ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 15:01
މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް ޖަލްސާގެ ތެރެއިން
ރާއްޖެއެމްވީ
ދައުރުން ބޭރު ޖަލްސާ
މަޖިލީހުން މި އެޅުވީ ކޮން އަނދުނެއް؟
ރިޕޯޓު ފާސްކުރިއިރު، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ އަދަދަކީ 18
ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާ ނިމިގެންދިޔައީ ހީކުރި ގޮތާ މުޅިން ޚިލާފަށް
މި ދުވަސްވަރަކީ މަޖިލިސް ރިސެސްގައި އޮވެމެ، މާ ބޮޑެތި ކޮމިޓީ މަސައްކަތްތަކެއް ކުރިއަށް ދާނެ ދުވަސްވަރެއް ނޫން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެކި ސަބަބުތަކާހުރެ ކުރިއަށް ނުގޮސް، އެގޮތް މިގޮތުން ހަލަބޮލިވެ، ޖަލްސާތައް ކުރިއަށް ނުގެންދެވޭތާ ދުވަސްތަކެއް މިވަނީ ވެފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ނާއިބްރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުނު ހިސާބުން މަޖިލިސް އޮތީ މުޅިންހެން މަރުތަޅު އެޅުވިފައެވެ.

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ނުދާތީ އެތައް މަސައްކަތެއް މަޑުޖެހިފައި އޮތްކަމަށް ވިދާޅުވެ ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން މިވީހާ ދުވަހު ކުރައްވަމުން ގެންދެވި އާދޭހަށް ރިޔާސަތުންވެސް ދީފައިވަނީ ބީރު ކަންފަތެކެވެ.

އެހެން އެކަން އޮއްވައި ދައުރުން ބޭރު ޖަލްސާތަކެއް ތާވަލު ކުރި ހިސާބުންވެސް، މި މަސައްކަތް ހިނގާނެ ކަމާމެދު ބޮޑެތި ސުވާލުތަކެއް އުފެދުނެވެ. އެއީ ފާއިތުވި ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާތައް ދިޔަގޮތުންވެސް މެއެވެ.

އެހެންނަމަވެސް، މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ދެވަނަ ޖަލްސާ ނިމިގެންދިޔައީ ހީކުރި ގޮތާ މުޅިން ޚިލާފަށެވެ. ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ ރިޕޯޓަށް ހުށަހެޅިފައިވާ 10އިސްލާޙު ވަކިވަކިން ހުށަހަޅުއްވާ ވޯޓަށް އެއްސެވި މަންޒަރު ފެނިގެން ދިޔައެވެ. އެއަށްފަހު މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލާ ގޮތް މިވަނީ ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީން ހުށަހެޅި ގޮތަށް ފާސްވެގެން ގޮސްފައެވެ.

އޮމާންކަމާއެކު އެހިސާބުން މަޖިލީހުގެ ޖަލްސާވެސް ނިންމަވާލެއްވީ އެ ދުވަހަށް ހަމަ އެޖެންޑާގައި ހުރި މަސައްކަތްތައް ކޮށް ނިންމަވާލައްވާފައެވެ. މި ދުވަސްވަރަކީ މަޖިލިސް ރިސެސްގައި އޮވެމެ، މާ ބޮޑެތި ކޮމިޓީ މަސައްކަތްތަކެއް ކުރިއަށް ދާނެ ދުވަސްވަރެއް ނޫން ނަމަވެސް، އެކަން އެ އޮތީ މިހާރު މަޖިލީހުން ކޮށް ނިންމާފައެވެ.

އެހެންނަމަވެސް، ހަގީގަތުގައި މިއީ މަޖިލީހުގެ މަސައްކަތްތައް ހިނގާކަން ދައްކާލުމަށް ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނަކަށް ވެދާނެބާއެވެ؟ މިހެން މި ބުނަންޖެހުނީ ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި ކޮމިޓީތައް އެކުލަވާލާނެ ގޮތާއި ގުޅޭ ރިޕޯޓު ފާސްކުރިއިރު، ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެންބަރުންގެ އަދަދަކީ 18 އެވެ. ވުމާއެކު، ކޮމިޓީތަކުގެ ކޮމްޕޮޒިޝަން ފާސްވެފައިވާ ގޮތަށް ބަލާއިރު، އެ މެންބަރުންނަށް ކަނޑައެޅިފައިވާ ސްލޮޓްގެ އަދަދަކީ 35 އެކެވެ.

ކޮމިޓީ ރިޕޯޓް އޮޕްޝަން 1 - މަޖިލިސް

އެހެންނަމަވެސް، މި ދެންނެވި 18 މެންބަރުންގެ ތެރޭގައި އެމްޑީޕީން ވަކިވެގަނެގެން، "ދި ޑިމޮކްރެޓްސް" ގެ ނަމުގައި ވަކި ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވާ މެންބަރުންވެސް ހިމެނެއެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް، ރަސްމީ މަސައްކަތްތައް ނިމި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމުގެ މަސައްކަތްތައް އެދަނީ ފަތުއަޑުކިޔާފައި ކުރިއަށެވެ. މާނައަކީ ރިސެސް ނިމި، މަޖިލިސް ހުޅުވޭއިރު، އެއްކަލަ 18 މެންބަރުންނަށް އަނެއްކާވެސް އޮންނާނީ ބަދަލުތަކެއް އައިސްފައެވެ. އަނެއްކާވެސް ހަމަ އެ ޖެހުނީ އަލުން ސުމަކުން ފަށާށެވެ. އެހިސާބުން ދެން ޖެހޭނީ އަނެއްކާވެސް ކޮމިޓީގައި މެންބަރުން އެކުލެވޭ ނިސްބަތްތައް އަލުންބަލުން ފާސް ކުރަން ނޫންތޯއެވެ؟

އެހެންވީމާ، ހޯމަ ދުވަހުގެ ޖަލްސާއަކީ މަޖިލިސް ހިނގާކަން ދައްކާލުމަށް، ރިސެސްގައި އޮތް މުއްދަތު ބަލައި ރައްޔިތުންގެ ލޮލުގައި އެޅުވި އަނދުނަކަށް ވެދާނެބާއެވެ؟ ގޮތް ނިންމަވާނީ ތިބޭފުޅުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް