Advertisement
ކ. މާލެ
|
18 ޖުލައި 2023 | އަންގާރަ 14:36
ޒުވާނުންގެ ހުނަރުގެ ދުވަހުގެ ޕެނަލް ޑިސްކަޝަން
ޒުވާނުންގެ ހުނަރުގެ ދުވަހުގެ ޕެނަލް ޑިސްކަޝަން
ޒުވާނުންގެ ހުނަރުގެ ދުވަސް
"ޒުވާނުންނަށް ހުނަރު ދަސްކުރުމުގެ ފުރުސަތުތައް އެބަހުރި، ޕަރސެޕްޝަން ބަދަލުކުރަން ޖެހޭ"
ޕެނަލް ޑިސްކަޝަންގައި ހަތަރު ބޭފުޅުން ވެސް ވަނީ އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ޒުވާނުންގެ ދައުރު މުހިންމު ކަމަށް ވިދާޅުވެފަ
ބޭނުންވާ ހުނަރުވެރި ޒުވާނުން ނުލިބުމުގެ މައްސަލަ އަދިވެސް ދިމާވޭ
ހަމައެކަނި ޓައި އަޅައިގެން ގޮސް އަދާކުރާ ވަޒީފާ އެއް އަދާކުރުމަށް ކުރާ ކަމެއް ކަމަށް ގަބޫލުކުރާ ގަބޫލުކުރުން ބަދަލުކުރަން ޖެހޭ

ޒުވާނުންނަށް ހުނަރު ދަސްކުރުމުގެ ފުރުސަތުތައް އެބަހުރި ނަމަވެސް ޕަރސެޕްޝަން ބަދަލުކުރަން ޖެހޭކަމަށް ޒުވާނުންގެ ބިނާކުރުމުގެ ދާއިރާ އާއި ޓިވެޓްގެ ދާއިރާގައި މަސައްކަތް ކުރައްވަމުންދާ މަރިޔަމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ޒުވާނުންގެ ހުނަރުގެ ދުވަހުގެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުންނެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ މަސައްކަތުގައި ގިނަ ދުވަހު އުޅުއްވާފައިވާ، މިހާރު ވެސް އެ މަސައްކަތުގައި އުޅުއްވާ ބޭފުޅެއްގެ ހައިސިއްޔަތުން ރާއްޖޭގައި މިހާރު ފުރުސަތުތައް ހުރިކަމަށް ޤަބޫލުކުރައްވާ ކަަމަށް އޭނާ ވިދާޅުވިއެވެ. މަސައްކަތުގެ މާހައުލަށް ޒުވާނުން ގެނައުމަށް ސޯޝަލް މާރކެޓިން ނުވަތަ މައިންޑް ސެޓް، ވިސްނުން ބަދަލުކުރުމުގެ މަސައްކަތަކީ ފޫގަޅާލައިގެން ކުރަންޖެހިފައިވާ މަސައްކަތްތަކެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އަދި ތަޖުރިބާ ހާސިލްކޮށްގެން ކުރިއަށް ދެވިދާނެކަން ޤާބޫލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. މަރީ ވަނީ ސްކޫލް ދައުރުން ފެށިގެން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އެ ދާއިރާ އިން އަދިވެސް ވަރަށް ގިނަ މަސައްކަތް ކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އެ ޕެނަލް ޑިސްކަޝަންގައި ޔޫތް މިނިސްޓްރީގެ ޕޮލިސީ ކޮންސަލްޓަންޓް އަދި ޒުވާނުން ބިނާ ކުރުމުގައި ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ އަހުމަދު ނިޝާމް މުހައްމަދު ވިދާޅުވީ ބޭނުންވާ ހުނަރުވެރި ޒުވާނުން ނުލިބުމުގެ މައްސަލަ އަދިވެސް ދިމާވާ ކަމަށެވެ. މިހާރު ހުރި ހުނަރު ބިނާކުރުމުގެ ޕްރޮގްރާމްތަކަކީ ފެންވަރު ރަނގަޅު ޕްރޮގްރާމްތަކެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ވަޒީފާގެ މާހައުލަށް ނުކުންނަ އިރު ތަޖުރިބާ އާއި ހުނަރު ދަސްވެފައި އޮތުން ވަރަށް މުހިންމު ކަމަށެވެ. އޭނާ ވިދާޅުވީ ޓްރެއިނިންތައް ހިންގާ އިރު އިންޑަސްޓްރީ އިން ބޭނުންވާ ގޮތަށް ހިންގާ ޓްރެއިނިންތަކަކަށް އެ ޓްރެއިނިންތައް ހެދުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. ސަރުކާރުން ކުރިއަށްގެންދާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގެ މުހިންމު ހުރިހާ ދާއިރާ އަކަށް ފޯކަސް ކުރެވިގެން ކުރިއަށްގެންދާ ޕްރޮގްރާމެއް ކަމަށް ނިޝާމް ވިދާޅުވިއެވެ.

Advertisement

އެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ކުޅިވަރާއި ފިޓްނަސްގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަބްދުލްރައްޒާގް ހަލީމް ވަނީ ވަޒީފާގެ މާހައުލާއި މެދު މީހުން ދެކޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ކިޔެވުމަކީ ހަމައެކަނި ޓައި އަޅައިގެން ގޮސް އަދާކުރާ ވަޒީފާ އެއް އަދާކުރުމަށް ކުރާ ކަމެއް ކަމަށް ގަބޫލުކުރާ ގަބޫލުކުރުން ބަދަލުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި ހުނަރުތައް ދިރުވުމާއި، ދިރިއުޅުމުގައި ކާމިޔާބު ބަޔަކަށް ހެދުމަށް ވިސްނުން ބެހެއްޓުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަށް ބެލެނިވެރިން ވެސް ބާރު އަޅަން ޖެހޭ ކަމަށާއި ޒުވާނުންނަށް މަސައްކަތްތެރި ދާއިރާތަކަށް ނުކުންނަން ލިބޭ އެންމެ ބޮޑު ހިއްވަރަކީ އެއީ ކަަމަށް އޭނާ ވިދާޅުވިއެވެ.

އެ ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ސިއްޙީ ދާއިރާގައި މަސައްކަތްކުރައްވާ މަރިޔަމް ޝިފާނާ ހުސައިން ވިދާޅުވީ ޒުވާނުންނަށް ދަސްކޮށްދޭންވީ އެންމެ ހުނަރެއް ނުވަތަ އެންމެ ދާއިރާއަކުން ކަންކަން ދަސްކުރުމުގެ ބަދަލުގައި ގިނަ ހުނަރުތައް ދަސްކުރަން ކަމަށެވެ. ދަސްވާ ހުނަރަކީ އޭގެ ބޭނުން އަބަދުވެސް ހިފޭނެ އެއްޗެއް ކަަމަށާއި އެއީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ހަތަރު ބޭފުޅުން ވެސް ވަނީ އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް ޒުވާނުންގެ ދައުރު މުހިންމު ކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް