Advertisement
ކ. މާލެ
|
1 އޯގަސްޓް 2023 | އަންގާރަ 16:54
ރައީސް
ރައީސް
އެމްޑީޕީ
ރައީސް ށ އަތޮޅަށް ކުރައްވާ ދަތުރުފުޅު
އާރްޓީއެލްއާއި އެއަރޕޯޓާއެކު ބިލެތްފަހީގެ އިގްތިސާދު ކުރިއަރާނެ، އިންވެސްޓް ކުރެވޭ ގޮތް ހަދައިދޭނަން: ރައީސް
އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ހަވާލުކޮށްފައި
ފާއިތުވި ހަތަރު އަހަރު ތެރޭގައި ށ އަތޮޅުގައި 159 މަޝްރޫއު އަންނަނީ ހިންގަމުން
ލޯކަލް ޓޫރިޒަމަށް ހާއްސަ ފަންޑެއް ތައާރަފު ކުރާނެ

ށ. ބިލެތްފައްސަށް މި ސަރުކާރުން ގެންނަ ތަރައްގީގެ ތެރެއިން އެ ރަށުގައި ކުރިއަށްގެންދާ އާރްޓީއެލް އަދި އެއަރޕޯޓު މަޝްރޫއު ނިމުމުން ރަށުގެ އިގްތިސާދު ކުރިއަރާނެ ކަމަށާއި، ރަށުގެ ރައްޔިތުންނަށް އިންވެސްޓް ކުރެވޭނެ ފަހި ފުރުސަތުތައް ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބިލެތްފައްސަށް ވަޑައިގެން ރައީސް ވިދާޅުވީ، އެ ރަށުގައި މި ސަރުކާރުން އަޅަން ނިންމާފައިވާ އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު އެމްޓީސީސީއާ ހަވާލުކުރެވިފައި ވާކަމަށެވެ. އެ ކުންފުނިން އެ މަސައްކަތް ބޮސްކާލިސްއާ ހަވާލުކޮށްފައިވާއިރު، ވަރަށް އަވަހަށް މަސައްކަތް ފެށިގެން ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ބިލެތްފަހީގައި އާރްޓީއެލްގެ ޚިދުމަތް ތައާރަފުކޮށްފައިވާއިރު، އެއަރޕޯޓުގެ މަސައްކަތް ނިމުމާއެކު އެރަށުގައި ލޯކަލް ޓޫރިޒަމް ކުރިއަރާނެ ކަމަށާއި، އެކަމަށް ރައްޔިތުންނަށް ފުރުސަތު ދިނުމަށް އިންވެސްޓްމަންޓް ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން, ލޯކަލް ޓޫރިޒަމަށް ހާއްސަ ފަންޑެއް ތައާރަފުކުރުމަށް ނިންމާފައި ވާކަމަށާއި، އެ ފުރުސަތުތަކުގެ ތަފްސީލު ވަރަށް އަވަހަށް މެނިފެސްޓޯ މެދުވެރިކޮށް ރައްޔިތުންނަށް ހާމަކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ.

Advertisement

ރައީސް ވިދާޅުވީ މި ސަރުކާރުން ގެންނަ ބޮޑު ބަދަލު ށ އަތޮޅަށް އެކަނި ބެލިޔަސް ފެންނާނެ ކަމަށެވެ. ކުރީގެ ސަރުކާރުތަކުގެ ތެރެއިން، ރައީސް ނަޝީދުގެ ވެރިކަމުގައި ށ އަތޮޅުގައި 19 މަޝްރޫއެއް ހިންގިކަމަށާއި، ރައީސް ޔާމީންގެ ވެރިކަމުގައި 56 މަޝްރޫއެއް ހިންގާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން ފާއިތުވި ހަތަރު އަހަރު ތެރޭގައި އެ އަތޮޅުގައި 159 މަޝްރޫއު ހިންގަމުން އަންނަ ކަމަށެވެ.

ރައީސް ވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގެންފިނަމަ ބިލެތްފައްސަށް ކޮށްދެއްވާނެ ކަންކަންވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން, ރަށުގެ ސިއްހީ މަރުކަޒު މިހާރު އަޕްގްރޭޑް ކުރެވިގެންދާއިރު، ހޮސްޕިޓަލުތަކުން ލިބެން ހުންނަ މުހިންމު ހިދުމަތްތައް އެ ރަށުގައި ތައާރަފު ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ ރަށުގެ މަގުތައް ހަދައިދިނުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމަކަށްވާތީ އެ މަސައްކަތް ވެސް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް