ކ. މާލެ
|
8 ސެޕްޓެންބަރ 2024 | އާދީއްތަ 12:55
ޑޯނަރ ކަބާބް ގިނަ މީހުންގެ މެދުގައި މީރު ކާއެއްޗެއް
ޑޯނަރ ކަބާބް ގިނަ މީހުންގެ މެދުގައި މީރު ކާއެއްޗެއް
ސޯޝަލް މީޑިއާ
ޑޯނަރ ކަބާބް
ޑޯނަރ ކަބާބުގެ މައްސަލަ - ތުރުކީއާއި ޖަރުމަނުވިލާތާ ދެމެދު ހޫނު ބަހުސެއް!
ތުނިކޮށް ކޮށާފައިވާ މަސްކޮޅުތަކެއް ދައުރުވާ ސިލިންޑަރެއްގައި ބަހައްޓައިގެން ކައްކައިގެން ތައްޔާރުކުރެވޭ މި ކަބާބަކީ ތުރުކީގެ އުފެއްދުމެކެވެ. ނަމަވެސް، ތުރުކީން ޖަރުމަރުވިލާތަށް ހިޖުރަކުރި މީހުންގެ ފަރާތުން މި އުފެއްދުން ޖަރުމަނުވިލާތަށް ތަޢާރަފުކުރެވުމުން، މިހާރު މިއީ އެ ޤައުމުގައިވެސް ވަރަށް މަޤުބޫލު ކާއެއްޗަކަށް ވަނީ ވެފައެވެ. މިހާރު މި ކަބާބާ ބެހޭ ގޮތުން ދެ ގައުމުގެ ދެމެދުގައި ހޫނު ބަހުސެއް އެބަހިނގައެވެ.

މަޝްހޫރު ކާއެއްޗެއް ކަމުގައިވާ، ޑޯނަރ ކަބާބަކީ ކޮބައިކަން ކަނޑައެޅުމުގައި ތުރުކީއާއި ޖަރުމަނުވިލާތާ ދެމެދު ހޫނު ޚިޔާލު ތަފާތުވުމެއް އުފެދިއްޖެއެވެ. މިގޮތުން، ކެއުމަށް ޚާއްޞަ "ހިމާޔަތް" ކުރަން ތުރުކީން ކުރަމުންދާ މަސައްކަތަކާ މެދު ބާރލިން އިން ދަނީ އިއުތިރާޒްކުރަމުންނެވެ.

ތުނިކޮށް ކޮށާފައިވާ މަސްކޮޅުތަކެއް ދައުރުވާ ސިލިންޑަރެއްގައި ބަހައްޓައިގެން ފިހެގެން ތައްޔާރުކުރެވޭ މި ކަބާބަކީ ތުރުކީގެ އުފެއްދުމެކެވެ. ނަމަވެސް، ތުރުކީން ޖަރުމަރުވިލާތަށް ހިޖުރަކުރި މީހުންގެ ފަރާތުން މި އުފެއްދުން ޖަރުމަނުވިލާތަށް ތަޢާރަފުކުރެވުމުން، މިހާރު މިއީ އެ ޤައުމުގައިވެސް ވަރަށް މަޤުބޫލު ކާއެއްޗަކަށް ވަނީ ވެފައެވެ.

މިދިޔަ އޭޕްރިލް މަހު، އިންޓަރނޭޝަނަލް ޑޯނަރ ފެޑެރޭޝަން (ޔޫޑޯފެޑް) އިން ޑޯނަރ ކަބާބަށް ޓްރެޑިޝަނަލް ސްޕެޝަލިޓީ ގެރެންޓީޑް (ޓީއެސްޖީ) ގެ ދަރަޖަ ހޯދުމަށް ޔޫރަޕިއަން ކޮމިޝަނަށް ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ. ޑޯނަރުގައި ބޭނުންކުރެވޭ ވަކި ބާވަތެއްގެ މަހުން ފެށިގެން، މަސް ކޮށުމަށް ބޭނުންކުރާ ވަޅީގެ ބޯމިނާ ހަމައަށް، ޔޫޑޯފެޑްއިން ބޭނުންވަނީ ޑޯނަރުގެ މާނަ ކަނޑައެޅުމުގައި ވަރަށް ހަރުކަށި މިންގަނޑުތަކެއް އެކުލަވާލާށެވެ. މި ހުށަހެޅުން ކާމިޔާބުވެއްޖެނަމަ، ޔޫރަޕިއަން ޔޫނިއަންގެ ވިޔަފާރިތަކަށް މި މިންގަނޑުތަކާ އެއްގޮތަށް ނޫނީ 'ޑޯނަރ ކަބާބް' މި ނަން ބޭނުންކުރުން މަނާވެގެންދާނެއެވެ. މިގޮތުން، އިޓަލީގެ ބުފާލާ މޮޒަރެއްލާ ނުވަތަ ސްޕެއިންގެ ސެރާނޯ ހެމްއަށް ލިބިފައިވާ ފަދަ ދަރަޖައެއް ޑޯނަރ ކަބާބަށްވެސް ލިބިގެންދާނެއެވެ.

ޔޫޑޯފެޑްގެ ހުށަހެޅުމުގައި، ޑޯނަރ ކަބާބު އެންމެ ފުރަތަމަ ތައްޔާރު ކުރެވުނީ އުސްމާނީ ޚިލާފަތުގެ ޒަމާނުގައި ކަމަށް ފާހަގަކޮށްފައިވެއެވެ. މިގޮތުން، 1546 ވަނަ އަހަރުގެ އަތުލިޔުމެއްގައި ފެނިފައިވާ ރެސިޕީއަކަށް މި ހުށަހެޅުމުގައި ހަވާލާ ދީފައިވެއެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން ޖަރުމަނުވިލާތުގައި ބޮޑު ހަމަނުޖެހުމެއް އުފެދިފައިވެއެވެ. ޖަރުމަނުވިލާތުގެ ވެރިރަށް ބަރުލިންއިން ޑޯނަރ ކަބާބަކީ "ބަރުލިންގެ އީޖާދެއް," ކަމަށްވެސް ބުނެއެވެ.

ޑޯނަރ ކަބާބުގެ އެންމެ ދުވަސްވީ ފޮޓޯ ކަމަށް ބުނާ ފޮޓޯ. މި ފޮޓޯ ނަގާފައިވާ ކަމަށް ބެލެވެނީ 1855 ވަނަ އަހަރު އުސްމާނީ ޚިލާފަތުގެ ޒަމާނުގައި - ޖޭމްސް ރޮބަރޓްސަން

"މިކަން ކުރީ ބަރލިންގަ. 1972 ގައި ކާދިރު ނޫރުމަން އަކީ އެންމެ ފުރަތަމަ ޕާނުގެ ތެރެއަށް މަސްކޮޅުތައް އަޅައިގެން މި އުފެއްދި މީހާ، އޭނާ އަކީ ޖަރުމަނުވިލާތުގައި މިހާ މަޤުބޫލުވެފައިވާ ޑޯނަރުގެ ވައްތަރު އީޖާދުކުރި މީހާ," ބަރލިން ވެބްސައިޓުގައި ލިޔެފައިވެއެވެ.

ހަމައެއާއެކު، ޖަރުމަނުވިލާތުގެ އެގްރިކަލްޗަރ މިނިސްޓަރ ސެމް އޯޒްދެމިރް ވިދާޅުވެފައިވަނީ ޑޯނަރަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ އެއްޗެއް ކަމަށާއި، އެ ތައްޔާރުކުރާނެ ގޮތާއި ކާނެ ގޮތް ނިންމުމުގެ މިނިވަންކަން އެންމެންނަށްވެސް އޮންނަންވާނެ ކަމަށެވެ. އަދި ތުރުކީން އެއްވެސް އިރުޝާދެއް މިކަމުގައި ދޭކަށް ނުޖެހޭނެ ކަމަށެވެ.

ޔޫރަޕްގެ ޑޯނަރ އުފެއްދުންތެރިންގެ ޖަމްޢިއްޔާ (އޭޓީޑީއައިޑީ) އިން ބުނާގޮތުގައި، ޔޫރަޕްގައި ވިއްކޭ ޑޯނަރ ކަބާބުގެ ތިންބައިކުޅަ ދެބައި ވިއްކެނީ ޖަރުމަނުވިލާތުގައެވެ. މިގޮތުން، އެ ޤައުމުުމުގެ ޑޯނަރ ވިޔަފާރީގެ އަގަކީ، އަހަރަކަށް 2.4 ބިލިއަން ޔޫރޯ (2.6 ބިލިއަން އެމެރިކާ ޑޮލަރު) އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް