ކ. މާލެ
|
16 އޯގަސްޓް 2023 | ބުދަ 13:04
ހައި ކޯޓު
ހައި ކޯޓު
ރާއްޖެއެމްވީ
ދިވެހި ފުލުހުންގެ ޚިދުމަތް
ތަހުގީގު ބަޔާނެއްގައި އެހެން ފުލުހެއްގެ ނަމުގައި އިނގިލީގެ ނިޝާން ޖެހުމުން ވަޒީފާއިން ވަކިކުރީ ރަނގަޅަށްކަމަށް ނިންމައިފި
ސީނަށް ދިޔަ އޮފިސަރަކު ތަޙުޤީޤަށް ދީފައިވާ ބަޔާނަށް އިންކާރުކުރުމުން، އެ އޮފިސަރުގެ ފިންގަރ ޕްރިންޓް ވަނީ ޖަހާފައި
ޕޮލިސް ކޯޕަރަލް އަޙްމަދު އިބްރާހީމްގެ ފަރާތުން ފެނިފައިވާ މިޢަމަލަކީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފު ޢަމަލެއް

ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރި މައްސަލައެއްގެ ތަހުގީގު ބަޔާނެއްގައި އެހެން ފުލުހެއްގެ ނަމުގައި އިނގިލީގެ ނިޝާން ޖެހުމުން އެ އޮފިސަރު ވަޒީފާއިން ވަކިކުރީ ރަނގަޅަށްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.

މިއީ 2016 ވަނަ އަހަރު "ސައިމާ" ބޯޓުން ގއ.ވިލިނގިލި އެރޯމާ ޢަބްދުالله މަޖީދު ގއ.ވިލިނގިލިއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރާ މައްސަލައިގައި ސީނަށް ދިޔަ ޕޮލިސް އޮފިސަރަކު ތަޙުޤީޤަށް ދީފައިވާ ބަޔާނަށް އިންކާރުކުރުމުން، އެ އޮފިސަރުގެ އިނގިލީގެ ނިޝާން ޖަހަން ޖެހޭ ތަނުގައި އެ މައްސަލަ ބެލި އައ.ިއޯ ޕޮލިސް ކޯޕްރަލް އަޙްމަދު އިބްރާހީމްގެ ވައަތު އިނގިލީގެ ނިޝާން ޖަހާފައިވާ މައްސަލައެވެ.

މި މައްސަލަ ބެލުމަށްފަހު ޕޮލިސް ބޯޑުން ނިންމާފައިވަނީ ޕޮލިސް ކޯޕަރަލް އަޙްމަދު އިބްރާހީމްގެ ފަރާތުން ފެނިފައިވާ މިޢަމަލަކީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފު ޢަމަލެއް ކަމަށެވެ.

ވުމާއެކު، ޕޮލިސް ކޯޕްރަލް އަޙްމަދު އިބްރާހީމް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ބޯޑުން ނިންމީއެވެ.

އެ ނިންމުމަށް ސިވިލް ކޯޓުން ތާއީދު ކުރުމުން އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް މި މައްސަލަ ހުށައެޅީއެވެ.

އޭނާ ބުނެފައިވަނީ އެ އޮފިސަރުގެ ބަޔާނުގައިވާ ފިންގަރޕްރިންޓާ އޭނާގެ ބޮޑުވައި އިނގިލީގެ ނިޝާނާ ދިމާވަނީ ކީއްވެކަން ނޭނގޭކަމަށާއި، ނިދާފައި އޮއްވާ ކޮންމެވެސް މީހަކު އޭނާއަށް ގެއްލުން ދިނުމަށް އޭނާގެ އިނގިލި އެ ބަޔާނުގައި ޖައްސާފައި ހުރެދާނެ ކަމަށެވެ.

ހައިކޯޓުގައި އޭނާ އެދިފައިވަނީ ވަޒީފާއިން ވަކިކޮށްފައިވަނީ ކަނޑައެޅިފައިވާ ޤާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް ކަނޑައަޅައިދީ، ވަޒީފާއަށް އަލުން ރުޖޫޢުކޮށްދިނުމަށެވެ.

އަދި ވަޒީފާއިން ވަކިކޮށްފައިވަނީ ސަރޖަންޓް ރޭންކްގެ ޕްރޮމޯޝަން ޙައްޤުވެފައިވަނިކޮށް ކަމުގައިވާތީ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާއަށް އިޢާދަކޮށްދިނުމުގެ ނިޔަލަށް ހިންގާ ދުވަސްތަކަށް ސަރޖަންޓް ރޭންކްގެ އޮފިސަރަކަށް ލިބެންޖެހޭ މުސާރައާއި އިނާޔާތްތައް ބަދަލެއްގެ ގޮތުގައި އޭނާއަށް ދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް އެދިފައިވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އަޙްމަދު އިބްރާހީމްގެ ކިބައިން ފެނިފައިވާ ޢަމަލަކީ ފުލުހުންގެ މަސައްކަތާމެދު ރައްޔިތުން ކުރާ އިތުބާރާއި ޔަޤީންކަން ގެއްލި އަދި ނުޙައްޤުން މީހަކަށް އަދަބެއް ލިބިދާނެ ޢަމަލަކަށްވާތ،ީ މިއީ ޒިންމާދާރު މަޤާމެއްގައި ހުރި ފަރާތުން ޢަމަލުކޮށްގެންވާނެ ގޮތެއް ނޫންކަމަށެވެ.

އަދި ފިންގަރޕްރިންޓް ކޮމްޕެރިސަން ރިޕޯޓުގެ ޞައްޙަކަމާމެދު ސުވާލު އުފައްދައި، އެ ރިޕޯޓާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމަށް ދަށުކޯޓުން ރިޢާޔަތް ކޮށްފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުން މި މައްސަލަ ބެލުމަށްފަހު މިވަނީ ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައެވެ.

އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދާ ޚިލާފަށްކަމަށް ބުނި ނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުގައ،ި ދަށުކޯޓުގެ ނިންމުމުގައި އޮތް ޤާނޫނީ މައްސަލައަކީ ކޮބައިކަމެއް ބަޔާންކޮށްފައި ނުވާކަމަށް ހައިކޯޓުން ބުނެއެވެ.

އަދި އޭގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުޘަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައިނުވާކަމަށްވެސް ހައިކޯޓުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް