ރިޔާސީ އިންތިޚާބަށް މަހެއްހާ ދުވަހަށް ވީއެވެ. އިންތިޚާބުގައި ވާދަކުރުމަށް އެކި ޕާޓީތަކުން އެކި ކެންޑިޑޭޓުން ދައްކަމުން އަންނަ އިިރު އެ ކެންޑިޑޭޓުންނަށް ތާއީދު ކުރާ ފަރާތްތަކުން ތާއީދު ކުރުމުގެ އިތުރުން އެހެން ކެންޑިޑޭޓުން ނުހޮވަންވީ ސަބަބުތައް ވެސް ދަނީ ކިޔައިދެމުންނެވެ. ނަމަވެސް ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަކީ ރައްޔިތުންގެ ޙައްގުގައި ދައްކަމުން އަންނަ ވާހަކަ ތައް ކަމާ މެދު ސުވާލު އުފެދެއެވެ.
ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ, މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ކާމިޔާބު ކުރެއްވުމުން އެމަނިކުފާނާ ދެކޮޅަށް އެ ޕާޓީގެ ބައެއް އިސް ފަރާތްތަކުން ނުކުންނެވިއެވެ. ޕާޓީގައި ތިއްބަވައިގެން އިތުރު ހަރަކާތެއް ފައްޓަވައި މިހާރު ވަނީ އައު ޕާޓީއެއް އުފައްދަވައި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓެއް ވެސް, ފެންނަ ނުފެންނަ ވޯޓަކުން ނެރުއްވާފައެވެ. އެ ޕާޓީގެ އިތުރުން ކޯލިޝަނުގެ އެހެން ޕާޓީތަކުން ވެސް ވަނީ އަމިއްލަ ކެންޑިޑޭޓުން ނެރެ މިއަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޞާލިހަށް ކާމިޔާބު ވިޔަ ނުދިނުމަށް މަސައްކަތް ފަށައިފައެވެ.
އެކި ފަހަރުމަތިން, ރައީސާ ދެކޮޅަށް ވާދަކުރައްވާނެ ކަމަށް ދައްކާ ކެންޑިޑޭޓުން އެކަކު އަނެކަކާއެކު ކޯލިޝަން ހައްދަވަން ވެސް މަޝްވަރާތައް ކުރެއްވިއެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މަޝްވަރާތަކުން ނަތީޖާއެއް ނުފެނެއެވެ. ފެންނަ އެއްގޮތް އެއް ކަމަކީ މިއަދު ވެސް ސަރުކާރުގެ ސިޔާސީ މަގާމުތައް ފުރުއްވަމުން އަންނަ ބައެއް ބޭފުޅުންނާއި އެ މަޤާމުތަކުން އިހަކަށްދުވަހު އިސްތިއުފާ ދެއްވައި "ރައްޔިތުންގެ ޙައްގުގައި" ނުކުމެ ތިބި ބޭފުޅުންނެވެ. މި ފަސް އަހަރުގެ ތެރޭގައި މި ސަރުކާރުން ކުރި ހުރިހާ ކަމެއް ވެސް މިއަދު އޮތީ ގޯސްވެފައެވެ. ރައްޔިތުންނަށް ފައިދާ ހުރި އެއް ކަމެއް ވެސް މި ސަރުކާރަށް ނުވެއެވެ. މިކަން އެނގުނީ ސަރުކާރަށް ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވެ, އިންތިޚާބަށް ކުޑަދުވަސްކޮޅަކަށްވުމުންނެވެ.
ސިޔާސީ މަގާމުތަކުން އިސްތިއުފާ ދެެއްވި ބޭފުޅުން މިއަދު ނުކުމެ ރައްޔިތުން ބޭނުންވާ ކަންކަން ކުރެވޭނީ އަޅުގަނޑުމެންނަށޭ ވިދާޅުވެއެވެ. ފާއިތުވި ހަތަރު އަހަރު އޮތީ "އަޅުގަނޑުމެންގެ" ވެރިކަމެއް ނޫންތޯއެވެ. ޕޮލިސީ ލެވެލްގައި ކަންކަން ކުރެެއްވޭނެ ބޭފުޅުން ވެސް ތިއްބެވީ "އަޅުގަނޑުމެންނާ" އެކުގައި ނޫންތޯއެވެ. ބަދަލެއް ގެންނަން ބޭނުންވާނަމަ އެކަން ނުކުރެވި އޮތީ ކީއްވެތޯ އާއްމުންނަށް ހާމަކޮށްދޭންވީ ނޫންތޯއެވެ. އަދި އެކަން ނުކުރެވުނީ ސަރުކާރުގެ ނުފޫޒުން ކަމަށްވާނަމަ އޭރު އެވާހަކަތައް ނުދެއްކުނީ ކީއްވެތޯއެވެ.
ސަރުކާރަށް ކަމެއް ނުވާކަމަށް ބުނެ ސަރުކާރާއެކު އެންމެ ގާތުން މަސައްކަތް ކުރެއްވި ބޭފުޅުން ހަތަރު އަހަރަށްވުރެ ގިނަ ދުވަސް ފަހުން ނުކުމެ އެވާހަކަތައް ދެއްކުމުން އެ ވެގެންދާނީ ޖޯކަކަށެވެ. މިއަދު ރައްޔިތުންގެ ޙައްގުގައި ނުކުމެ ތިބެ ވާހަކަދައްކާއިރު ފާއިތުވި ހަތަރު އަހަރު ރައްޔިތުންގެ ޙައްގެއް ނެތީތޯއެވެ. ހަތަރު އަހަރު ތެރޭގައި ކޮންމެ މަހަކު ބޮޑު މުސާރަ ލިބުމަކީ ރައްޔިތުންގެ މި ޙައްގު ނުފެނުނު ސަބަބަކަށް ވެދާނެބާއެވެ.
ރައްޔިތުންގެ ޙައްގުގައި މަސައްކަތް ކުރާ ފަރާތެއްނަމަ އެކަމެއް ހިނގަނީ ރައްޔިތުންނަށް ގެއްލުންވާ ގޮތަކަށް ކަމަށްވާނަމަ ނުވަތަ އެކަމެއް ހިނގަނީ ތިމާ ގަބޫލުކުރާ އުސޫލުތަކާ ޚިލާފަށް ކަމަށްވާނަމަ އެވަގުތުން ވަގުތަށް އެކަމަކަށް ދެކޮޅު ހަދައި އެކަހެރިވާނެއެވެ. މަގާމެއްގެ ދަހިވެތިކަމުގައި ދައުރެއް ނިމެންދެން އެ ބަޔަކަށް ތައުރީފުކޮށް އެ ބަޔަކާއެކު ނޫޅޭނެކަން ޔަގީނެވެ.
ރައްޔިތުންގެ ޙައްގުގައި, ރައްޔިތުންނަށް ކަންކަން ކޮށްދޭން ކަމަށްބުނެ ދައްކަނީ ސިޔާސީ ބޭނުމަށް ދައްކާ ވާހަކަތައްކަން މިކަންކަމުން އެބަ ހާމަވެއެވެ. ހަތަރު އަހަރުވަންދެން ހުރިހާ ކަމެއް ރަނގަޅަށް ކުރަމުން އައި ސަރުކާރެއް ކުއްލިއަކަށް ގޯސްވެ ކުރި ރަނގަޅުކަމެއް ނެތޭ ބުނުމުން ރައްޔިތުން އެ ވާހަކަތައް ގަބޫލުކުރަންވީ ކީއްވެހެއްޔެވެ.