ކ. މާލެ
|
28 ޖުލައި 2023 | ހުކުރު 17:38
ހެޕަޓައިޓިސްގައި ފަރަމޭ ދުޅަވާނެ
ހެޕަޓައިޓިސްގައި ފަރަމޭ ދުޅަވާނެ
ޗަރަކަ އޯގަނައިޒޭޝަން
ހެޕަޓައިޓިސް ނައްތާލުމަށް މަސައްކަތްކުރުން
2030ގެ ކުރިން ހެޕަޓައިޓިސް ބީ އަދި ސީ ނައްތާލުމަށް ވަނީ އަމާޒު ހިފާފައި، ބޭނުންވަނީ އެއްބާރުލުން
ފުރަމޭ ކެންސަރު ޖެހޭ މީހުންގެ 80 އިންސައްތަ އަކީ ހެޕަޓައިޓިސް ބަލި ޖެހުމުގެ ސަބަބުން ކެންސަރަށް މަގުފަހިވާ މީހުން
މައިމީހާގެ ފަރާތުން އާއްމުކޮށް ޖެހެނީ ހެޕަޓައިޓިސް ބީ
ރާއްޖޭގައި ހެޕަޓައިޓިސް ބަލި ކޮންޓްރޯލް ކުރުމަށް ގިނަ މަސައްކަތްތައް ކުރޭ

ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއެރުވުމަށް އެއިރެއްގައި އޮންނަ ސަރުކާރަކުން ވަރަށް މަސައްކަތް ކުރެއެވެ. އެއީ ރައްޔިތުންނާއި ގާތުން ޚިދުމަތް ދޭން އޮންނަ ދާއިރާއަކަށް ވެފައި، ސިއްހީ ޚިދުމަތް އެކަށީގެންވާ ވަރަށް ރައްޔިތުންނަށް ފޯރުކޮށްނުދެވިއްޖެނަމަ މުޅި ގައުމު ވެސް ފެއިލްވާނެތީއެވެ. އެކިގޮތްގަތުން ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން ރާއްޖޭގައި ނައްތާލެވިފައިވާ ބައްޔެއް އިތުރަށް ރާއްޖޭގައި ފެތުރިގެން ނުދާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމާއި، ގައިން ގަޔަށް ނާރާ ބަލިތައް ނައްތާލުމަށް ގިނަ މަސައްކަތްތައް ކުރެއެވެ. އަދި ނައްތާލެވިފައިވާ ބަލިތަކުގެ ލިސްޓް އިތުރު ކުރުމަށް ވެސް ރާއްޖެއިން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލް ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ރާއްޖެއިން މިހާރު އަމާޒު ހިފާފައިވަނީ 2030 ގެ ނިޔަލަށް ހެޕަޓައިޓިސް ބީ އަދި ސީ ނައްތާލުމަށެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހެޕަޓައިޓިސް ބަލި މަދު ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ 2030ގެ ނިޔަލަށް އަލަށް ބަލިޖެހޭ މީހުންގެ ނިސްބަތް 90 އިންސައްތަ ދަށް ކުރުމެވެ. އަދި 2023 ނިމުމުގެ ކުރިން ހެޕަޓައިޓިސް ބީ މައިންގެ ފަރާތުން ދަރިފުޅަށް ވަސިލުނުވާ ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށް ރާއްޖެއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި އަމާޒަށް ވާސިލްވުމަށް ސިއްހީ ޚިދުމަތްތެރިންގެ އިތުރުން އާންމު ރައްޔިތުންގެ ފަރާތުން ވެސް އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވެއެވެ.

ހެޕަޓައިޓިސްއަކީ ފަރަމޭ ދުޅަވުމެވެ. ވައިރަލް ހެޕަޓައިޓިސްއަކީ ވައިރަހެއްގެ ސަބަބުން މޭގަނޑު ނުވަތަ ފުރަމޭ ދުޅަވުމެވެ. އެންމެ ގިނައިން ފުރަމޭ ފުޅަވަނީ އެކި ބާވަތްތަކުގެ ވައިރަސްގެ އަސަރު ފުރަމޭއަށް ކުރުމުންނެވެ. ހެޕަޓައިޓިސް ޖައްސާ މައިގަނޑު 5 ވައްތަރެއްގެ ވައިރަސް ހުރެއެވެ. އެއީ ހެޕަޓައިޓިސް އޭ، ބީ، ސީ، ޑީ، އަދި އީ، އެވެ. ހެޕަޓައިޓިސްގެ ވައްތަރުތަކުގެ ތެރެއިން އެންމެ ނުރައްކާތެރިކަން ބޮޑު ވައްތަރުތަކަކީ ހެޕަޓައިޓިސް ބީ އަދި ހެޕަޓައިޓިސް ސީ އެވެ.

މީގެ އިތުރުން ފުރަމޭ ކެންސަރު ޖެހޭ މީހުންގެ 80 އިންސައްތަ އަކީ ހެޕަޓައިޓިސް ބަލި ޖެހުމުގެ ސަބަބުން ކެންސަރަށް މަގުފަހިވާ މީހުންނެވެ. ދުނިޔޭގައި މިވަގުތުވެސް 354 މިލިއަން މީހުން ހެޕަޓައިޓިސް ބީ ނުވަތަ ސީ ޖެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ދުނިޔޭގައި ދުވާލަކު ގާތްގަނޑަކަށް 3000 މީހުން ވައިރަލް ހެޕަޓައިޓިސް ޖެހިގެން މަރުވެއެވެ. މިވައިރަހުގެ ސަބަބުން ފަރަމެއަށް ޖެހޭ ބައެއް ބަލިތައް ދިގު މުއްދަތަކަށް ދެމިހުރުމާއި އެކު ފުރާނައަށް ނުރައްކާތެރިވެއެވެ. ހެޕަޓައިޓިސް ބައްޔަކީ ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަނެވިއްޖަނަމަ ފަރުވާކޮށް ފަސޭހަކުރެވިދާނެ ބައްޔެކެވެ. ނަމަވެސް ހެޕަޓައިޓިސް ބައްޔަކީ ބަލީގެ ކުރީކޮޅުގައި ބަލި ދެނެގަނެވިއްޖެނަމަ ފަރުވާކޮށް ފަސޭހަ ކުރެވިދާނެ ބައްޔެކެވެ.

އިންސާނާ ދިރިހުރުމުގައި ބޭނުންވާ ފައްސަތޭކައެއްހާ ގިނަ މަސައްކަތް ކޮންމެ ދުވަހަކު ހަށިގަނޑުގެ ތެރޭގައި ފުރަމޭ ފުރިހަމަކޮށްދެއެވެ. އެހެންކަމުން ފަރަމޭއަށް ގެއްލުންވުމަކީ އިންސާނާގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމެކެވެ. އެހެންކަމުން މިބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރަންޖެހެއެވެ.

ހެޕަޓައިޓިސް ވައިރަސް ފެތުރިދާނެ ގޮތްތަކަށް ބަލާއިރު، ރައްކާތެރި ނޫން ގޮތަށް ސިރިންޖާއި ކަށިފަދަ ތަކެތި ބޭނުން ކުރުމާއި، ޖިންސީ ގުޅުމުންނާއި، މައިމީހާގެ ފަރާތުން ދަރިފުޅަށް ވާރުތަވުން، ބަލިޖެހިފައިވާ މީހެއްގެ ލޭ ސަލާމަތުންހުރި މީހެއްގެ ލޭގެ ތެރެއަށް ދިއުން، ހެޕަޓައިޓިސް އޭ އާއި އީ އާންމުކޮށް ޖެހެނީ ބަލިޖެހިފައިވާ މީހެއްގެ ބޮޑު ކަމުހދާ ތަކެތީގެ އަސަރުކޮށްފައިވާ ފެނާއި ކާނާ ބޭނުން ކުރުމުގެ ސަބަބުންނެވެ. އަދި ހެޕަޓައިޓިސް ބީ އާއި ސީ އަދި ޑީ ޖެހެނީ މި ވައިރަހުގެ އަސަރުކޮށްފައިވާ ލެއިން ނުވަތަ ޖިންސީ ގުޅުމުގެ ސަބަބުންނެވެ. މައިމީހާގެ ފަރާތުން އާއްމުކޮށް ޖެހެނީ ހެޕަޓައިޓިސް ބީ އެވެ. ނަމަވެސް ވަރަށް މަދުން ނަމަވެސް ހެޕަޓައިޓިސް ސީ ޖެހޭ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މައުލޫމާތުދެއެވެ.

މީގެ އިތުރުން ހެޕަޓައިޓިސް ބީ، ސޯ، އަދި ޑީ އިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ހެޕަޓައިޓިސް ވެކްސިން ޖެހުން މުހިންމެއެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ހެޕަޓައިޓިސް އޭ ، ބީ އަދި އީ އަށް ވެކްސިން ހޯދިފައިވާއިރު، ހެޕަޓައިޓިސް ޑީ ޖެހުމުގެ ނުރައްކާ ބޮޑީ ކުރިންވެސް ހެޕަޓައިޓިސް ބީ ޖެހިފައިވާ މީހުންނަށެވެ. އެހެންކަމުން ހެޕަޓައިޓިސް ބީ ޖެހިފައިނުވާ މީހެއްނަމަ ހެޕަޓައިޓިސް ބީއަށް ޚާއްސަ ކުރެވިފައިވާ ވެކްސިން ބޭނުން ކުރެވިދާނެ އެވެ. އަދި އެކަކު ބޭނުން ކޮށްފައި ހުންނަ ރޭޒަރު، ސިރިންޖު/ކަށި ދައްތައުނގުޅާ ބުރުސް ފަދަ ތަކެތި ބޭނުން ނުކުރުމާއި، ބަނޑުގައިވާ ދަރިފުޅު ބަލިން ރައްކާތެރިކުރުމަށް މާބަނޑު ދުވަސްވަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި ބައްޔަށް ޓެސްޓުކުރުމާއި، ހަށިގަނޑުގ އެކި ތަންތަން ތޮރުފާ އަދި ޓެޓޫ ޖަހަން ބޭނުންކުރާ ސާމާނަކީ ޖަރާސީމު ނައްތާލެވިފައިވާ ސާފު ތަކެތިކަމުގައި ޔަގީންކުރުމާއި، ޖިންސީ ގުޅުން ހިންގާއިރު ހުރަސް ބޭނުން ކުރުމުގެ އިތުރުން ލޭއެޅުމުގެ ކުރިން އަބަދުވެސް ހެޕަޓައިޓިސްއަށް ޓެސްޓު ކުރަންޖެހެއެވެ.

ހެޕަޓައިޓިސް އޭ އާއި އީ އިން ރައްކާތެރިވުމަށް ގިނަގިނައިން އަތްދޮވުމާއި ކާތަކެތި ރަނގަޅަށް ދޮވެގެން ނުވަތަ ކައްކައިގެން ބޭނުންކުރުމާއި ރައްކާތެރި ގޮތުގައި ބޯފެން ބޭނުންކުރުމާއި އާއްމު ސާފުތާހިރު ކަމަށް ރައްކާތެރިވުން މުހިންމެވެ.

ރާއްޖޭގައި ހެޕަޓައިޓިސް ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގެ ތެރޭގައި ވެކްސިން ދިނުން، އާއްމުންނާއި މި ބަލީގައި ދިރިއުޅެމުންދާ މީހުންގެ މެދުގައި ހޭލުންތެރިކަން އިތުރު ކުރުމާއި، އަދި އަވަހަށް ބަލި ދެނެގަނެ ފަރުވާ އަވަހަށް ފޯރުކޮށްދިނުމުގެ މަސައްކަތް ހިމެނެއެވެ. އަދި ފައިބްރޯ ސްކޭން ބޭނުންކޮށް މި ބަލި ދެނެގަތުމުގެ ވަސީލަތް އައިޖީއެމްއެޗް ގައި ވަނީ ގާއިމް ކުރެވިފައެވެ.

އެޗްޕީއޭއިން މައުލޫމާތުދޭ ގޮތުގައި ދުނިޔޭގެ 81 އިންސައްތަ ތުއްތު ކުދިންނަށް މިހާރު ވަނީ ހެޕަޓައިޓިސް ބީ ގެ ވެކްސިން ދެވި މިބަލި ޖެހުމުގެ ނުރައްކަލުން ސަލާމަތް ކުރެވިފައެވެ. ރާއްޖޭގައި 95 އިންސައްތަ ކުދިންނަށް ހެޕަޓައިޓިސް ބީ ގެ ޑޯޒް ފުރިހަމަކޮށް ވެކްސިން ދީފައިވެއެވެ. މީގެ ސަބަބުން ރާއްޖޭގައި ބަލި ތަހައްމަލްކުރަމުންދާ ނުވަތަ ބައްޔަށް ހުށަހެޅޭ މީހުންގެ އަދަދު މަދު ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި މިބަލި ޖެހުމުގެ ފުރުސަތު ކުޑަ ކުރުމަށް މާބަނޑު މީހުން ސްކްރީން ކުރުމާއި، މައިންގެ ފަރާތުން ދަރީންނަށް ވާރުތަ ކުރުމުން ރައްކާތެރިވުމަށް މަސައްކަތް ކުރެވެއެވެ. މިބަލި ދެނެގަންނާނެ ގޮތްތަކާއި ވެކްސިންގެ ޚިދުމަތް ހުރިހާ ސިއްހީ އިދާރާތަކުން ލިބެން ހުރެއެވެ.

ރާއްޖެއިން މިބަލިން ނައްތާލުމަށް މަސައްކަތް ކުރަމުންދާއިރު، އާންމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވެއެވެ. ސިއްހީ މާހިރުން ދެއްވާ ލަފައާ އެއްގޮތަށް އަމަލުކޮށް، ބަލިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަންޖެހެއެވެ. މާޒީއަށް ބަލާއިރު، ރައްޔިތުންގެ ފުރިހަމަ އެއްބާރުމާއެކު ރާއްޖެއިން ވަނީ ގިނަ ބަލިތަކެއް ނައްތާލާފައެވެ. އެގޮތުން ނައްތާލި ބައެއް ބަލިތަކުގެ ތެރޭގައި މެލޭރިއާ އާއި ފައިލޭރިއާ، ޕޯލިއޯ މީސަލްސް ނުވަތަ ހިމަބިހި، ރުބެއްލާ އާއި ލެޕްރަސީ ވެސް ވަނީ ކޮންޓްރޯލް ކޮށްފައެވެ. އަދި މަންމަގެ ފަރާތުން ދަރިފުޅަށް އަރާ އެޗްއައިވީ އަދި ސިފިލިސް ވެސް ވަނީ އެލިމިނޭޓްކޮށްފަ އެވެ. އެހެންކަމުން 2023 ނިމުމުގެ ކުރިން ހެޕަޓައިޓިސް ބީ މައިންގެ ފަރާތުން ދަރިފުޅަށް ވަސިލުނުވާ ގައުމެއްގެ ގޮތުގައި ކަނޑައެޅުމަށް ކުރަމުންދާ މަސައްކަތް ވެސް ކާމިޔާބު ކުރެވިދާނެއެވެ. އަދި 2030 ގެ ނިޔަލަށް ނުވަތަ އެއަށްވުރެ ވެސް އަވަހަށް ހެޕަޓައިޓިސް ބީ އަދި ސީ ނައްތާލެވިފައިވާ ގައުމުތަކުގެ ލިސްޓަށް ރާއްޖޭގެ ނަން އިތުރުވެގެން ދިއުމަކީ ދުރުގައި އޮތް ކަމެއް ނޫނެއެވެ.

- ކޮމެންޓް