ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީން) ނިންމި ނިންމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދަމަހައްޓައިފިއެވެ.
އާދިއްތަ ދުވަހު މި މައްސަލައިގެ ޙުކުމް ކުރައްވާފައިވަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. އެއީ އުއްތަމަފަނޑިޔާރު ޑރ މުއުތަސިމް އަދުނާން، ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު ހުސްނުއްސުއޫދު އަދި ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހީމްއެވެ.
ޙުކުމުގައި އީސީގެ ނިންމުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފައެވެ.
އީސީން ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމާފައިވަނީ ޔާމީނުގެ ޖަލު ޙުކުމެއް އޮތުމާއި، މީގެ ކުރިން ކޮށްފައިވާ 5 މިލިއަން ޑޮލަރުގެ ޙުކުމުގެ ފައިސާ ދައްކާފައިނުވުމުގެ އިތުރުން، ޖަލުތަކާއި ޕެރޯލް ޤާނޫނަށް ބަލައެވެ.
އެންމެ ފުރަތަމަ ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރައުޔު އިއްވަވާފައެވެ.
ފަނޑިޔާރު ވިދާޅުވީ، މި މައްސަލައިގައި ސުޕްރީމް ކޯޓުން ބަލަންޖެހެނީ ޤާނޫނުއަސާސީގައިވާ ފަދައިން ޔާމީނު އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްތޯއާއި، ޙުކުމަކީ ނިހާއީ ޙުކުމަކަށްވާން ޖެހޭތޯ ކަމަށެވެ.
ސާބިތު ދަރަނީގެ ނުކުތާ:
އެގޮތުން ބަލާއިރު، ކޯޓުގެ ޙުކުމަކުން ދޭންޖެހޭ ފައިސާއެއްގެ ނަން ބަދަލުވުމަކުން، އެ ފައިސާގެ ޤާނޫނީ ނަތީޖާއަށް ބަދަލެއް ނާންނަކަން ސުޕްރީމް ކޯޓުގެ މީގެ ކުރީގެ ޙުކުމްތަކުގައި ބުނެފައިވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ޙުކުމާ އެއްގޮތަށް ޖޫރިމަނާ ނުދައްކާހާ ހިނދަކު އެއީ އޭނާގެ މަތީގައި އޮންނަ ސާބިތު ދަރަންޏެއްކަން ފަނޑިޔާރު ފާހަގަ ކުރެއްވިއެވެ. އަދި އިސްތިއުނާފު ކޮށްފައި އޮތުމަކީ ކޯޓުގެ ނިންމުމަކަށް ތަބާނުވާންޖެހޭ ސަބަބެއް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
5 މިލިއަން ޑޮލަރުގެ ފައިސާ 6 މަސްތެރޭ ދައްކަންޖެހޭއިރު، އެ ފައިސާ ދެއްކުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން ނެރެފައިނުވާތީ، އެއީ ސާބިތު ދަރަންޏެއްކަމަށް ދެކިވަޑައިގަންނަވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
ޖަލު ޙުކުމް ނިހާއީ ވާންޖެހޭކަމަށް ބުނާ ނުކުތާ:
ޖަލު ޙުކުމަކީ ނިހާއީ ޙުކުމަކަށްވާން ޖެހޭނެކަމަށް ބުނެ އިސްތިއުނާފު ކޮށްފައިވާ ނުކުތާއަށްވެސް ފަނޑިޔާރު އަލިއަޅުވާލެއްވިއެވެ.
ޤާނޫނުއަސާސީގެ 109ވަނަ މާއްދާގެ ގެ (ޅ) ގައި އޮތް ޝަރުތުގެ އިބާރާތަށް ބެލުމުން، އެ އިބާރާތުގައި އޮޅުމެއް ނުވަތަ ދެމާނަ ދޭހަވާ ޙާލަތެއް ނެތްކަމަށް އީސީއާއި އޭޖީ އޮފީހުން ވަނީ ބުނެފައެވެ.
އެ މާއްދާގައި ބުނަނީ ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކުނަމަ އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ 3 އަހަރު ފަހުން ކަމަށެވެ.
އަދި އެ އިބާރާތަށް "ނިހާއީ" އިތުރު ކުރުމަކީ ޤާނޫނުގައި ބުނެފައިވާ ވާހަކައަކަށް އުނިއިތުރެއް ގެނައުންކަމަށް އެ ފަރާތްތަކުން ދެކިލައްވައެވެ.
ފަނޑިޔާރު ވިދާޅުވީ، ސުޕްރީމް ކޯޓުން 2011 ވަނަ އަހަރު ނިންމާފައިވާ ކާށިދޫ ދާއިރާގެ ގޮނޑިއާ ގުޅޭ މައްސަލަ ޔާމީނުގެ ފަރާތުން އިސްތިއުނާފުގައި ޙަވާލާދީފައިވާ ކަމަށެވެ.
އެއީ އިސްމާއީލް އަބްދުލް ޙަމީދުގެ މަޖިލިސް ގޮނޑިއާ ގުޅޭ މައްސަލައެވެ.
އެ ގަޒިއްޔާ ޔާމީނުގެ ކެންޑިޑެސީއާ ގުޅޭ މައްސަލައަށް ތަތުބީޤު ކުރެވިދާނެތޯ ބަލާއިރު، މި ދެ މައްސަލައިގެ އަސާސީ ވާޤިއާތަކަށް (މެޓީރިއަލް ފެކްޓްސްއަށް) ނުބަލައި، ޙުކުމުގައި އޮތް ވަކިވަކި ޖުމްލައެއް ތަތުބީޤު ކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
މި ދެ ގަޒިއްޔާއަކީ އަޅާކިޔޭނެ ދެ ގަޒިއްޔާއެއް ނޫންކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު ދެކިވަޑައިގަންނަވައެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވާ (އަބްދުﷲ ޖާމިއު ވ އެޓަރނީ ޖެނެރަލް އޮފީސް) ގަޒިއްޔާއަކީވެސް ޔާމީނު ޙަވާލާދެއްވި ގަޒިއްޔާއެކެވެ. ނަމަވެސް މި މައްސަލައިގައިވެސް އަސާސީ ވާޤިއާތައް ތަފާތުކަން ފާހަގަކުރައްވައި ފަނޑިޔާރު ވިދާޅުވީ، އެއީ ޖިނާއީ ކުށެއް ސާބިތުވި ފުލުހަކު ވަޒީފާއިން ވަކިކުރި މައްސަލައެއް ކަމަށެވެ. މިއީ މުސްތަޤުބަލުގައި ލިބިދާނެ މަޤާމަކާ ގުޅޭ މައްސަލައެއް ނޫންކަމާއި، އެ މައްސަލައިގައި ދެއްކީ އޭނާހުރި ވަޒީފާގެ ވާހަކަކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އޭގެ އިތުރުން، (ޙަސަން ޝިޔާމް ވ އިލެކްޝަންސް ކޮމިޝަން ) އަދި (އިބްރާހިމް ޒަމީލް ވ އިލެކްޝަންސް ކޮމިޝަން) ގަޒިއްޔާވެސް ޔާމީނުގެ ފަރާތުން މި މައްސަލައިގައި ޙަވާލާދީފައިވާއިރު، މިއީ ސާބިތު ދަރަންޏާ ގުޅޭ މައްސަލަތަކެކެވެ.
ޖަލުތަކާއި ޕެރޯލް ޤާނޫނުގައިވާ ނުކުތާއާމެދު މި ގަޒިއްޔާގައި ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް އޮތްކަމަށް ދެކިނުލައްވާކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.
އެ ރައުޔަށް އުއްތަމަފަނޑިޔާރު، ޑރ އަޒްމިރަލްދާ ޒާހިރު، ފަނޑިޔާރު ޝުޖޫން، ފަނޑިޔާރު މަހާޒު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ މުޙައްމަދު އިބްރާހީމް ވަނީ ތާއީދު ކުރައްވާފައެވެ.