ކ. މާލެ
|
13 ޖުލައި 2023 | ބުރާސްފަތި 07:13
ނިއު ދިއްލިއަށް ވާރޭވެހި ފެންބޮޑުވާތީ ރައްކާތެރި ހިސާބުތަކަށް މީހުން ދަނީ
ނިއު ދިއްލިއަށް ވާރޭވެހި ފެންބޮޑުވާތީ ރައްކާތެރި ހިސާބުތަކަށް މީހުން ދަނީ
ރޮއިޓާރސް
އިންޑިޔާއަށް ކުރަމުންދާ ވިއްސާރަ
ނިއުދިއްލީ އަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި
މިހާތަނަށް ހިމާޗަލް ޕްރަދޭޝް އިން 88 މީހުން ވަނީ މަރުވެފައި
ނިއު ދިއްލީ އަށް އަންނަނީ ރިކޯޑް މިންވަރަކަށް ވާރޭވެހެމުން

އިންޑިޔާގެ އުތުރަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ވެރިރަށް ނިއު ދިއްލީގައި ދިރިއުޅެމުންދާ އެތައް ސަތޭކަ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ނިއު ދިއްލީގެ ޗީފް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ފަށާފައިމިވަނީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ނިއު ދިއްލީގައި އޮންނަ ކޯރެއް ކަމުގައިވާ ޔަމުނާ ކޯރު ފުރި ބަންޑުވެގެންދާނެ ކަމުގެ ބިރު އުފެދުމާއި ގުޅިގެންނެވެ. 20 މިލިއަން މީހުން ދިރިއުޅެމުން އަންނަ ނިއު ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލު ވިދާޅުވީ ކޯރުގެ ފެން މިހާރު ވަނީ ނުރައްކާތެރިކަމަށް ކަނޑައަޅާފައިވާ މާކު ފަހަނަ އަޅައި ގޮސްފައިކަމަށާއި މިހާރުވެސް ބައެއް ސަރަހައްދުތައް އޮތީ ފެނު އަޑީގައި ކަމަށެވެ.

ބުދަ ދުވަހު ވަނީ ކޯރާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ މީހުން އެހެން ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި އެމީހުންގެ ތަކެތި ވަނީ އުޅަނދުތަކުގައި ރިލީފް ކޭމްޕްތަކަށް ގެންގޮސްފައެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ކެޖްރިވާލު ވިދާޅުވީ ކޯރުގެ ފެން އަންނަނީ އަދިވެސް މަތިވަމުން ކަމަށާއި މިހާރު ހާލަތު އޮތީ ފެން ބޮޑުވެ އެކަމުގެ ގެއްލުން ކުރިމަތިވާ ހިސާބުގައި ކަމަށެވެ.

ޖޫން 1 ގައި ނިއު ދިއްލީގައި މޫސުން ބަދަލުވިފަހުން ރިކޯޑް މިންވަރަކަށް ވަނީ ވާރޭވެހިފައެވެ. އެގޮތުން ޕުންޖާބަށް މީގެކުރިން ވާރޭވެހޭވަރަށްވުރެ 100 އިންސައްތަ އިތުރަށް ވާރޭވެހިފައިވާއިރު ހިމާޗަލް ޕްރަދޭޝް އަށް ވަނީ 70 އިންސައްތަ އިތުރަށް ވާރޭވެހިފައި ކަމަށް އިންޑިޔާގެ މީޓިއެރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެއެވެ.

ޖޫން 24 ވަނަ ދުވަހުން ފެށިގެން ވާރޭވެހެމުން އަންނައިރު މިހާތަނަށް ހިމާޗަލް ޕްރަދޭޝް އިން 88 މީހުން ވަނީ މަރުވެފައެވެ. އަދި އެތައް ސަތޭކަ ބަޔަކު ދިރިއުޅެމުން އަންނަ ގެތައް ވަނީ ހަލާކުވެފައެވެ.

ނިއުދިއްލީ އަށް ވެސް މިހާތަނަށް ވަނީ އެހެން އަހަރުތަކުގައި ވާރޭވެހޭވަރަށް ވުރެ 112 އިންސައްތަ އިތުރަށް ވާރޭވެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް