ކ. މާލެ
|
30 އޭޕްރިލް 2023 | އާދީއްތަ 07:06
ކޮވިޑަށް ޓެސްޓުކުރުން
ކޮވިޑަށް ޓެސްޓުކުރުން
ރާއްޖެއެމްވީ
ކޮވިޑް-19 އިތުރުވުން
ކޮވިޑް ކޭސްތައް މަދެއް ނުވި، ފަރުވާކުޑަނުކުރޭ!
ރާއްޖެއިން 186،241 ކޮވިޑް ކޭސް ވަނީ ފެނިފައި
ކޮވިޑް ކޭސްތައް ދަނީ އިތުރުވަމުން

ދުނިޔެއިން ކޮވިޑް-19 ފެނުނުތާ މިހާރު 3 އަހަރު ވެފައިވާއިރު، އެހެން ގައުމުތަކެކޭވެސް އެއްފަދައިން ރާއްޖެއިންވެސް ކޮވިޑްގެ ގިނަ ކޭސްތަކެއް ވަނީ ފެނިފައެވެ. މި ތިން އަހަރުތެރޭގައި ރާއްޖެއިން 186،241 ކޮވިޑް ކޭސް ވަނީ ފެނިފައެވެ.

މިހާތަނަށް އައިއިރު އިންތިހާއަށް ކޮވިޑް ފެތުރުނު ދުވަސްތަކެއް އަތުވެއްޖެއެވެ. އަދި ވަރަށް ބޮޑަށް ބަލި ކޮންޓްރޯލްކުރެވި އަނެއްކާވެސް ކޭސްތައް އިތުރުވާންފެށި ދުވަސްތަކެއްވެސް ފެނިއްޖެއެވެ. މިހާރު އަނެއްކާވެސް މިވަނީ އެފަދަ ހާލަތެއްގައެވެ. މިއަހަރު ފެށުނުއިރު ރާއްޖެއިން ފެނުނު ކޮވިޑް ކޭސްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އެހެންނަމަވެސް މިހާރު ކޮވިޑް ކޭސްތައް ދަނީ އިތުރުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އެންމެ ފަހުންވެސް ހަފްތާއެއްތެރޭގައި 199 ކޭސް މުޅި ރާއްޖެއިން ފެނިފައިވާކަމަށެވެ. މި ދުވަސްވަރަކީ ރޯގާ ވަރަށް އާންމުވެފައިވާ ދުވަސްވަރެއް ނަމަވެސް ރޯގާ ޖެހޭ ކޮންމެ މީހަކު ޓެސްޓެއް ނުހަދާނެއެވެ. އެހެންކަމުން ހީކުރާ ވަރަށްވުރެވެސް ބޮޑަށް ކޮވިޑް ފެތުރިފައި އޮވެދާނެއެވެ.

މިފަދަ ހާލަތެއްގައި އިސްކަންދޭންޖެހެނީ އަމިއްލަ ނަފްސު ސަލާމަތްކޮށް ބަލި ފެތުރުން ކޮންޓްރޯލްކުރުމަށެވެ. މި ދަނޑިވަޅުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ނެތްނަމަވެސް އަމިއްލައަށް ކުރެވޭނެ ކަންކަން ގިނައެވެ. ސިއްހީ އެހީ ހޯދުމާއި، ކޮވިޑަށް ޓެސްޓުކުރުމާއި އެކަހެރިވުމާއި، މާސްކު އަޅައިގެން އުޅުން ފަދަ ކަންކަން ކުރެވޭނެއެވެ. ވަކިން ޚާއްސަކޮށް ވެކްސިން ނުޖަހާނަމަ ވެކްސިން ފުރިހަމަކުރުން މުހިންމެވެ. ވެކްސިނަކީ އަމިއްލަ ނަފްސު ސަލާމަތްކޮށްދީ، ތިމާގެ ފުށުން ކައިރީގައި އުޅޭ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ހަނިކޮށްދޭ އެއްޗެކެވެ.

އެއްވެސް ކޮންޓްރޯލެއްނެތި ކޮވިޑް ފެތުރިގެންދާނަމަ އިންތިހާ ބޮޑު ނުރައްކަލަކާ އަނެއްކާވެސް ކުރިމަތިލާންޖެހިދާނެއެވެ. އެހެންކަމުން މިހާރަށްވުރެ ބޮޑަށް މިކަމާ މެދު ސަމާލުވާން ސިއްހީ މާހިރުންވެސް ދަނީ އެދެމުންނެވެ. އެންމެން އެކުގައި މަސައްކަތްކޮށްފިނަމަ އަނެއްކާވެސް މި ބަލި ފެތުރުން ކޮންޓްރޯލްކުރެވިދާނެއެވެ. ބަލީގައި ދުނިޔެ ދޫކޮށް ދާ މީހުން މަދުކުރެވިދާނެއެވެ.

- ކޮމެންޓް