އއ. މަތިވެރި
|
16 އޯގަސްޓް 2023 | ބުދަ 15:50
ރައީސް، މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވަނީ
ރައީސް، މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވަނީ
އެމްޑީޕީ
ރައީސް އަރިއަތޮޅު އުތުރުބުރިއަށް
މި އެދެނީ މިއަދު އިތުބާރު ކުރަން, މިއަދުވެސް ވައުދު މިވަނީ ވައުދު ފުއްދަން: ރައީސް
ކުދި ރަށްރަށް ކުރީ ސަރުކާރުތަކުގެ ޗާޓަކަށް ނާރާ
މަތިވެރި ފިނޮޅުގެ އެއްބަސްވުން ބާތިލުކޮށް، މިހާރު ކައުންސިލާ ހަވާލުކުރުމަށް ވަނީ ނިންމާފައި
އަސާސީ ޚިދުމަތްތަކާއެކު މަތިވެރީގައި ފަތުރުވެރިކަމަށް އިންވެސްޓްކުރާ މީހުން ވާނެ

މިއަދުވެސް ރައްޔިތުންނަށް ވައުދުވެވަޑައިގެންނެވީ ވައުދު ފުއްދެވުމަށް ކަމަށާއި, އެމަނިކުފާނަށް އިތުބާރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެދިވަޑައިގެންފިއެވެ.

އއ އަތޮޅަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި އެ އަތޮޅުގައި މަތިވެރިއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، އާބާދީ ކުޑަ ރަށްރަށް ކުރީ ސަރުކާރުތަކުގެ ޗާޓަށް ނާރާކަމަށާއި، މި ސަރުކާރު ނުކުތީ އެކަން ބަދަލުކުރަން ކަމަށެވެ. އެގޮތުން, ރަށްރަށުގެ ތަރައްގީއަށް މަޝްރޫއުތައް ހިންގާއިރު އެ ރަށްތަކުގެ ކައުންސިލްތަކުގެ މަޝްވަރާއާއި ރައްޔިތުންގެ ބައިވެރިވުންވެސް ހޯއްދަވާކަން ފާހަގަކުރެއްވިއެވެ.

މަތިވެރިއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކަށްވީ މަތިވެރި ފިނޮޅުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ކައުންސިލުން އެދުނުގޮތަށް އެ ފިނޮޅުގެ އެއްބަސްވުން ބާތިލުކޮށް މިހާރު ކައުންސިލާ ހަވާލުކުރުމަށް ނިންމަވާފައި ވާކަމަށެވެ. އެކަން އެންމެ އަވަހަށް ބާއްވާ ވަޒީރުންގެ މަޖިލީހެއްގައި ނިމިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިހާރު ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތައް ނިމުމުން ރަށްތަކަށް ބޮޑު ބަދަލެއް އަންނާނެ ކަމަށާއި، މަތިވެރިއަކީ ފަތުރުވެރިކަމަށް ފައްކާވެފައިވާ ރަށަކަށްވުމުން އަސާސީ ޚިދުމަތްތަކާއެކު އެކަމަށް އިންވެސްޓްކުރާ މީހުން ވާނެކަމަށެވެ. އަދި ކުރިއަށް އޮތް ދައުރުގައި މިކަމަށް ޚާއްސަކޮށްގެން ލުއި ލޯނުތައް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ މަތިވެރިއަށް ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ކަންކަންވެސް އިއުލާން ކުރައްވާފައެވެ. އެގޮތުން, ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދެއްވުމަށް ހައުސިންގ ޔުނިޓު އަޅުއްވައިދެއްވާނެ ކަމަށާއި، ޒަމާނީ ފެންވަރުގެ މިސްކިތަކާއި ސްކޫލަށް ބޭނުންވާ އޮފީސް އިމާރާތާއި، ލެބޯޓްރީ ރޫމެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ރަށުގެ ހެލްތު ސެންޓަރު 24 ގަޑިއިރަށް ބަދަލުކުރައްވައި، އިތުރު ވަސީލަތްތަކާއެކު ޚިދުމަތްދެވޭ ގޮތް ހައްދަވައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އައު އިންޖީނުގެއެއް އަޅުއްވައިދެއްވައި، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކޮށްދެއްވައި، ބަނދަރު ހަދާއިރު ދޯނި އެހެލާނެ ސަރަހައްދެއް ތަރައްގީކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް