ކ. މާލެ
|
28 ޖުލައި 2023 | ހުކުރު 13:06
ހުކުރު ނަމާދު
ހުކުރު ނަމާދު
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
"އަނިޔާވެރި އަރާރުންވާ ބަޔަކަށް ވެއްޖެނަމަ މުޖުތަަމައަށް ކާމިޔާބީއާ ހަމައަށް ވާސިލްވުން އެކަށީގެން ނުވޭ"
ހުކުރު ހުތުބާގައި އިސްލާމީ އަޚުވަންތަކަމާއި އެއްބައިވަންތަކަމާއި ބެހޭ ގޮތުން ވަނީ އިރުޝާދު ދީފަ
ހުތުބާގައި ވަނީ އެއްބަނޑުއެއްބަފާ އަހުންތަކެއް ކަމުގައި ވުމަށް ވެސް އިރުޝާދު ދީފަ
އިސްލާމް ދީނަކީ އުޙްވަތްތެރި ދީނެއް ކަމަށާއި އެއީ އޯގާތެރިކަމާއި، ރަހުމާއި ހަމްދަރުދީގެ ދީން ކަމަށް ހުތުބާގައި ވަނީ ބުނެފައި

މުޖުތަމައުގެ އަފްރާދުންނަކީ އެކަކު އަނެކަކަށް އަނިޔާވެރި އަރާރުންވާ ބަޔަކަށް ވެއްޖެނަމަ ކާމިޔާބީ އާއި ހަމައަށް ވާސިލްވުމަކީ އެ މުޖުތަމަައުއަކާއި އެކަށީގެންވާ ކަމެއް ނޫން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުރު ޚުތުބާގައި ވަނީ އިސްލާމީ އަޚުވަންތަކަމާއި އެއްބައިވަންތަކަމާއި ބެހޭ ގޮތުން އިރުޝާދު ދީފައެވެ. ހުތުބާގައި ވަނީ އެއްބަނޑުއެއްބަފާ އަހުންތަކެއް ކަމުގައި ވުމަށް ވެސް އިރުޝާދު ދީފައެވެ. މުއުމިނުންނަކީ އަހުންތަކެއް ކަމަށާއި ދެ އަހުންގެ މެދުގައި ސުލްޙަކުރުމަށް ނަސޭހަތްތެރިވުމަށް ﷲގެ ވަހީބަސްފުޅުތަކުން ބާރުލިބޭކަމަށް ހުތުބާގައި ވަނީ ބުނެފައެވެ. މީގެ އިތުރުން އިސްލާމް ދީނަކީ އުޙްވަތްތެރި ދީނެއް ކަމަށާއި އެއީ އޯގާތެރިކަމާއި، ރަހުމާއި ހަމްދަރުދީގެ ދީން ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިވުމާއި ގެއްލުން ދިނުމަކީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އެ ރިވެތި އުސޫލަށް އިސްލާމް ދީން ސަމާލުކަން ދެނީ އޭގެ ފަހަތުގައި ސިއްރުތަކެއް ހުރުމުން ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން މުޖުތަމައު ބިނާކުރުމުގައި އުޙްވަތްތެރިކަމާއި އެއްބައިވަންތަކަމުގެ ދައުރު ބޮޑު ކަމަށް ވަނީ ބުނެފައެވެ. ތާރީޚަށް ބަލާލުމުން ވެސް މުޖުތަމައުގައި އަރާރުންވާ ނަމަ ކާމިޔާބު ނުލިބޭނެކަން އެނގޭ ކަމަށް ޚުތުބާގައިވެއެވެ. އިސްލާމީ އުއްމަތުގެ ކުރީކޮޅު މުސްލިމުންނަށް ނަސްރަކަށް ފަހު ނަސްރެއް ލިބުނީ، އެބައި މީހުންގެ ހިތުގައި އޮތް އީމާންކަމާއި، އަހުވަންތަކަމާއި، އެބައިވަންތަކަމުގެ ސަބަބުން ކަމަށް ޚުތުބާގައިވެއެވެ. އިސްލާމީ އުއްމަތް ރޫޅި ބައިބައި ވެގެން ދިޔައީ މުސްލިމުންގެ މެދުން އެކަން ނެތިގެން ދިއުމުން ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި އަހުވަންތަކަން ދެމެހެއްޓުމަށް އިސްލާމް ދީން ވަރަށް ބޮޑަށް ބާރު އަޅާކަން ފާހަގަކޮށް ޚުތުބާގައި ބުނެފައި ވަނީ އެކަމަށް ހުރަސް އަޅާ ކޮންމެ ކަމެއް ވެސް އިސްލާމް ދީނުގައި މަނާކުރައްވާފައިވާ ކަަމަށެވެ. އެއްބައިވަންތަކަމަށް ހުރަސް އެޅޭ ކަންކަން ވެސް ޚުތުބާގައި ވަނީ ބުނެދީފައެވެ. އެކަކު އަނެކަކަށް މަލާމާތް ކުރުމާއި ފުރައްސާރަކުރުމަކީ އެއްބައިވަންތަކަމަށް ހުރަސް އެޅޭ ކަންކަން ކަމަށް ޚުތުބާގައިވެއެވެ.

މީގެ އިތުރުން އެކަމާ މެދު އެނގުމެއް ނުވާ ކަންކަމުގެ ވާހަކަ ނުދެއްކުމަށާއި، ދުލުގެ ނުރައްކާތެރިކަމުން ސަލާމަތްވުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ތިމާއަށް އެދޭ ރަނގަޅު ކަންތައްތައް ތިމާގެ މުސްލިމް އަހާ އަށް ވެސް ލިބުމަށް އެދުމަށާއި، ދިމާ އެއްްބައިވަންތަކަމަށް ވާސިލްކޮށްދޭ ކޮންމެ ކަމެއް ކުރުމަށް އަޒުމް ކަނޑައެޅުމަށް ޚުތުބާގައި ވަނީ އިރުޝާދު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް