ކ. މާލެ
|
4 އޯގަސްޓް 2023 | ހުކުރު 17:52
ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުން
ޔާމީނުގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުން
ރާއްޖެއެމްވީ
ޔާމީނުގެ ކެންޑިޑެސީ މައްސަލަ
ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތީ ހަމައެކަނި 11 އަހަރުގެ ޖަލު ޙުކުމުގެ ސަބަބުންނެއް ނޫން
ޖަލުތަކާއި ޕެރޯލް ޤާނޫނުގައި ސިޔާސީ ޙަރަކާތްތަކުގައި ޤައިދީން ބައިވެރިވުން މަނާކޮށްފައިވޭ
ޙުކުމުގެ ފައިސާގެ ގޮތުގައި ދައްކަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކައި އޮތްނަމަ އެއީ ސާބިތު ދަރަންޏެއްކަމަށް އީސީން ބުނޭ
ޙުކުމެއް މާނަކުރަނީ ނިހާއީ ޙުކުމެއްގެ ގޮތުގައިކަމަށް ބެލުމަކީ ޤާނޫނުއަސާސީގެ އުސޫލުތަކާ އެއްހަމަވާ ގޮތެއް ނޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ކެނޑިޑެސީ ބަލައިނުގަތީ ހަމައެކަނި 11 އަހަރުގެ ޖަލު ޙުކުމުގެ ސަބަބުން ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ކެނޑިޑެސީ މައްސަލައިގައި ޔާމީނުގެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ، ޔާމީނުގެ ކެނޑިޑެސީ ބަލައިނުގަތް ސަބަބުތައް ތަފްސީލުކޮށް ޔާމީނަށް އަންގަވާފައިވާނެ ކަމަށެވެ. އެގޮތުން ސާބިތު ދަރަންޏެއް އޮތްކަމާއި، ޖަލުތަކާއި ޕެރޯލް ޤާނޫނުގައި ބުނެފައިވާ ސިޔާސީ ޙަރަކާތުގެ ވާހަކަވެސް ޔާމީނުގެ ކެނޑިޑެސީ ބަލައިނުގަތް ސަބަބުތަކުގެ ތެރޭގައި ހިމަނާފައިވާނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ، ޔާމީނަށް ކޮށްފައިވާ ޙުކުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާ ކަމަށާއި، އެއީ ސާބިތު ދަރަންޏެއް ކަމަށެވެ.

އެކަމާ ގުޅޭގޮތުން ފަނޑިޔާރުން ޔާމީނުގެ ވަކީލުންނާ ސުވާލު ކުރެއްވިއެވެ. އެގޮތުން އެ ވާހަކަ އެއްވެސް ވަރަކަށް ނުދެއްކެވީ ކީއްވެތޯ ޔާމީނުގެ ވަކީލުންގެ އަރިހުން ފަނޑިޔާރުން ސުވާލު ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ޔާމީނުގެ ވަކީލު ވިދާޅުވީ، 1 އޮގަސްޓު 2023 ގެ ރޭގަނޑުގެ ވަގުތެއްގައި ޕީޕީއެމްއަށް އީސީން ލިޔުން ފޮނުވި ކަމަށާއި، އީސީން ގުޅާފައި ލިޔުން ޙަވާލުކުރާ ވާހަކަ ބުނި ކަމަށެވެ. ނަމަވެސް އިސްތިއުނާފު ކުރެއްވީ އީސީން ފުރަތަމަ ދިން ލިޔުމާއި އެއްގޮތަށްކަމަށް ޔާމީނުގެ ވަކީލު ވިދާޅުވިއެވެ.

ޑީޖޭއޭއިން ދީފައިވާ ރެކޯޑަށް ބަލާއިރު، 5 މިލިއަން ޑޮލަރުގެ ވާހަކަ އޮތީ ކުށެއްގެ ސަބަބުން ދައްކަންޖެހޭ ފައިސާއެއްގެ ގޮތުގައި ކަމަށާއި، އެއީ ސާބިތު ދަރަންޏެއް ނޫން ކަމަށެވެ.

އެކަމާ ގުޅޭގޮތުން ޔާމީނު ވިދާޅުވީ، އެ ދަރަނީގެ މުއްދަތު ހަމަވާ ދުވަސް މީރާއިން އަންގާ ކަމަށާއި، މީރާއިން އަދި އެފަދަ އެންގުމެއް ވަކީލުންނަށް ފޮނުވާފައި ނުވާ ކަަމަށެވެ.

އެއަށްފަހު އަނެއްކާވެސް ކުރިއަށް ދިޔައީ އީސީން އިސްތިއުނާފަށް ޖަވާބު ދިނުމެވެ.

އީސީގެ ވަކީލު ވިދާޅުވީ، ޔާމީނަށް އެރުވި ޖަވާބުގައި އިތުރު ދެ ސަބަބެއް ނުހިމެނި އޮތްކަން އެނގުމުން ކޮމިޝަނުގެ ސެކެޓަރީ ޖެނެރަލް ޕީޕީއެމްގެ އެސްޖީއަށް އެކަން އެންގެވި ކަމަށާއި، ނަމަވެސް ލިއުމާ ޙަވާލުވާން އެބޭފުޅުން ދެކޮޅު ހެއްދެވި ކަމަށެވެ. މި މައްސަލަ އެފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅިއިރުވެސް، ލިއުމަށް ބަދަލެއް އައިކަން އެބޭފުޅުންނަށް އެނގިލައްވާފައި އޮތްކަމަށް އީސީގެ ވަކީލު ވިދާޅުވިއެވެ.

އީސީގެ ވަކީލު ވިދާޅުވީ، ޙުކުމެއް މާނަކުރަނީ ނިހާއީ ޙުކުމެއްގެ ގޮތުގައިކަމަށް ބެލުމަކީ ޤާނޫނުއަސާސީގެ އުސޫލުތަކާއި، މަތީ މަރުޙަލާގެ ނިންމުންތަކާ ފުށުއަރާ ކަމެއްކަމަށެވެ.

އިންތިޚާބުގައި ބައިވެރިވުމަކީ ސިޔާސީ ޙަރަކާތެއް ނޫންކަމަށް ޔާމީނުގެ ވަކީލު ވިދާޅުވެފައިވާއިރު، އިންތިޚާބުގައި ކެނޑިޑޭޓުން ބައިވެރި ކުރުވުމަކީ ސިޔާސީ ޕާޓީއަކުން ހިންގާ ސިޔާސީ ޙަރާކާތެއްގެ ގޮތުގައި ބެލެވޭނެކަމަށްވެސް އީސީގެ ވަކީލު ވިދާޅުވިއެވެ.

އީސީގެ ވަކީލު ވަނީ އެ ކޮމިޝަނުގެ ނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިލައްވާފައެވެ.

ޔާމީނަށް ކެންޑިޑެސީ ހުށަނޭޅޭ ޙާލަތެއްގައި ޕީޕީއެމްއިން ކެންޑިޑޭޓެއް ހުށަހެޅުމުގެ ފުރުސަތު ދިނުމަށް ޕީޕީއެމްއިން އެދިފައިވާއިރު، އެކަމާ ގުޅޭގޮތުން އީސީގެ ވަކީލު ވިދާޅުވީ، އިތުރު ކެނޑިޑޭޓަކު ހުށައެޅުމަށް މިހާރުވެސް ޕީޕީއެމްއަށް ފުރުސަތު އެބައޮތް ކަމަށާއި، ވީމާ، އެކަމަށް މިހާރުވެސް ހުރަހެއް ނެތްކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ސެކެޓަރީ ޖެނެރަލް އިތުރަށް ވިދާޅުވީ، މުއްދަަތަށް ބަދަލެއް ގެނެސްފިނަމަ، އިންތިޚާބުގައި ކަނޑައެޅިފައިވާ ވަގުތުތަކަށް ބަދަލު އައިސް، މުޅި އިންތިޚާބުގެ ވޯޓާސް ލިސްޓަށް ބަދަލު އައުން އެކަށީގެންވާ ކަމަށެވެ.   

އީސީން ކެނޑިޑެސީ ބަލައިނުގަތް ސަބަބުތައް:

  • 11 އަހަރުގެ ޖަލު ޙުކުމެއް އޮތުން
  • ޖަލުތަކާއި ޕެރޯލް ޤާނޫނުގައި ސިޔާސީ ޙަރަކާތްތަކުގައި ޤައިދީން ބައިވެރިވުން މަނާކޮށްފައި އޮތުން
  • ޙުކުމުގެ ފައިސާގެ ގޮތުގައި ދައްކަންޖެހޭ 5 މިލިއަން ޑޮލަރު ނުދައްކައި އޮތުމުން
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް