީ
ރައީސް އަރިއަތޮޅު އުތުރުބުރިއަށް
ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުން އެކަން ރައްޔިތުން ބަލައިގަންނަކަން ފެރިދޫއިން އެނގޭ: ރައީސް
ފެރިދޫ ކައުންސިލަކީ އެއްވެސް އިރެއްގައި އެމްޑީޕީ މެމްބަރަކު ހޮވުނު ކައުންސިލެއް ނޫން
ފެރިދޫ މުޅި ކައުންސިލް މިހާރު ވަނީ އެމްޑީޕީއާ ގުޅިފައި
ފެރިދޫއަށް ބޭނުންވާ ގިނަ ކަންކަން ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވި

ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމުން އެކަން ރައްޔިތުން ބަލައިގަންނަކަން، އއ. ފެރިދޫއަށް ބަލައިލިޔަސް ފެނިގެންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިހާރު އއ.ށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ބުދަ ދުވަހު ފެރިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން, ފެރިދޫ ކައުންސިލަކީ އެއްވެސް އިރެއްގައި އެމްޑީޕީ މެމްބަރަކު ހޮވުނު ކައުންސިލެއް ނޫންކަމަށާއި ނަމަވެސް މިހާރު އެ ރަށުގެ މުޅި ކައުންސިލް އެމްޑީޕީއާ ގުޅިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ އުފާވެރި އަމާން ރާއްޖެ ރައްޔިތުންނަށް ހޯދައިދޭން ކުރަމުން އަންނަ މަސައްކަތް މިއަދު ރައްޔިތުން ބަލައިގަންނަ ކަމަށެވެ. އެގޮތުން, 2018 ވަނަ އަހަރު ޖަޒީރާ ރާއްޖެ މެނިފެސްޓޯއާއެކު އެމަނިކުފާނު ވެވަޑައިގަތް ގިނަ ވައުދުތައް ފުއްދެމުން ދާކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ވައުދުތައް ފުއްދަމުންދަނީ ކުދި އަދި ބޮޑެތި އާބާދީއަކަށް ބެލުމެއް ނެތި، ހަމަހަމަކަމާއެކު ކަމަށާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްދީ ވަސީލަތްތައް ގާއިމުކޮށްދޭން ޖެހޭކަން އެނގިވަޑައިގެން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ތަރައްގީގެ މަގުގައި ކުރިއަށްދާއިރު އެއީ ނިމުމެއް އޮންނާނެ ކަމެއް ނޫންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެމަނިކުފާނު ހުރިހާ ކަމެއްވެސް ނިންމަވާނީ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައްޔިތުން އެންމެ ބޭނުންވަނީ ކޮން ކަމެއްތޯ ބެއްލެވުމަށްފަހު ކަމަށެވެ. އަދި ސަރުކާރުތަކުން ރައްޔިތުން އަޑު އަހައި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭން ޖެހޭކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވަނީ، އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި ފެރިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށްދެއްވައި ރަށަށް ބޭނުންވާ ބޮޑު މިސްކިތް އިމާރާތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޒުވާނުން ކުޅިވަޅު ކުޅެން ބޭނުންވާ ވަސީލަތްތައް ގާއިމް ކުރައްވާނެ ކަމަށާއި، ފުލުހުންގެ މަރުކަޒެއް އަޅައި ސިއްހީ ދާއިރާއަށްވެސް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް