ކ. މާލެ
|
22 ޖުލައި 2023 | ހޮނިހިރު 13:26
ކޫއްޑޫ
ކޫއްޑޫ
މިފްކޯ
މިފްކޯ
މިފްކޯއިން މަސްކިރުވި އަދަދަށް 26 އިންސައްތަ އިތުރުވުމެއް
މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް 40،243 މެޓްރިކްޓަނުގެ މަސް ވަނީ ކިރުވާފައި
669.9 މިލިއަން ރުފިޔާ މިފްކޯއިން ވަނީ މަސްވެރިންނަށް ދޫކޮށްފައި

މިފްކޯއިން މިއަހަރުގެ މިހާތަނަށް ކިރުވި މަހުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 26 އިންސައްތަ އިތުރުވެެއްޖެއެވެ.

މިފްކޯއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ކުންފުނީގެ އެކި ސައިޓުތަކުން މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް 40،243 މެޓްރިކްޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކިރުވާފައިވަނީ 31،981 މެޓްރިކް ޓަނުގެ މަހެވެ.

މިފްކޯގެ ތިން ސައިޓަކުން މަސް ކިރުވަމުން އަންނައިރު، ފެލިވަރު ފިޔަވައި ހުރިހާ ސައިޓަކުންވެސް ކިރުވި މަހުގެ އަދަދު މިއަހަރު ވަނީ އިތުރުވެފައެވެ. އެގޮތުން، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއިން 4،846 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާއިރު، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން 31،046 މެޓްރިކް ޓަނު އަދި އައްޑޫ ފިޝަރީޒް ކޮމްޕެލްކްސްއިން 4،351 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ.

މި މުއްދަތުގެ ތެރޭގައި 669،974،798 (ހަސަތޭކަ ފަސްދޮޅަސް ނުވަ މިލިއަން ނުވަލައްކަ ހަތްދިހަ ހަތަރު ހާސް ހަތްސަތޭކަ ނުވަދިހަ އަށް) ރުފިޔާ މިފްކޯއިން ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 150 މިލިއަނަށްވުރެ ބޮޑު ކުރިއެރުމެކެވެ. 2022 ވަނަ އަހަރު އެ ކުންފުނިން މަސްވެރިންނަށް ދޫކުރީ 515،376،977 (ފަސްސަތޭކަ ފަނަރަ މިލިއަން ތިން ލައްކަ ހަތްދިހަ ހަ ހާސް ނުވަސަތޭކަ ހަތްދިހަ ހަތް) ރުފިޔާއެވެ.

މިފްކޯގެ އެކި ސައިޓުތަކުން ދޫކޮށްފައިވާ ފައިސާގެ އަދަދުތައް ދައްކާގޮތުން ފެލިވަރުން 74،947،300 (ހަތްދިހަ ހަތަރު މިލިއަން ނުވަ ލައްކަ ސާޅީސް ހަތް ހާސް ތިން ސަތޭކަ) ރުފިޔާ ވަނީ މަސްވެރިންނަށް ދޫކޮށްފައެވެ. އަދި ކޫއްޑޫއިން 521،611،193 (ފަސްސަތޭކަ އެކާވީސް މިލިއަން ހަ ލައްކަ އެގާރަ ހާސް ސަތޭކަ ނުވަދިހަ ތިން) ރުފިޔާ ދޫކޮށްފައިވާއިރު، އައްޑޫއިން ދޫކޮށްފައިވަނީ 73،416،305 (ހަތްދިހަ ތިން މިލިއަން ހަތަރު ލައްކަ ސޯޅަ ހާސް ތިންސަތޭކަ ފަސް) ރުފިޔާ ވަނީ ދޫކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް