އާދަޔާ ޚިލާފަށް ފަލަވެ ހަށިގަނޑުގެ ބަރުދަން، އިސްކޮޅާއި ރޫފައަށް އެކަށޭނަ މިންވަރަށް ވުރެ އެތައް ގުނައެއް އިތުރުވުން ނުވަތަ އޮބީސިޓީއަކީ އެކަމުގެ ތަކުލީފުތައް، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު އުފުލަމުން ދާ ކަމެކެވެ. އޮބީސިޓީއަކީ މީހެއްގެ އަމިއްލަ އިޚުތިޔާރުގައި ޚިޔާރު ކުރާނެ ކަމެއް ނޫނެވެ. އަމިއްލަ އިޚުތިޔާރަކާ ނުލާ އާދަޔާ ޚިލާފަށް ފަލަވެ، ބަރުވުމުގެ މައްސަލައާ ބައެއް މީހުންނަށް ކުރިމަތިލާން އޮންނަނީ މަޖުބޫރުވެފައެވެ. ހަށިގަނޑުގައި އެކުލެވޭ ޖީންތަކާއި އެނޫންވެސް އެފަދަ ކަންކަމުގެ ހިއްސާ އެކަމުގައި އޮވެއެވެ.
ޖަރުމަނުވިލާތުގެ މިއުނިކްއަށް އުފަން އިރީނާ އަރންސްޓްބެއަޣަރ، ދާދި ފަހަކާ ޖެހެންދެން އޭނާގެ މުޅި އުމުރު ހުސްކުރަމުން ދިޔައީ އާދަޔާ ޚިލާފަށް ފަލަ، ބަރުހެލި މީހެއްގެ ގޮތުގައެވެ. ކޮންމެ ކަހަލަ ޑައެޓެއް ކުރި ކަމުގައި ވީ ނަމަވެސް، އިރީނާގެ އަތުގައި ނަސީބު ހިފާ ގޮތެއް ނުވިއެވެ. ނަމަވެސް، 2022 ވަނަ އަހަރު ވެގެން ދިޔައީ އެކަން ބަދަލު ކޮށްލި އަހަރަކަށެވެ. އާދަޔާ ޚިލާފަށް ފަލަވުމުގެ ބަލި ނުވަތަ އޮބީސިޓީއާ ދެކޮޅަށް ބޭނުން ކުރާ ޑްރަގެއް ކަމަށް ވާ އޯޒެމްޕިކްއަށް، އިރީނާގެ ސަބަބުން އާ ޢުއްމީދެއް ގެނެސްދިނެވެ.
އަހަރެންގެ މުޅި ހަޔާތުގަވެސް ބަރުދަނުގެ މައްސަލައާ ކުރިމަތިލާން ޖެހުނު. ބައެއް ދުވަސްވަރަށް އެ މައްސަލަ ވަރަށް ބޮޑުވޭ. އަނެއް ބަހި ފަހަރު ދަށްވޭ. އެކި ކަހަލަ ޑައެޓްތައް ކުރިން. ބަރުދަން ބަލަހައްޓާ އެކި ކަހަލަ އާލާތްތައް ބޭނުން ކުރިން. ޒީރޯ-ކެލަރީ ޑައެޓްތަކުގަވެސް އުޅުނިން. އަހަރެންގެ ބަރުދަން ދިޔައީ ހޫރެމުން. މައްޗަށް ތިއަށް، މައްޗަށް ތިރިއަށް. ޔޯޔޯއެއްހެން. އެއް ފަހަރަށް ވުރެ އަނެއް ފަހަރު ބާނި ބޮޑުވޭއިރީނާ އަރންސްޓްބެއަޣަރ؛ އާދަޔާ ޚިލާފަށް ފަލަވުމުގެ ބަލި ތަޙައްމަލު ކުރި މީހެއް
ހަކުރު ބަލީގެ ވައްތަރެއް ކަމަށް ވާ ޓައިޕް-ޓޫ ޑައެބީޓިޒް ހުންނަ މީހުންގެ ފަރުވާއަށްވެސް ބޭނުން ކުރާ އޯޒެމްޕިކްއަކީ އިންޖެކްޝަންއެކެވެ. އޯޒެމްޕިކްގެ ފަރުވާގެ ދަތުރުގައި އިރީނާގެ ހަށިގަނޑުން 18 ކިލޯގްރާމް ލުއިކޮށްލެވުނެވެ.
އިރީނާ އޯޒެމްޕިކް ބޭނުން ކުރީ 7 މަސް ދުވަހުގެ މުއްދަތަށެވެ. އޯޒެމްޕިކް ބޭނުން ކުރަން ފެށި ފުރަތަމަ ހަފުތާގެ ތެރޭގައި، އަސަރު ފެންނަން ފެށިއެވެ. އިރީނާ ކިޔައިދިން ގޮތުގައި، އެ ޑްރަގްގެ ސަބަބުން، ބަނޑުހައިވާ ކަމުގެ އިޙުސާސް ކުޑަކޮށްދޭން ފެށިއެވެ. އަދި ބަނޑު ފުރިފައި ހުންނަ ކަމުގެ އިޙުސާސްވެސް ކޮށްދެއެވެ.
މި ބޭހާއެކީ ބަނޑުހައިވާ މިންވަރު ކުޑަކޮށްދޭ ކަމުގެ އިޙުސާސް ހަށިގަނޑަށް ކުރުވާ. ހަމަ އެގޮތަށް، ބަނޑު ފުރިފަ ހުންނަ ކަހަލަ ގޮތެއްވެސް ހީވޭ. ބަނޑުފުރިފަ ހުންނަ އިޙުސާސް ކުރުވާލެއް ތަންކޮޅެއް ލަސް. ފުރަތަމަ ކޮޅު އެކަމަށް އާދަވާން ޖެހޭނެ. އެއީ ހަމަ ކެވޭނެތީ. އާދަޔާ ޚިލާފަށް ފަލަ މީހަކަށް ވީމަ، އެބަ ކެވޭ ކާންޖެހޭ ވަރަށް ވުރެ ގިނައިން. ބަނޑު ފުރުނީމަވެސް އެބަ ކެވޭ. މި ތެރަޕީ ފަށާ ހިސާބުންވެސް އެބަ އެނގުންވާން ފަށާ. ބަނޑު ފުރޭ ކަމުގެ އިޙުސާސް ކޮށްދޭ. އިތުރަށް ދެން ނުކުވޭ ވަރުވޭއިރީނާ އަރންސްޓްބެއަޣަރ؛ އާދަޔާ ޚިލާފަށް ފަލަވުމުގެ ބަލި ތަޙައްމަލު ކުރި މީހެއް
ހަށިގަނޑުގެ ބަރުދަނުގައި މިހާރު 60 ކިލޯގްރާމް ހުރި އިރީނާ، އޯޒެމްޕިކް ބޭނުން ކުރުން ހުއްޓާލީ މީގެ 3 މަސް ދުވަސް ކުރިންނެވެ. އިރީނާގެ މިހާރުގެ މަސައްކަތަކީ، ހަށިގަނޑު އެ ހުރި ބަރުދަނުގައި ހިފަހައްޓާލުމެވެ. ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް އިރީނާ ހޯދި އޯޒެމްޕިކްގެ ފަރުވާއަކީ އޭނާގެ އަތުގައި އޮތް އިންޝުއަރަންސް ސްކީމުން ކަވަރުކޮށްދިން ފަރުވާއެއް ނޫނެވެ. އަމިއްލަ ޖީބުން ޚަރަދު ކުރަން މަޖުބޫރުވިއެއް ކަމަކު، އެއީ ހަމަ އެންމެ އެކަށީގެންވާ 'އިންވެސްޓްމަންޓް' އެއް ކަމަށް އިރީނާ ޤަބޫލު ކުރެއެވެ.
މީ ހަމަ އިންވެސްޓްމަންޓެއް. ޒަމާނީ ގޮތަށް ބުނަންޏާ މީ ރަނގަޅު އިންވެސްޓްމަންޓެއް. ތެދެއް ވަރަށް އަގުބޮޑު. ބޭހުގެ ޚަރަދު އެކަންޏެއް ނޫން. ލާން ގެންގުޅޭ ހެދުންތައްވެސް އެކީއެއްޗަކަށް މި ޖެހެނީ ބަދަލު ކުރަން. އެކަމަކު، ހެދުންތައް ބަދަލުކޮށްލުމަކީ ވަރަށް މަޖާ ކަމެއްއިރީނާ އަރންސްޓްބެއަޣަރ؛ އާދަޔާ ޚިލާފަށް ފަލަވުމުގެ ބަލި ތަޙައްމަލު ކުރި މީހެއް
ބަރުދަން ލުއި ކުރުމަށް ބޭނުން ކުރާ ޑްރަގެއް ކަމަށް ވާ އޯޒެމްޕިކްއާ އެއްގޮތަށް، މިހިނގާ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން ޖަރުމަނުވިލާތުގައި ލިބެން ފަށާނެއެވެ. އެ ބޭހަށްވެސް ގިނަ ބައެއްގެ ޑިމާންޑް އޮންނާނެ ކަމަށް ޖަރުމަނުވިލާތުގެ ޑޮކްޓަރުން ޤަބޫލު ކުރެއެވެ. ނަމަވެސް، އިންޝުއަރަންސް ސްކީމްތަކަށް ބަލާއިރު، ޖަރުމަނުވިލާތުގެ 90 ޕަސެންޓް ޕޭޝަންޓުންނަށް، އެ ފަރުވާއަށްވެސް ޚަރަދު ކުރަން މަޖުބޫރުވާނީ އަމިއްލަ ޖީބުންނެވެ.
އޮބީސިޓީ ނުވަތަ އާދަޔާ ހިލާފަށް ފަލަވުމަކީ ހަމަ އެކަނި އެމީހެއްގެ ބަރުދަނަށް ބަލައިގެން ނިންމަން ވީ ކަމެއް ނޫން ކަމަށާ، އެއީ އެމީހެއްގެ މުޅި ސިއްހަތުގެ މުރާޖައާ އަކަށް ބަލައިގެން ކަނޑައަޅަންވީ ކަމެއް ކަމަށް، 2020 އަނަ އަހަރު ކެނެޑާގައި އަލަށް އެކުލަވާލި ކްލިނިކަލް ގައިޑްލައިންސްގައި ވަނީ ބަޔާންކޮށްފައެވެ. މިއާއެކު އާދަޔާ ހިފާލަށް ފަލަވާ މީހުންނަށް ހަމައެކަނި ޑައެޓް ކުރުމާ، ކަސްރަތު ކުރަން އިރުޝާދު ދިނުމުގެ އިތުރަށް، އެހެން ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މި ގައިޑްލައިންގައި ވަނީ ޑޮކްޓަރުންނަށް ގޮވާލާފައެވެ.
އާނ ތެދެއް. އަހަރެން އެބަޖެހޭ ވަރަށް ސަމާލުވާން. މި ވަޤުތު މާ ގަދައަށް ކާހިތެއް ނުވޭ. އެކަމަކު، މިކަމުގެ އެބަ އުޅޭ ބޮލުގެ ކަމެއްވެސް. ކާ އިރު އެބަ ވަރަށް ވިސްނަންޖެހޭ. ފުރުނީމަ ހުއްޓާލަން އެބަޖެހޭ. މި ފަހަރު، މިކަން ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބަ އޮތް އަހަންނަށްއިރީނާ އަރންސްޓްބެއަޣަރ؛ އާދަޔާ ޚިލާފަށް ފަލަވުމުގެ ބަލި ތަޙައްމަލު ކުރި މީހެއް
އާދަޔާ ހިލާފަށް ފަލަވާން ދިމާވި އަސްލު މައްސަލައަކީ ކޮބައިކަން ދެނެގަނެ، ވަށާ ޖެހޭ ގޮތެއްގައި ދުޅަހެޔޮ ސިއްހަތެއް ކަށަވަރު ކުރުމަށް ސަމާލުކަން ދިނުން މުހިންމެވެ. އާދަޔާ ޚިލާފަށް ފަލަވުމަކީ، ޒިންމާދަރުކަން ކުޑަވެ، އަމިއްލަ ނަފުސުގެ މައްޗަށް ބާރު ނުފޯރުވުމުގެ ސަބަބުން މެދުވެރިވާ ހާލަތެއް ކަމުގައި ސިފަކުރެވެމުން އަންނަ އިރު، މިކަމުގެ ނަތީޖާއެއްގެ ގޮތުން އާދަޔާ ހިލާފަށް ފަލަ މީހުންނަށް މުޖުތަމަޢުގެ ތެރޭގައި ލަދާއި ބަދުނާމާއި ފުރައްސާރައާ ކުރިމަތިލާން ޖެހެއެވެ. އެކި ކަހަލަ ތަފާތު ކުރުންތަކާ ކުރިމަތިލާން ޖެހެއެވެ.
އާދަޔާ ހިލާފަށް ފަލަ މީހުންނަކީ، ދާއިމީ އެހެން ބަލިތަކާއެކު ދިރިއުޅޭ އެހެން މީހުން ފަދައިން އެއްބާރުލުން ބޭނުންވާ ބައެކެވެ. ހަމައެކަނި "މަދުން ކެއުމަށާ ގިނައިން ހެލިފެލިވެއުޅުމަށް" އިރުޝާދު ދިނުމުގެ ބަދަލުގައި، ނަފްސާނީ އަދި ޖިސްމާނީ ގޮތުން ފޯރުކޮށްދޭންޖެހޭ އެހީތައް ޙައްޤު ބައެކެވެ.