ގަދަ ބާރުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ ޔަހޫދީ އިޒްރޭލުން ކުރިމަތިކުރާ ފިއްތުންތަކާއި ދެމުންދާ އަނިޔާތަކުގެ ވާހަކައަކީ މެދުއިރުމަތީގެ ޚަބަރުދަބަރު ބަލާއިރު އެންމެ ފުރަތަމަ ލޮލުގައި އަޅައިގަންނަ އެއް ވާހަކައެވެ. އެ އަނިޔާތައް އެގޮތުގައި ދެމިގެންދާތާ އެތައް އަހަރެއް ފާއިތުވެ ދާއިރު، ވޭން ވަނީ ހައްތަހާ އިތުރެވެ. ކޮންމެ ދުވަހަކީވެސް އިޒްރޭލުގެ ފުރައްސާރައާ ކުރިމަތި ކުރުވާ ދުވަހެކެވެ. ދިރިއުޅުން އެފުށްމިފުށަށް ޖަހާލާނީ ކޮން ވަގުތަކު ކަމެއް ބުނަން ނޭނގޭ ހާލު، ފަލަސްތީނުގެ ރައްޔިތުން ދުވަސްތައް ގުނަމުން ދަނީ އިންތިހާ ނުތަނަވަސް ކަމުގެ ތެރޭގައެވެ. އިރު އެރިއިރު ބޯމަތީގައި އޮތް ފުރާޅަކީ، ރޭގަނޑުގެ އަނދިރިކަން ވެރިވަމުން ދާއިރު ނަފުސު ނިވާކޮށްދޭނެ ހިޔާވައްސަކަށް ނުވެދާނެކަމުގެ ބިރު ތާ އަބަދުމެ ހިތުގައި ދައުރުވެއެވެ.
އެތައް ޒަމާނެއް ވަންދެން އާއިލާތަކުން ދިރިއުޅެމުން ދިޔަ ގޭބިސީތަކުން އެ ޢާއިލާތައް ބޭރުކޮށް، އެ ތަންތަނުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިޒްރޭލުން ހިންގާ ޣައިރު ގާނޫނީ ޖަރީމާ ހުއްޓުވަން ކެރުނު ބަޔަކު މި ދުނިޔޭގައި އަދި ނެތެވެ. ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ، ޔަހޫދީން އާބާދުކުރުމަށް އިޒްރޭލުން ހިންގާ ލާއިންސާނީ ޖަރީމާގެ ޝިކާރައަކަށް ވާ މީހުންގެ އަދަދު އަދިވެސް ދަނީ އިތުރު ވަމުންނެވެ. ޖުލައި 11 ވަނަ ދުވަހަކީވެސް އެފަދަ ދުވަހެކެވެ. އިޒްރޭލުގެ ފުލުހުން ނުކުމެ، ގުދުސްގެ ގޭބިސީއަކުން ފަލަސްތީނުގެ އާއިލާއެއް ނެރެ، މަގުމަތިކޮށްލި ދުވަހެކެވެ.
އިރުމަތީ ގުދުސްގެ ގަދީމީ ސިޓީގައި ސުބް ލަބާންގެ އާއިލާއިން ދިރިއުޅެމުންދާ ގެއަކީ، 1953 ވަނަ އަހަރުން ފެށިގެން އެ އާއިލާއިން ކުއްޔަށް ހިފައިގެން އުޅޭ ގެއެކެވެ. އޭރު އެ ސަރަހައްދުގެ ކޮންޓްރޯލް އޮތީ އުރުދުންގެ އަތްދަށުގައެވެ. ނަމަވެސް އިޒްރޭލުގެ ކޯޓުތަކުން ވަނީ އެ ގެއަކީ، އެ ގޭގެ "ހަގީގީ" ޔަހޫދީ ވެރިންގެ މިލްކެއް ކަމަށް ކަނޑައަޅާފައެވެ.
އަހަރެންގެ ގެދޮރު ގެއްލިއްޖެ. އިސްތިއުމާރީ ބާރުތަކާ ނާޒީން މިވަނީ 3 ވަނަ ފަހަރަށް އަހަރެމެން ވަޒަނުން ބޭރުކޮށްފަ. މިއަދު މި ތަޖުރިބާކުރަނީ 3 ވަނަ ނަކްބާ. އަހަރެމެންގެ އަމިއްލަ ބިންތަކުން އަހަރެމެން ނެރެލަނީ އެ. އަހަރެމެންގެ އަމިއްލަ ގެދޮރުން އެ ނެރުނީ 3 ވަނަ ފަހަރަށް. މި އަޅުވެތިކަމަކީ ޖިނާއީ ކުށެއް. ބަޔަކު އިސްތިއުމާރީ ބާރު ފެތުރުމަކީ ޖިނާއީ ކުށެއް. އަހަރެން ބުނަން ބޭނުމީ ހަމަ އެންމެ ވާހަކައެއް. އަހަރެންގެ ގެދޮރާ، އެ ގޭގެ ހަތަރު ފާރާ، އަހަރެންގެ މާޒީއާ މަންމައާ، ބައްޕައާ، އަޚުންނާ އުޚުތުން ބޭރުގަ ތިބި މީހުންނާ އެކުވި ހަނދާންތައް އަހަރެން މި ވަކީލު ކުރަނީ ﷲއާ.ނޫރާ ޖަމީލް ސުބް ލަބާން؛ ގުދުސްއިން ގެދޮރު ގެއްލުނު މީހެއް
އިޒްރޭލުން އިރުމަތީ ގުދުސް ހިފީ 1967 ވަނަ އަހަރުގެ ހަނގުރާމައިގައެވެ. އެއީ އިޒްރޭލުގެ ބައެއް ކަމުގައި ހަދައި، މުޅި އެ ސިޓީއަކީ އިޒްރޭލުގެ ވެރިކަންކުރާ ރަށް ކަމުގައިވެސް ކަނޑައެޅިއެވެ. ނަމަވެސް އިޒްރޭލުގެ އެ ނިންމުމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ނިންމުމެއް ނޫނެވެ.
ޔަހޫދީ ވަޒަންވެރިންނާ އިޒްރޭލުގެ ސަރުކާރަކީ ޖިނާއީ ގޮތުން ކުށްވެރިން. ޖެނީންއާ ހަވާރާގަ އެމީހުން އެދަނީ ޖިނާއީ ކުށްތަކަށް އަރައިގަންނަމުން. ހުރިހާ ތާކު މީހުން މަރަނީ. ސިލްވާދާ ޝައިޚް ޖައްރާގަވެސް މަރަނީ. އެއްވެސް މީހަކު ދޫކޮށެއްނުލާ. ފަލަސްތީނު މީހުން ހަމަޖެހިލާނެ ހިނދުކޮޅެއް ނުދޭ. ގުދުސް ކީއްކުރަން، ފަލަސްތީނުގެ އެއްވެސް ހިސާބަކު ހަމަޖެހުމެއް ނެތް.ނޫރާ ޖަމީލް ސުބް ލަބާން؛ ގުދުސްއިން ގެދޮރު ގެއްލުނު މީހެއް
ގުދުސްއަކީ ޔަހޫދީންގެ ތާރީޚާ ގުޅިފައިވާ ތަނެއް ކަމުގައި ބުނެ، އިޒްރޭލުގެ ގުރޫޕުތަކުން ދަނީ ގުދުސްގެ އިރުމަތީ ސެކްޓަރުން ގެތައް ގަންނަމުންނެވެ. ނުވަތަ ކޯޓު މެދުވެރިކޮށްގެން އެ ސަރަހައްދުގެ ބިންތައް، ފަލަސްތީނުގެ ރައްޔިތުންގެ އަތުން އަތުލަމުންނެވެ. ދީނީ ގޮތުން މުސްލިމުންނާއި ނަސާރާއިންނަށް ވެސް މުހިންމު ތަނެއްގެ ގޮތުގައި ބަލާ އިރުމަތީ ގުދުސްއަކީ، މުސްތަގުބަލުގައި އުފެދިގެންދާ ފަލަސްތީނުގެ މިނިވަން ދައުލަތުގެ ވެރިކަންކުރާ ސިޓީ ކަމުގައި ހެދުމަކީ ފަލަސްތީނު ރައްޔިތުން މިހާރުވެސް ދެކެމުންދާ ފޮނި ހުވަފެނެކެވެ. ނަމަވެސް އިރުމަތީ ގުދުސްގެ އާބާދީ، ޔަހޫދީ އިޒްރޭލުންގެ ކޮޅަށް ބަރުކުރުމަށް، އިޒްރޭލުން މަސައްކަތް ކުރަމުން ދާކަމަށް ފަލަސްތީނުގެ ރައްޔިތުން ތުހުމަތުކުރެއެވެ. އެއީ ހަމައެކަނި ތުހުމަތުތަކެއް ނޫންކަމާއި، އެއީ ހަގީގަތުގައިވެސް ހިންގާ ޖަރީމާއެއްކަން، ފަލަސްތީނުގެ މަސްރަހުން ލިބެމުންދާ ޚަބަރުތަކަށް ބަލައިލުމުން އެކަނިވެސް ހެކިދެއެވެ.