ކ. މާލެ
|
4 އޯގަސްޓް 2023 | ހުކުރު 19:35
ޔާމީނުގެ ކެނޑިޑެސީއާ ގުޅޭ އަޑުއެހުން
ޔާމީނުގެ ކެނޑިޑެސީއާ ގުޅޭ އަޑުއެހުން
ރާއްޖެއެމްވީ
ޔާމީނުގެ ކެންޑިޑެސީ މައްސަލަ
ކެނޑިޑެސީ ހުށައަޅަން އިތުރު ވަގުތުދީފިނަމަ، ވޯޓާސް ލިސްޓު ބަދަލުވެ، މުއްދަތަށް އިންތިޚާބު ނުބޭއްވިދާނެ: އީސީ
އެ ޙާލަތުގައި މުޅި އިންތިޚާބުގެ ވޯޓާސް ލިސްޓަށް ބަދަލު އައުން އެކަށީގެންވޭ
ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު
ޔާމީނަށް ކެންޑިޑެސީ ހުށަނޭޅޭ ޙާލަތެއްގައި ޕީޕީއެމްއަށް އިތުރު ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އެ ޕާޓީން އެދޭ

ކެންޑިޑެސީ ހުށައަޅަން އިތުރު ވަގުތުދީފިނަމަ، ވޯޓާސް ލިސްޓު ބަދަލުވެ، ޤާނޫނުގައި ބުނެފައިވާ މުއްދަތަށް އިންތިޚާބު ނުބޭއްވިދާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކޮމިޝަނުން އެހެން ބުނެފައިވަނީ ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެނޑިޑެސީ މައްސަލައިގެ އަޑުއެހުމުގައެވެ.

މި އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުގެ ސެކެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ، މުއްދަަތަށް ބަދަލެއް ގެނެސްފިނަމަ، އިންތިޚާބުގައި ކަނޑައެޅިފައިވާ ވަގުތުތަކަށް ބަދަލު އައިސް، މުޅި އިންތިޚާބުގެ ވޯޓާސް ލިސްޓަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.   

"އިންތިހާބު ބާއްވާ ދުވަސް އިތުރަށް ފަސްކޮށްފި ނަމަ މުޅި ވޯޓާސް ލިސްޓް އަލުން އެކުލަވާލައި މުޅި އިންތިހާބު އަލުން ތަރުތީބުކުރަން ޖެހުމަކީ، ގާނޫނުގައި ބުނާ މުއްދަތަށް، ގާނޫނު އަސާސީގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބުކުރުމަށް ހުރަސް އެޅިދާނެ ކަމެއް،"
އީސީގެ ސެކެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ

އީސީގެ އެސްޖީ އެހެން ވިދާޅުވީ، ކޯޓުން ނިންމާ ނިންމުމެއްގެ ސަބަބުން ޔާމީނަށް ކެންޑިޑެސީ ހުށަނޭޅޭ ޙާލަތެއްގައި ޕީޕީއެމްއަށް އިތުރު ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް އިލެކްޝަންސްއަށް އެންގުމަށްވެސް ޔާމީނުގެ ފަރާތުން އެދިލެއްވުމާއި ގުޅިގެންނެވެ.

އީސީގެ އެސްޖީ ވިދާޅުވީ، އެ ޙާލަތުގައި ޤާނޫނުގައި ބުނާ ޙައްޤުތައްވެސް ކެނޑިޑޭޓުންނަށް ނުލިބޭނެ ކަމަށެވެ. އެގޮތުން ކެނޑިޑެސީއަށް ހުޅުވާލަފައިވާ މުއްދަތު އިތުރުކޮށްފިނަމަ، އިންތިޚާބުތަކާ ބެހޭ އާންމު ޤާނޫނުގައި ކެމްޕޭނު ކުރުމަށް ދޭން ލާޒިމުކޮށްފައިވާ 30 ދުވަސް ނުދެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

ވުމާއެކު، އިންތިހާބު ބާއްވާ ދުވަސް އިތުރަށް ފަސްކޮށްފި ނަމަ މުޅި ވޯޓާސް ލިސްޓް އަލުން އެކުލަވާލައި މުޅި އިންތިހާބު އަލުން ތަރުތީބުކުރަން ޖެހުމަކީ، ގާނޫނު އަސާސީގައި ބުނާ މުއްދަތަށް ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބުކުރުމަށް ހުރަސް އެޅިދާނެ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ޔާމީނަށް ކެންޑިޑެސީ ހުށަނޭޅޭ ޙާލަތެއްގައި ޕީޕީއެމްއިން ކެންޑިޑޭޓެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ޕީޕީއެމްއިން އެދިފައިވާއިރު، އެކަމާ ގުޅޭގޮތުން އީސީގެ ވަކީލު ވިދާޅުވީ، އިތުރު ކެނޑިޑޭޓަކު ހުށައެޅުމަށް މިހާރުވެސް ޕީޕީއެމްއަށް ފުރުސަތު އެބައޮތް ކަމަށާއި، ވީމާ، އެކަމަށް މިހާރުވެސް ހުރަހެއް ނެތްކަމަށެވެ.

ޔާމީނަށް ކެނޑިޑެސީ ހުށަނޭޅޭ ޙާލަތެއްގައި ޕީޕީއެމްއިން ކެންޑިޑޭޓެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ޔާމީނުގެ ފަރާތުން އެދިލައްވާފައިވާއިރު، ޔާމީނަށް ކުރިމަތި ނުލެވޭ ޙާލަތެއްގައި "ބެކަޕެއް" ކަމަށް ބުނެ، ޕީޕީއެމްއިން ވަނީ ޕީއެންސީގެ ޓިކެޓު މުއިއްޒަށް ދީފައެވެ.

ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް